26 Nov 2019, 13:20
ދިއްލީ (ނޮވެމްބަރު 26): އިންޑިއާގައި މީހެއްގެ ހަށިގަނޑުން 7.4 ކިލޯގެ ކިޑްނީއެއް ނަގާފައިވާ ކަމަށް އެގައުމުގެ ޑޮކްޓަރުން ބުނެފި އެވެ.
ދިއްލީގެ ސަރ ގަންގާ ރާމް ހޮސްޕިޓަލުން ބުނި ގޮތުގައި އެއީ މިހާތަނަށް އިންޑިއާގައި މީހެއްގެ ހަށިގަނޑުން ނެގި އެންމެ ބޮޑު ކިޑްނީ އެވެ. އަދި 56 އަހަރުގެ އެމީހާގެ ކިޑްނީ އެހާވަރަށް ބޮޑުވީ، އޮޓޮޒޯމަލް ޑޮމިނެންސް ޕޮލިސިސްޓިކް ކިޑްނީ ޑިޒީސް ކިޔާ ބައްޔެއްގެ ސަބަބުން އެމީހާގެ ކިޑްނީގައި ސިސްޓު އުފެދުމުންނެވެ.
އާއްމު ގޮތެއްގައި ކިޑްނީއެއްގައި ހުންނަނީ 120އާއި 150 ގްރާމާ ދެމެދުގެ ބަރުދަނަކާއި 12 ސެންޓިމީޓަރުގެ ދިގުމިނެވެ. ނަމަވެސް ދިއްލީގައި އޮޕަރޭޝަންކޮށްގެން ނެގި ކިޑްނީގެ ދިގު މިނުގައި 45 ސެންޓިމީޓަރު (18 އިންޗި) ހުއްޓެވެ.
އެ ހޮސްޕިޓަލުން އިއްޔެ ބުނި ގޮތުގައި ދެ ގަޑިއިރަށް ދެމިގެންދިޔަ އެ އޮޕަރޭޝަން ކުރިއަށްގެންދިޔައީ މިދިޔަ މަހުގަ އެވެ. އަދި އެ ހޮސްޕިޓަލުގެ ޑޮކްޓަރެއް ކަމަށްވާ ސަޗިން ކަތުރިއާ ވިދާޅުވި ގޮތުގައި ގިނެސް ވޯލްޑް ރެކޯޑްސްގައި އެންމެ ބަރު ކިޑްނީގެ ގޮތުގައި މިހާރު ފާހަގަކޮށްފައި ވަނީ 2017 ވަނަ އަހަރު ދުބާއީގައި ނެގި 4.5 ކިލޯގެ ކިޑްނީއެކެވެ.
ނަމަވެސް ޔޫރޮލޮޖީ ޖާނަލްތަކުން ދައްކާ ގޮތުގައި އެއަށް ވުރެ ބަރު ކިޑްނީތައް މީހުންގެ ހަށިގަނޑުން ނަގާފައިވެ އެވެ. އަދި އޭގެ ތެރޭގައި އެމެރިކާގެ މީހެއްގެ ހަށިގަނޑުން ނެގި ނުވަ ކިލޯގެ ކިޑްނީއަކާއި ނެދަލޭންޑްސްގެ މީހެއްގެ ހަށިގަނޑުން ނެގި 8.7 ކިލޯގެ ކިޑްނީއެއް ހިމެނެ އެވެ.
ކަތުރިއާ ވިދާޅުވި ގޮތުގައި ކިޑްނީ ނެގި މީހާގެ ހާލު މިހާރު ރަނގަޅެވެ. އަދި އާ ކިޑްނީއެއްގެ އިންތިޒާރުގައި އޮތް އެ މީހާ ދަނީ ޑައިލިސިސް ހަދަމުންނެވެ.