26 Nov 2019, 09:42
ށ. މާއުނގޫދޫގެ ފާރުތަކުގައި އައިއެސްގެ ލޯގޯ ކުރެހި މީހުން ތިބި ދޯނި ފުލުހުންގެ ތަހުގީގަށް ހޯދިފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުން މަޖިލީހުގައި މެންބަރުން ކުރި ސުވާލަކަށް، ޖަވާބު ދެއްވަމުން ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ މާއުނގޫދޫގެ ފާރުތަކުގައި އައިއެސްގެ ލޯގޯ ކުރެހި މައްސަލަ ބަލަން ފުލުހުންގެ ޓީމެއް އެ ރަށަށް ގޮސް ތަހުގީގު ކުރިއިރު، އެކަން ކުރި މީހުން ތިބި ދޯނި މިހާރު ފުލުހުންގެ ތަހުގީގަށް ދެނެގަނެވިފައިވާ ކަމަށެވެ. އަދި އެ ދޯނި މިވަގުތު އޮތީ ކަނޑުމަތީގައި ކަމަށާއި އެ ދޯނި އަތުލައިގަތުމުގެ މަސައްކަތް ފުލުހުން ފަށާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އެ ހަރަކާތް ހިންގި ދޯނި މިހާރު ވަނީ އައިޑެންޓިފައި ކުރެވިފައި. އެ މީހުން މިވަގުތު ވަނީ ކަނޑުމަތީގައި. އެ މީހުން ހޯދުނުހާ އަވަހަކަށް އެ މީހުންނާ ސުވާލުކޮށް ތަހުގީގު ކުރިއަށް ގެންދިޔުމުގެ މަސައްކަތް ދަނީ ކުރިއަށް،" އިމްރާން ވިދާޅުވި އެވެ.
މާއުނގޫދޫ ކައުންސިލުން ބުނެފައިވާ ގޮތުގައި ހުކުރު ދުވަހުގެ ރޭ އެ ރަށަށް އައި ދޯންޏަކުން ފޭބި ބަޔަކު، އެ ރަށުގެ އެކި ތަންތަނުގައި އައިއެސްގެ ލޯގޯ ވަނީ ކުރަހައިފަ އެވެ. އަދި އެ މީހުން އެކަމަށް ބޭނުންވާ ސާމާނު ގަނެފައި ވަނީ އެ ރަށުގެ ފިހާރަތަކުން ކަމަށް ވެސް ކައުންސިލުން ބުނެފައިވެ އެވެ.
ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ހަނގުރާމަވެރި ޖަމާއަތްތަކަށް ތާއީދު ކުރުމާއި އެފަދަ ޖަމާއަތްތަކަށް ވާގިދޭ ފަދަ ވާހަކަ ދެއްކުމާއި، އަދި އެފަދަ ޖަމާއަތެއް ރަމްޒުކޮށްދޭ ދިދައެއް ލޯގޯއެއް އަދި ޓީޝާޓެއް ބޭނުން ކުރުމަކީވެސް ކުށެކެވެ.
ރައީސް އާންމު ކުރެއްވި ދީނީ ހައްދުފަހަނަ އެޅި ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުގައި އައިއެސް ހިމެނެ އެވެ.