26 Nov 2019, 11:49
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު މަގާމުން ވަކިކުރުމުގެ މައްސަލަ މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރަން ނިންމައިފި އެވެ.
މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ފަނޑިޔާރު ޣަނީ ސަސްޕެންޑުކޮށް އޭނާ މަގާމުން ވަކި ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުވާފައިވާ މައްސަލަ މާދަމާގެ ޖަލްސާގައި އެޖެންޑާ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
"މާދަމާގެ ޖަލްސާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ވަކި ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން މިތަނަށް ފޮނުވާފައިވާ މައްސަލަ ރިޔާސަތުން އިރާދަކުރެއްވިއްޔާ އިއުލާން ކުރެވޭނެ،" ނަޝީދު ވިދާޅުވި އެވެ.
ފަނޑިޔާރު ޣަނީ މަގާމުން ވަކި ކުރަން ނިންމައި ޖޭއެސްސީން ވަނީ އޭނާ 60 ދުވަހަށް ސަސްޕެންޑުކޮށްފަ އެވެ.
އޭނާ ސުޕްރީމު ކޯޓުގެ ފަނޑިޔާރު ކަމުން ވަކިކުރަން ނިންމާފައި ވާއިރު އޭނާގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީން ދަނީ ބަލަމުންނެވެ. އެއީ ސުޕްރީމް ކޯޓުގައި ގާނޫނާ ހިލާފަށް ނިންމި މައްސަލަތަކާ ގުޅިގެން ބަލަމުންދާ ސުލޫކީ މައްސަލަތަކެކެވެ. ޖޭއެސްސީއިން މީގެ ކުރިން ހާމަކުރި ގޮތުގައި އޭނާގެ ތިން މައްސަލައެއް އެ ކޮމިޝަނުން ދަނީ ބަލަމުންނެވެ.
އޭގެ އިތުރުން އޭސީސީންވެސް އޭނާގެ މައްސަލައެއް ދަނީ ބަލަމުންނެވެ. އޭސީސީއިން ބަލަމުން ދަނީ ފަނޑިޔާރު ޣަނީ ހައިކޯޓުގެ އިސް ގާޒީކަމުގައި ހުންނެވިއިރު 2012 ވަނަ އަހަރު ހިންގާފައިވާ އަމަލެއްގައި ކޮރަޕްޝަން ހިމެނޭކަމަށް ބުނެ އެ ކޮމިޝަނަށް ހުށަހެޅި މައްސަލައެއްކަން އެނގިފައި ވެއެވެ.
"ސަން"އަށް ވަނީ އެމައްސަލައާ ގުޅޭ ލިޔުންތަކެއް ލިބިފަ އެވެ. ލިޔުންތަކުގައި ވާގޮތުން ފަނޑިޔާރު އަބްދުލްޣަނީ ވަނީ ދެމީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވި މައްސަލައެއްގައި އެތަނުން އެކަކުގެ މައްސަލައިގެ ފައިލް ވަކި އެއްޗެއް ނާންގާ ގިނަ ދުވަސްތަކެއް ވަންދެން ފޮރުވާފައި ބާއްވާފައެވެ.
މައްސަލަ ހުށަހެޅި ފަރާތުން ތުހުމަތު ކޮށްފައިވަނީ އެ މައްސަލައިގައި ދައުވާ ލިބޭ އަންހެން ކުއްޖާއަށް ހައިކޯޓުން ވަޒީފާ ދީފައިވާ ކަމަށެވެ. އަދި ފަނޑިޔާރު އަބްދުލްޣަނީއާ ގާތް ގުޅުމެއް އޮތް ކަމަށެވެ.
ފަނޑިޔާރު އަބްދުލްޣަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނު ކުރެވުނީ 2018 ވަނަ އަހަރު ޖުލައި މަހުގެ ތެރޭގައެވެ.
ފަނޑިޔާރު ޣަނީ މަގާމުން ވަކި ކުރުމުގެ މައްސަލަ މާދަމާއަށް އެޖެންޑާ ކުރަން ނިންމާފައިވާ އިރު ރައްޔިތުންގެ މަޖިލީހުން ވަނީ މި މަހުގެ 18 ވަނަ ދުވަހު ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ މަގާމުން ވަކިކޮށްފައެވެ. އަދި އޮގަސްޓް 28ގައި އެ ކޯޓުގެ ފަނޑިޔާރުކަމުން އަބްދުﷲ ދީދީ ވަނީ ވަކިކޮށްފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ފަނޑިޔާރު އަބްދުﷲ އަރީފް ރިޓަޔާ ކުރައްވާފައިވާއިރު އެ ކޯޓުގެ ހިންގުން މިހާރު ވަނީ ވަގުތީ ގޮތުން ފަނޑިޔާރު ޑރ. އަޒްމިރަލްޑާ ޒާހިރާ ހަވާލުކޮށްފައެވެ.