ލަނޑާ ނަގާ ދޯންޏެއްގައި މާރާމާރީ ހިންގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާ ދިނުމަށް ފަހު ކަނޑަށް އެއްލާލުމުގައި ބައިވެރިވެފައި ވަނީ އެންމެ މީހަކު ކަމަށާއި، މާރާމާރީ ހިނގި ވަގުތު އެހެން މީހުން ތިބީ ނިދާފައި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި އެ ހާދިސާ ހިނގީ ދީނީ ހަރުކަށި ފިކުރުގެ ބައެއްގެ މެދުގަ އެވެ. ހަމަލާ ދިނުމަށް ފަހު ކަނޑަށް އެއްލާލީ، ރ. މަޑުއްވަރީއަށް ނިސްބަތްވާ ހައްމާދު ނަމަކަށް ކިޔާ 26 އަހަރުގެ މީހެކެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ މައްސަލައިގައި މިހާތަނަށް ކުރިއަށް ގެންދިޔަ ތަހުގީގަށް ފެނުނީ މައްސަލައިގައި ހައްޔަރު ކުރަން ޖެހެނީ އެންމެ މީހެއް ކަމަށެވެ. އަދި އެމީހާ މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހައްމާދަށް ހަމަލާ ދިން މައްސަލައިގައި 30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް އޭނާގެ ބަންދަށް ވަނީ 10 ދުވަސް ޖަހައިފަ އެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްމާދަށް ލަނޑާ ދޯނީގައި ހަމަލާ ދިނީ ހަރުކަށި ފިކުރުގެ މީހުންނާ ރޭވި ކަމަކަށް އޭނާ އެއްބަސް ނުވުމުންނެވެ. އެނގިފައިވާ ގޮތުގައި އެ މީހުން އޭނާ މަރަން އުޅުނީ އަމިއްލައަށް މަރުގެ ހުކުމް އިއްވުމަށް ފަހު އެވެ.

އެ ހާދިސާގައި ހައްމާދުގެ ބޮލުގެ ފުށްކިބައަށާއި މޫނާއި ކަނދުރާގެ އިތުރުން އަތްތިލައަށް ފަޅިން ހަމަލާދީފައިވެ އެވެ. އެގޮތުން އޭނާގެ ބޮލަށް ތޫނު އެއްޗަކުން ހަމަލާދީ ކަފާލާފައިވާ އިރު ކަނދުރާއަށް ވެސް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވެ އެވެ.

ހައްމާދަށް މިވަގުތު ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗްގެ އައިސިޔޫގަ އެވެ.

ޒަހަމްކޮށްލުމަށް ފަހު ހައްމާދު ކަނޑަށް އެއްލާލުމުން އޭނާ ވަނީ ފަތާފައި ގޮސް އއ. މާޅޮހަށް އަރައިފަ އެވެ. އެ ރަށުގެ ޒުވާނުންތަކަކަށް އޭނާ ފެނިގެން ސިއްހީ މަރުކަޒަށް ގެންދިޔަ ފަހުން ދޯނިން ދެ މީހަކު މާޅޮހަށް އަރައި އޭނާ ހޯދަން މަސައްކަތް ކުރި ކަމަށްވެ އެވެ.

އެހެން ނަމަވެސް އެ މައްސަލައިގައި އިތުރު މީހަކު ހައްޔަރުކުރަން ޖެހޭ ކަމަށް ތަހުގީގަށް ފެނިފައި ނުވާކަމާށާއި އަދި މާރާމާރީ ހިނގި ދޯނި ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން ޖެހޭ ސަބަބެއް ވެސް ނެތް ކަމަށް އިމްރާން ވިދާޅުވި އެވެ.

އިމްރާންގެ ޖަވާބާ ގުޅިގެން މަޖިލީހުގެ ބައެއް މެމްބަރުން ވަނީ، ކަން ހިނގިގޮތް ސާފުކުރަން އެ ދޯނި ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން ޖެހޭ ކަމަށާއި އަދި އެ ދޯނީގައި ތިބި އެހެން މީހުންނާ ވެސް ސުވާލު ކުރަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.

މަޖިލީހުގެ ނައިބު ރައީސް، އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ މިނިސްޓަރު މަޖިލީހުގައި އެއްވެސް ވަރަކަށް އިތުރުފުޅު ހައްދަވައިގެން ނުވާނެ ކަމަށާއި، މަޖިލީހަށް ދެއްވަން ޖެހޭނީ ތެދު މައުލޫމާތު ކަމަށެވެ. އަދި މައުލޫމާތު އެނގިވަޑައިގެން ނެތް ނަމަ އެގޮތަށް ދެންނެވުމަށް ވެސް އީވާ ވަނީ ވިދާޅުވެފަ އެވެ.

އީވާ ވިދާޅުވީ ހައްމާދަށް ވަޅިން ހަމަލާދިން އިރު، ދޯނީގައި ދެންތިބި މީހުން ގަދަ ނިދީގައި ތިބި ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އެންމެ މީހަކު ހައްޔަރުކޮށްގެން ރަނގަޅަށް ތަހުގީގު ކުރެވޭނެ ކަމަށް ވެސް ގަބޫލުނުކުރައްވާ ކަމަށެވެ.