26 Nov 2019, 13:42
ސުޕްރީމް ކޯޓުން ޖުޑީޝަލް ޓްރެެއިނިން ސެންޓަރު (ޖޭޓީސީ) އުވާލުމަށްފަހު، ޖުޑީޝަލް އެކަޑަމީގެ ނަމުގައި އިދާރާއެއް އުފެއްދި ނަމަވެސް، އެއީ އެ ކޯޓަށް ލިބިގެންވާ ބާރެއް ނޫން ކަމަށާއި އިދާރާތައް އުފެއްދުމާއި އުވާލުމުގެ ބާރެއް ސުޕްރީމް ކޯޓަށް ނެތް ކަމަށް، ހައި ކޯޓުގެ ހުކުމެއްގައި ބުނެފި އެވެ.
ހައިކޯޓުން އެގޮތަށް ބުނީ 2015 ވަނަ އަހަރު ސުޕްރީމް ކޯޓުން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ދަށުން ހިންގާ ޖޭޓީސީ އުވާލުމާއެކު ވަޒީފާ ގެއްލުނު މީހުންގެ ތެރެއިން ދެ މީހެއްގެ ފަރާތުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅި މައްސަލައިގައި ޓްރައިބިއުނަލްއިން ނިންމި ނިންމުމާ ގުޅިގެން އެ ދެމީހުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ނެރުނު ހުކުމުގަ އެވެ.
ހައިކޯޓްގެ ހުކުމުގައި ފާހަގަކޮށްފައި ވަނީ އެ ދެމީހުންގެ ވަޒީފާ ގެއްލުނީ، ގާނޫނުއަސާސީގެ 141 ވަނަ މާއްދާއާއި 156 ވަނަ މާއްދާގެ ދަށުން ބާރުލިބިގެން ކަމަށް ބުނެ ސުޕްރީމް ކޯޓުން ޖޭޓީސީ އުވާލުމުން ކަމަށެވެ.
ނަމަވެސް ހައިކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވަނީ ގާނޫނުއަސާސީގެ 141 ވަނަ މާއްދާގެ ހ. އާއި ރ. އާއި ދެމެދު ބަޔާން ކޮށްފައިވާ ކަންކަމާއި 156 ވަނަ މާއްދާއަށް ބަލާއިރު ގާނޫނަކުން ސީދާ ބާރުލިބިގެން ނޫނީ އެހެން އެއްވެސް ފަރާތަކަށް އެއްވެސް މާނައެއްގައި އިދާރާއެއް އުފައްދައި އުވާލުމުގެ އިހުތިޔާރެއް ބާރެއް ދީފައިވާކަން ސީދާ އަދި ނުސީދާ ކޮށްވެސް ފެންނަން ނެތް ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ ވެރިކަން ބިނާވެގެންވާ ތިން ބާރަކީ މިނިވަން، މުސްތަގިއްލު ތިން ބާރު ކަމުގައި ވިޔަސް، އެއީ ވަކިވަކި ސަރުކާރުތަކެއް ނޫން ކަމާއި، އެއިން ކޮންމެ ބާރަކުން އަމިއްލައަށް އިދާރާތައް އުފައްދައި، އުވާލަން ވެއްޖެނަމަ ގާނޫނު އަސާސީގެ ދެ ވަނަ މާއްދާގައި ބަޔާންކުރާ ޔުނިޓަރީ ދައުލަތެއްގެ ސިފަ ގެއްލިގެންދާނެ ކަމަށް ހައިކޯޓުގެ ހުކުމުގައި ބުނެފައި ވެއެވެ.
ހައިކޯޓުން އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ އިސް ފަނޑިޔާރު ޝުޖާއު އުސްމާން އާއި ފަނޑިޔާރު މުހައްމަދު ނިޔާޒުގެ އިތުރުން ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ.
އެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނެރުއްވި ހުކުމުގައި ބަޔާންކޮށްފައިވަނީ ސަރުކާރުން ބަންދު ނޫން ހަތް ދުވަހުގެ ތެރޭގައި އެ ދެމީހުން ތިބި ވަޒީފާ އަލުން ދިނުމަށް ނުވަތަ އެ ވަޒީފާ ދެވެން ނެތް ނަމަ، އެ ވަޒީފާއާއި ގުޅޭ އެހެން ވަޒީފާއެއް ދިނުމަށެވެ.
މީގެ އިތުރުން އެ މީހުން ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަލުން އިޔާދަ ކުރެވޭ ދުވަހާ ހަމައަށް އެމީހުން ކުރިން އަދާކުރަމުންދިޔަ ވަޒީފާއިން ލިބެމުންދިޔަ މުސާރައާއި އިނާޔަތްތައް، އެ މުއްދަތުގައި އެމީހުން އެހެން ވަޒީފާއެއް އަދާކުރި މުއްދަތު އުނި ކުރުމަށްފަހު، ދޭން ޖެހޭނެ ކަމަށް ވެސް އެ ހުކުމުގައި ބުނެފައި ވެއެވެ.