23 Nov 2011, 17:34
ނޮވެމްބަރު 3، 1988ގެ "އުދުވާން"ގެ 19 ދިވެއްސަކު ޝަހީދުކޮށްލުމުގައި އިސްރޯލެއް ކުޅުނު ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ބޭސްފަރުވާ އަށް ސްރީލަންކާ އަށް ސަރުކާރުން ފޮނުވާލައި އޭނާ ފިލުވީ ކަމަށް ޕީޕީއެމުން ބުނެފި އެވެ.
ޕީޕީއެމުން މިއަދު ހަވީރު ބޭއްވި ނޫސްކޮންފަރެއްސެއްގައި އެ ޕާޓީގެ ވަގުތީ ނައިބް ރައީސް އުމަރު ނަސީރު ވިދާޅުވީ ސަރުކާރުން ލުތުފީ ބޭސްފަރުވާއަށް ކަމަށް ބުނެ ލަންކާ އަށް ފޮނުވާފައި އޭނާ ފިލުވައި ހުރިހާ ހަރަދުތަކެއް ބަލަހައްޓަމުން ގެންދަނީ ސަރުކާރުންކަމަށާއި އަދި އޭނާ އެތާގައި ދިރިއުޅޭނީ ވަރަށް އަރާމުގައި ކަމަށެވެ.
"ސަރުކާރުން މިހާރު ވަނީ އޭނާ ފިލި މީހެއްކަށް ބަލާފައި. ]އެކަމަކު[ އޭނާ އަކީ އެއްގޮތަކަށް ވެސް ފިލި މީހެއްނޫން ފިލުވި މީހެއް. އެކަމާ ބެހޭ އެންމެ ބޮޑު ހެއްކަކީ ލުތުފީ ލަންކާ އަށް ދިޔަތާ އަހަރުތަކެވީއިރު ވެސް އޭނަ ރާއްޖެ ގެންނަން މަސައްކަތެއް ނުކުރޭ. އަދި ސަރުކާރުން އޭނާ އަށް ހަރަދުކުރާކަށް އެބައިނގޭ. މީގެ އިތުރަށް ވެސް ލަންކާގެ ނޫހަކަށް ދިން އިއްޓަވިއުއެއްގައި ލުތުފީ ބުނެފައި އެބައޮތް ރައީސް ނަޝީދަކީ ގާތްރައްޓެއްސެއް ކަމަށް،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ލަންކާގެ ޓެރަރިސްޓު ޖަމާއަތަކާ އެކު ރާއްޖެ އައިސް ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގައި 19 މީހަކު ޝަހިދުކޮށްލާފައިވާ މީހެއް ސަރުކާރުން ފިލުވާފައި ވާތީ އެ މައްސލަ ވަރަށް ސީރިއަސްކޮށް ޕީޕިއެމުން ބަލާނެ ކަމަށާއި އެ މައްސަލާގައި ޒިންމާވާ ފަރާތްތަކާ މެދު ޕީޕީއެމުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
އޭނާ އަދި ވިދާޅުވީ ތިނެއް ނޮވެމްބަރުގެ ހާދިސާގެ އިސް މީހަކު މިސަރުކާރުން ފިލުވުމުން އެކަމާ ހައިރާން ނުވާ ކަމަށާއި އެކަމުގެ އެންމެ އިސްކޮށްތިއްބެވި މީހުންނަށް މިސަރުކާރުގެ އިސް މަގާމުތައް ދިނުމާއި ރައީސް ނަޝީދުގެ ޅިޔަނު ސިއްކަ އަކީ މިހަމަލާތައް ރޭވުމަށް ހަރަދު ކުރި ފަރާތެއް ކަމަށް އުމަރު ވިދާޅުވި އެވެ.