23 Nov 2011, 17:24
އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީޒް )އައިއެފްއާރްސީ(ގެ މެންބަރެއްގެ ގޮތުގައި ދިވެހި ރެޑް ކްރެސެންޓް ބަލައިގެންފި އެވެ.
އައިއެފްއާރްސީގެ 187 ވަނަ މެންބަރު ގައުމުގެ ގޮތުގައި ރާއްޖޭގެ ރެޑް ކްރެސެންޓް ބަލައިގެންފައި ވަނީ ސްވިޒަލެންޑްގެ ޖެނީވާގައި މިއަދު ބޭއްވި އެ ފެޑެރޭޝަންގެ އާންމު މަޖިލީހުގެ ބައްދަލުވުމުގަ އެވެ. މަޖިލީހުގެ ފުރަތަމަ އެޖެންޑާއެއްގެ ގޮތުގައި ރާއްޖެ އަށް އެ ޖަމާއަތުގެ މެންބަރުކަން ދިނުމުން ދިވެހި ރެޑް ކްރެސެންޓްގެ ރައީސް އިބްރާހިމް ޝަފީގު އެ ޖަމާއަތަށް ޝުކުރުއަދާ ކުރައްވައި ވާހަކަފުޅު ދެއްކެވި އެވެ.
އޭނާ ވިދާޅުވީ އައިއެފްއާރްސީގެ މެންބަރަކަން ރާއްޖޭގެ ރެޑް ކްރެސެންޓްވުމަށް ލިބުނީ 10 ޝަރުތެއް ފުރިހަމަކޮށްގެން ކަމަށެވެ. އެގޮތުން އެ ޖަމާއަތުގެ މެންބަރަކަށް ވުމުން ދިވެހި ރެޑް ކްރެސެންޓަށް ގާނޫނީ ހައިސިއްޔަތު ލިބުމާއި ކުއްލި ހާލައްތަކަށް އިޖާބަދިނުމުގެ ސިސްޓަމްތައް ބޭނުންކުރުމާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ އެޖަމާއަތުގެ އަމަލީ މަސައްކަތުގައި ދިވެހިން ބައިވެރިވުމުގެ ފުރުސަތު ފިހިވެގެންދާނެ ކަމަށެވެ.
އައިއެފްއާރްސީގެ މެންބަރަކަށް ވުމުން ދިވެހި ރެޑް ކްރެސެންޓްގެ މެންބަރުންނަށާއި މުވައްޒަފުންނަށް އެ ޖަމާއަތުން ވަނީ މަރުހަބާ ކިޔާފަ އެވެ.