26 Nov 2019, 10:16
ޓެރަރިސްޓް ޖަމާއަތްތަކުގެ މެންބަރަކަށް ދިވެހިން ވުމާ ގުޅޭ ގޮތުން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ އަދަދު އިތުރުވެފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު އާންމު ކުރެއްވި ހައްދުފަހަނަ އަޅާ ދިޔުމުގެ މައްސަލަތަކާ ގުޅޭ ތަފާސް ހިސާބުތަކުގައިވާ ގޮތުގައި ޓެރަރިސްޓް ޖަމާއަތެއްގެ މެމްބަރަކަށް ވުމުގެ ހަތް މައްސަލައެއް މިއަހަރު އެކަނި ވެސް ވަނީ ހުށަހަޅާފަ އެވެ. އެފަދަ މައްސަލަތަކުގެ ތެރެއިން ތިން މައްސަލައެއް ބަލަން ފަށާފައިވާ އިރު، އޭގެ ތެރެއިން އެއް މައްސަލަ ވަނީ ފައިލްކޮށްފަ އެވެ.
ޓެރަރިސްޓް ޖަމާއަތެއްގެ މެމްބަރަކަށް ވުމާ ގުޅޭގޮތުން 2017 އަދި 2018 ވަނަ އަހަރު ޖުމްލަ ދެ މައްސަލަ ހުށަހެޅިއިރު، އެ ދެ އަހަރުގެ ތެރޭގައި ދެ މައްސަލަ މައްސަލަ ބަލަން ފެށިއިރު އެއް މައްސަލަ ވަނީ ފައިލްކޮށްފަ އެވެ.
ދީނީ ހަރުކަށި ފިކުރާ ގުޅިގެން މިއަހަރު ހުށަހެޅުނު އިތުރު މައްސަލަތައް؛
ވަކި ޖަމާއަތް ހަދައިގެން ނަމާދުކުރުމާއި ދީނީ ދަރުސް ދިނުން: 2 މައްސަލަ
- ޓެރަރިސްޓް ޖަމާއަތަކަށް މީހުން ރެކްރޫޓް ކުރުން: 2 މައްސަލަ
- ޓެރަރިސްޓް ޖަމާއަތަކަށް ފައިސާގެ އެހީވުން: 1 މައްސަލަ
- ކުޑަކުދިންނަށް ވެކްސިން ނުދިނުން: 3 މައްސަލަ
- ޓެރަރިޒަމްގެ އެހެނިހެން ކުށް: 5 މައްސަލަ
ޓެރަރިޒަމްއަށް ހިތްވަރު ލިބޭ ފަދަ ކަމެއް ކުރުން ނުވަތަ އެއްޗެއް ލިޔުން ނުވަތަ މުއާމަލާތެއް ކުރުމާ ގުޅޭ ދެ މައްސަލަ ވެސް މިއަހަރުގެ ވަނީ ހުށަހަޅާފަ އެވެ.
މީގެ އިތުރުން 18 އަހަރުން ދަށުގެ ކުދިން ކައިވެނި ކުރުމުގެ އެއްވެސް މައްސަލައެއް 2014 ވަނަ އަހަރުގެ ފަހުން ހުށަހަޅާފައިނުވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
އެގޮތުން 2014 ވަނަ އަހަރު ފުލުހުންނަށް އެފަދަ ތިން މައްސަލައެއް ހުށަހެޅި ކަމަށާއި ހަމަ އެ އަހަރު އެފަދަ ދެ މައްސަލަ ބަލަން ފެށިއިރު، 2015 އަދި 2018 ވަނަ އަހަރު ދެ މައްސަލަ ވަނީ ބަލަން ފަށައިފަ އެވެ. އަދި 2016 ވަނަ އަހަރު އެއް މައްސަލައެއް ވަނީ ތަހުގީގު ނިންމާ ދައުވާ ކުރަން ޕީޖީއަށް ފޮނުވާފަ އެވެ.