23 Nov 2011, 17:20
ޓްރާންސްކްރިޕްޓަކަށް ބެލުމެއްނެތި ހަމައެކަނި ސެޓްފިކެޓް ޓައިޓަލްއަށް ބަލައި ޝަރީއާ ކިޔެވިކަމަށް ޖުޑީޝަލް ސާވިސްކޮމިޝަން (ޖޭއެސްސީ) އަކަށް ކަނޑަނޭޅޭނެ ކަމަށް ގާނޫނީ ވަކީލުން ވިދާޅުވެއްޖެ އެވެ.
އެ ބޭފުޅުން މިހެންވިދާޅުވީ ފަނޑިޔާރުން އައްޔަންކުރުމަށް ޖޭއެސްސީން ކުރަމުން ގެންދާ މަސައްކަތް ހުއްޓުވައިދިނުމަށް ދުސްތޫރީ މައްސަލަ ހައިކޯޓަށް ހުށަހަޅުއްވަމުންނެވެ.
ހައިކޯޓަށް ދުސްތޫރީ މައްސަލަ ހުށަހަޅުއްވާފައިވަނީ ހަތް ގާނޫނީ ވަކީލަކާއި އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީގެ އެލުމްނައި [މުސްކުޅި ދަރިވަރުންގެ ޖަމްއިއްޔާ]ގެ އިސް ދެ މެންބަރުން އެކުލެވިގެންވާ ގޮތަށެވެ.
އެ ބޭފުޅުންގެ ފަރާތުން ދުސްތޫރީ މައްސަލަ ހުށަހަޅުއްވަމުން ގާނޫނީ ވަކީލު ފ. ފީއަލީ ރޭވަވިލާ މުހައްމަދު ފަރީދު ވިދާޅުވީ ސުޕީރިއާ ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކުރުމަށް ޖޭއެސްސީން ކުރި އިއުލާނާ ގުޅިގެން ކުރިމަތިލާފައިވާ ފަރާތްތައް ޝަރީއާ ކިޔެވިތޯ ބެލުމަށް ޖޭއެސްސީން އަމަލުކުރަމުން ގެންދަނީ ޓްރާންސްކްރިޕްޓަކަށް ބެލުމެއްނެތި ކަމަށެވެ. އަދި ވިދާޅުވީ ޓްރާންސްކްރިޕްޓަކަށް ބެލުމެއްނެތި ޝަރީއާ ކިޔެވިކަމެއް ކަށަވަރު ނުކުރެވޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އިންނާއި މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީގެ "އަހުމަދު އިބުރާހިމް ކުއްލިއްޔާ އޮފް ލޯޒްއިން" ދަސްވެނިވެފައިވާ ފަރާތްތަކަށް ލިބިވަޑައިގަންނަވާ ފާހަކީ "ބެޗްލާ އޮފް ލޯޒް"ކަމަށް ވާތީ އެފަރާތްތަކަކީ ޝަރީއާ ނުކިޔަވާ ބައެއްކަމުގައި ޖޭއެސްސީން ބަލާ ކަމަށެވެ.
އޭނާ ވިދާޅުވީ ސުޕީރިއާ ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކުރުމަށް ޖޭއެސްސީން އަމަލުކުރާ ގަވާއިދަކީ ގާނޫނު އަސާސީއާއި ތައާރަޒްވާ ގަވާއިދެއްކަމަށެވެ.
އެ ގަވާއިދުގެ އެއް ވަނަ ޖަދުވަލުގައި ސުޕީރިއާ ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކުރުމުގައި މާކްސް ދޭނެގޮތުގެ ކްރައިޓީރިއާގެ ފުރަތަމަ ނަންބަރުގައި، ގާނޫނުން ފުރަތަމަ ޑިގްރީ އަށް 20 މާކްސް ދޭގޮތަށް އޮވެފައި ޝަރީއަތާއި ގާނޫނުން ފުރަތަމަ ޑިގްރީ އަށް 25 މާކްސް ދޭގޮތަށް ހަމަޖައްސާފައި އޮތްކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެގަވާއިދުގައި އެގޮތަށް އޮތުމަކީ ގާނޫނު އަސާސީގެ 20 ވަނަ މާއްދާ އިން ކޮންމެ މީހަކަށް ލިއްބައިދޭ ހަމަހަމަކަމާ އެކު ގާނޫނު ހިންގުމުގެ ހައްގާއި އަދި އިންސާފްގެ ހަމަތަކާ ވެސް ޚިލާފްކަމެއް ކަމަށެވެ.
އޭނާ ވިދާޅުވީ ފަނޑިޔާރުން ދަރަޖަ ކުރުމުގައި ޖޭއެސްސީން އަމަލުކޮށްފައި ވަނީ ގާނޫނީ ގޮތުން ސަނަދުތައް ދަރަޖަ ކުރުމަށް މެންޑޭޓް ކޮށްފައިވާ ފަރާތްކަމުގައިވާ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ދަރަޖަ ކުރުމާ ޚިލާފަށް ކަމަށެވެ.
ފަނޑިޔާރުންގެ އަސާސީ ތައުލީމީ ފެންވަރަކީ އިސްލާމީ ޝަރީއާ އިން ނުވަތަ ގާނޫނުން ނުވަތަ އިސްލާމީ ޝަރީއަތާއި ގާނޫނުން ފުރަތަމަ ޑިގުރީ ހާސިލްކޮށްފައިވުން ކަމަށް، ފަނޑިޔާރުންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި ނަމަވެސް ޖޭއެސްސީން ކަނޑައަޅާފައިވާ އޮނިގަނޑަކީ އެ މާއްދާގެ "ތަރަހައިން" ބޭރުން ހަދާފައިވާ ގަވާއިދެއް ކަމަށެވެ.
ފަރީދު ވިދާޅުވި ގޮތުގައި ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ފަރާތްތައް ޝޯޓްލިސްޓް ކުރުމުގައި ކޮމިޝަންގެ ދެ މެންބަރެއްގެ އަމިއްލަ މަސްލަހަތު ފުށުއަރާގޮތަށް މަސައްކަތްކޮށްފައިވާ ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ޝުއައިބު ހުސެއިން ޒަކަރިއްޔާ ވިދާޅުވީ ދެން އޮންނަ އަޑުއެހުމެއްގައި ދައުވާއަށް ޖަވާބުދާރީވުމަށް ޖޭއެސްސީގެ ވަކީލަށް ފުރުސަތުދެއްވާނެ ކަމަށެވެ.