26 Nov 2019, 12:31
ހަމައެކަނި ފަނޑިޔާރުން ބަދަލުވެގެން، ޝަރުއީ ނިޒާމު އިސްލާހުވާނެ ކަމަށް ގަބޫލުކުރައްވަން ދަތިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މި މަހުގެ 18 ވަނަ ދުވަހު ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ މަގާމުން ވަކިކޮށްފައިވާއިރު، މިދިޔަ އޯގަސްޓް މަހު ފަނޑިޔާރު އަބްދުﷲ ދީދީ ވެސް ވަނީ މަގާމުން ވަކިކޮށްފަ އެވެ. އަދި މާދަމާގެ ޖަލްސާއަށް، ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވަކިކުރުމުގެ މައްސަލަ ވަނީ އެޖެންޑާކޮށްފަ އެވެ.
އެކަމާ ގުޅިގެން މިއަދު ނަޝީދު ވިދާޅުވީ މާދަމާ ފަނޑިޔާރު ޣަނީ މަގާމުން ވަކިކުރުމުން ސުޕްރީމް ކޯޓުގެ ބެންޗު މުޅިން ބަދަލުވީ ކަމަށެވެ. އެހެން ނަމަވެސް ނަޝީދު ވިދާޅުވީ ހަމައެކަނި ފަނޑިޔާރުން ބަދަލުކޮށްގެން ޝަރުއީ ނިޒާމު އިސްލާހު ނުކުރެވޭނެ ކަމަށެވެ.
"ފަނޑިޔާރުން ބަދަލުވެގެން އެކަނި ޝަރުއީ ނިޒާމު އިސްލާހު ވެދާނެ ކަމަށް ދެކެން އަޅުގަނޑަށް ހަމަ ކަށަވަރުން ވެސް އުނދަގޫ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ޝަރުއީ ދާއިރާ އިސްލާހުކުރުމަށް، ހުރިހާ އިންތިޒާމްތަކާއި ނިޒާމުތައް ހަރުދަނާ ކުރަން ޖެހޭ ކަމަށެވެ. އަދި މީހުން ތަމްރީނު ކުރުމާ ފަނޑިޔާރުންނަށް ދިމާވާ މައްސަލަތަކުގެ އިތުރުން ފަނޑިޔާރުންގެ ހުރިހާ ކަމެއް ވެސް ވަރަށް ގާތުން ބަލަން ޖެހޭ ކަމަށެވެ.
ޝަރުއީ ދާއިރާ އިސްލާހުކޮށް، އިންސާފު ގާއިމުކޮށްދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ.
ނަޝީދު މިއަދު ވަނީ ފަނޑިޔާރުންގެ ގާނޫނަށާއި ކޯޓުތަކުގެ ގާނޫނަށް އެމްޑީޕީން އިސްލާހު ހުށަހަޅާނެ ކަމަށް މި ދައުރުގައި އެ ޕާޓީން ހުށަހަޅާ ލެޖިސްލޭޓީވް އެޖެންޑާގައި ބުނެފައިވީ ނަމަވެސް، އެ ދެ އިސްލާހު އަދި ހުށަހަޅާފައި ނުވާ ކަން ފާހަގަކުރައްވައިފަ އެވެ.
ނަޝީދު ވިދާޅުވީ އެ ބިލް ޑްރާފްޓް ކުރަން ހަވާލުކުރި ޖުޑީޝަރީ ކޮމިޓީން އެ ބިލުގެ މަސައްކަތް ކޮށްފައި ނުވާކަމަށާއި، އެ ކޮމިޓީއަށް އެކަން ކުރެވެން ނެތް ނަމަ އެހެން ކޮމިޓީއަކާ ހަވާލުކޮށްގެން ވެސް އެ ދެ ބިލުގެ މަސައްކަތް ނިންމަން ޖެހިފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ވަކިކޮށް، ފަނޑިޔާރު ޣަނީ ވަކިކުރުމުގެ މައްސަލަ މާދަމާއަށް އެޖެންޑާ ކޮށްފައި ވާއިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ފަނޑިޔާރު އަބްދުﷲ އަރީފް ވަނީ ރިޓަޔާ ކުރައްވައިފައެވެ. އެހެންކަމުން އެ ކޯޓުގެ ހިންގުން މިހާރު ވަނީ ވަގުތީ ގޮތުން ފަނޑިޔާރު ޑރ. އަޒްމިރަލްޑާ ޒާހިރާ ހަވާލުކޮށްފަ އެވެ.
އެ ކޯޓުގެ ހުސްވެފައިވާ ތިން ފަނޑިޔާރުންގެ މަގާމަށް ކުރިމަތިލާން މިހާރު ވަނީ ހުޅުވާލައިފަ އެވެ.