26 Nov 2019, 13:08
ސެންޓާ ފޯ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގެ އިސްލާމް ޓީޗަރަކު އެ ސްކޫލުގެ ދަރިވަރުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލާގައި 2017 ވަނަ އަހަރު ފިޔަވަޅު އަޅާފައިވާ ކަމަށް އެ ސްކޫލުން ބުނެފި އެވެ.
ސީއެޗްއެސްއީގެ ޓީޗަރަކު އެތައް އަހަރެއް ވަންދެން ދަރިވަރުންނަށް ޖިންސީ ފުރައްސާރަ ކުރަމުންދާ ކަމަށާއި އެކަމާ ގުޅިގެން އެ ސްކޫލުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި މިފަހުން ވަނީ ވާހަކަ ދެކެވިފަ އެވެ.
އެ މައްސަލާގައި ރޭ އެޑިއުކޭޝަން މިނިސްޓްރީ އިން ނެރުނު ބަޔާނުގައި ބުނީ ސީއެޗްއެސްސީގެ އިސްލާމް މުދައްރިސެއް ކަމަށްވާ ހަސަން ޒަރީރާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކާ ގުޅޭ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށެވެ.
އެ ބަޔާނުގައި ބުނީ ޒަރީރާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގޭ ކަމަށެވެ.
"މިހާތަނަށް ބެލި ބެލުމުން އޭގައި ދަރިވަރުން ފާހަގަކޮށްފައިވާ ކަންތައްތަކަކީ ހަސަން ޒަރީރުގެ ފަރާތުން ހިނގާފައިވާ ކަންކަން ކަމުގައި ބެލެވެ އެވެ. މިފަދަ ކަންކަމަކީ އިތުބާރުކުރެވޭ ފަދަ މަގާމެއްގައި ހުރި މީހަކު، އޭނާގެ ބެލެހެއްޓުމުގެ ދަށުގައިވާ ފަރާތްތަކާ މެދު ހިންގައިގެންވާނެ އަމަލިތަކެއް ކަމުގައި ނުދެކެމެވެ،" އެޑިއުކޭޝަނުގެ ބަޔާނުގައި ބުނެފައިވެ އެވެ.
ބަޔާނާ ގުޅިގެން ސީއެޗްއެސްސީ އިން މިއަދު ވަނީ ޓުވީޓެއްކޮށްފަ އެވެ. އެ ސްކޫލުން ކުރި ޓުވީޓުގައި ބުނީ އެ މައްސަލަ ސްކޫލުގެ ސަމާލުކަމަށް އައީ 2017 ވަނަ އަހަރު ކަމަށާއި އެ މައްސަލަ ސްކޫލުގެ ސަމާލު ކަމަށް އައި ވަގުތުން ފެށިގެން އެ ޓީޗަރު ކްލާސްތަކަށް ނުފޮނުވާ ކަމަށެވެ.
އެ މައްސަލަ އެޑިއުކޭޝަނާ ހިއްސާ ކުރި ކަމަށާއި އެ މިނިސްޓްރީގެ ލަފާގެ މަތިން މައްސަލަ ބަލާ، އެ މައްސަލައާ ގުޅޭ ހުރިހާ ދަރިވަރުންގެ ބަޔާން ނަގާ، އެ ބަޔާންތައް މިނިސްޓްރީ އާ ހިއްސާކޮށްފައިވާނެ ކަމަށް އެ ސްކޫލުން ބުންޏެވެ.
އަދި އެ މައްސަލައަކީ އެޑިއުކޭޝަނުން ގޮތެއް ނިންމާފައިވާ މައްސަލައެއް ކަމަށް ވެސް އެ ސްކޫލުން ބުންޏެވެ.
އެ މައްސަލާގައި އެޑިއުކޭޝަނުން ނެރުނު ބަޔާނުގައި އިތުރަށް ބުނީ ސްކޫލު މާހައުލަކީ ދަރިވަރުންނަށް ރައްކާތެރި މާހައުލަކަށް ހެދުމަށް އެ މިނިސްޓްރީ އިން އަބަދު ވެސް އިސްކަންދޭ ކަމަށާއި އެއްވެސް ބާވަތެއްގެ ފުރައްސާރައެއް ދަރިވަރުންނަށް ކުރިމަތިވެދާނެ ކަމެއް ސްކޫލުގެ އެއްވެސް މުވައްޒަފެއްގެ ފަރާތުން ހިންގާފައިވާ ނަމަ އެކަން ބަލައި އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.
މީގެ ކުރިން ވެސް އަމަލުކޮށްފައި ވާނީ އެފަދައިން ކަމަށާއި ދަރިވަރެއްގެ ޖިސްމަށް، އަބުރަށް އަދި ކަރާމާތަށް އުނިކަމެއް އަންނަ ކަމެއް އެއްވެސް ފަރާތަކުން ކުރާނަމަ، އެކަން ބަލައި ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ދަރިވަރުންނަށާއި ބެލެނިވެރިންނަށް އަރުވާ ކަމަށް އެޑިއުކޭޝަނުގެ ބަޔާނުގައިވެ އެވެ.
ސްކޫލު މާހައުލަކީ ރައްކާތެރިކަމާ އެކު ހިނިތުންވެތިބެ އުނގެނުމަށް ފަހި ފުރުސަތުތަކެއް ތަނަވަސްވެފައިވާ ތަނަކަށް ހެދުމަށް މިނިސްޓްރީ އިން އަބަދު ވެސް މަސައްކަތްކުރާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.