26 Nov 2019, 09:00
ޑްރެސްޑެން (ނޮވެމްބަރު 26): ޖަރުމަންވިލާތުގެ ޑްރެސްޑެންގައި ހުންނަ މަޝްހޫރު ގްރީން ވޯލްޓް ދާރުލްއާސާރަށް ބަޔަކު ވަދެ، އެއް ބިލިއަން ޑޮލަރުގެ ޖަވާހިރު ވަގަށް ނަގައިފި އެވެ.
ހަތަރުހާހަށް ވުރެ ގިނަ އަގުހުރި ތަކެތި ބަހައްޓާފައިވާ ގްރީން ވޯލްޓަށް ބަޔަކު ވަނީ އިއްޔެ ފަތިހުގެ ވަގުތެއްގަ އެވެ. ޖަރުމަނުގެ މީޑިއާތަކުގައިވާ ގޮތުން ދާރުލްއާސާރަށް ވަނުމުގެ ކުރިން އެމީހުން އެތާ ކައިރީ ހުރި ކަރަންޓު ފޮށްޓެއްގައި ރޯކޮށްލި އެވެ. އޭގެ ސަބަބުން ދާރުލްއާސާރުގައި ކަރަންޓު ކެނޑި، އެލާމް ސިސްޓަމް މަސައްކަތް ކުރުން ހުއްޓާލި އެވެ.
އޭގެ ފަހުން، ދާރުލްއާސާރުގެ ކުޑަދޮރެއްގައި ޖަހާފައި ހުރި ދަގަނޑު ތޭރިތައް ހަލާކުކޮށްލައިގެން އެތަނަށް ދެ މީހަކު ވަންނަތަން ސީސީޓީވީއަށް ވަނީ އަރާފަ އެވެ. އެމީހުން ވަގަށް ނެގީ ޑިސްޕްލޭ ކެބިނެޓެއްގައި އޮތް ތިން އަލިމަސް ގަހަނާ ސެޓު ކަމަށް ޑްރެސްޑެން ސްޓޭޓް މިއުޒިއަމްސްގެ ވެރިޔާ މަރިއޮން އެކާމެން ވިދާޅުވި އެވެ. އަދި އެ ސެޓުތަކުގައި 37 ބަޔެއް ހިމެނޭ ކަމަށާއި، އެތަކެތި ވަގަށް ނެގި މީހުން އެބައިތައް ވަކި ކުރުމަށް ގަހަނާ ހަލާކުކޮށްފާނެ ކަމަށް އެކާމެން ވިދާޅުވި އެވެ.
ނަމަވެސް އެކާމެން ވަނީ އެގަހަނާއާ ބެހޭ ގޮތުން އިތުރު ތަފްސީލު ދެއްވުމަށާއި ގަހަނާގެ ސީދާ އަގެއް ވިދާޅުވާން ދެކޮޅު ހައްދަވާފަ އެވެ. އަދި ބާޒާރުން އެއަށް ލިބޭ އަގަށް ވުރެ އޭގެ ތާރީހީ އަދި ސަގާފީ އަގު މާބޮޑު ކަމަށް ވިދާޅުވެފަ އެވެ.
ޖަރުމަނުގެ ބައެއް ނޫސްތަކުން ވަނީ ވަގަށް ނަގާފައިވާ ގަހަނާގެ އަގު އެއް ބިލިއަން ޑޮލަރަށް ވުރެ އިތުރުވާނެ ކަމަށް ބުނެފަ އެވެ. އަދި ބައެއް ފަރާތްތަކުން ވަނީ އެއީ ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން ހިނގި އެފަދަ އެންމެ ބޮޑު ވައްކަމުގެ ގޮތުގައި ސިފަކޮށްފަ އެވެ.
ޖަރުމަނުގެ ފުލުހުން ދަނީ ދާރުލްއާސާރުގައި ގާޑުން ތިބި ނަމަވެސް އެވައްކަން ހިނގާ ދިޔަ ގޮތާއި، ވައްކަން ކުރި މީހުންނާއި ގަހަނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.