25 Nov 2019, 22:14
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް ގެ ޕަރމަނަންޓް ސެކްރެޓަރީގެ މަގާމަށް އަބްދުލް ހަސީބް އިސްމާއިލް މިއަދު އައްޔަނު ކުރައްވައިފިއެވެ.
އެކަމަށްޓަކާ މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ހަސީބަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ސިވިލް ސާވިސް ކޮމިޝަނުގެ ރައީސ ޑރ އަލީ ޝަމީމެވެ. މި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ބައިވެރިވެ ވަޑައިގެންނެވި އެވެ.
ހަސީބް އިސްމާޢީލް އަކީ މެލޭޝިއާގެ އޯޕަން ޔުނިވަރސިޓީ އިން މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލް ކުރައްވާފައިވާ، ބެންގަލޯ ޔުނިވަރސިޓީއިން ބެޗްލަ އޮފް ކޮމާސް ހާސިލް ކުރައްވަވާފައިވާ ބޭފުޅެކެވެ. އޭނާ ދައުލަތުގެ ހިދުމަތާއި ގުޅުނީ 2002 ވަނަ އަހަރުގައެވެ.
ހަސީބް ވަނީ ކްރިމިނަލް ކޯޓުގެ އެސިސްޓެންޓް ޑިރެކްޓަރުކަމާއި މިނިސްޓްރީ އޮފް ފިނޭންސްގެ ޕަބްލިކް އެކައުންޓްސް އެގްޒެކެޓިވްކަމާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޑިރެކްޓަރުކަން ކުރައްވައިފައެވެ.
ހަސީބް މަގާމަށް އައްޔަނު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީއެސްސީގެ ރައީސް ޝަމީމް ވަނީ ސިވިލް ސަރވިސްގެ ގަވާއިދާއެއްގޮތަށް އަދި މިނިސްޓަރގެ ލަފަޔާއެކު މިނިސްޓްރީގެ މަސައްކަތްތައް ހިންގުވާ ދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި އޮފީސް ހިންގެވުމުގައި ސިވިލް ސާވިސްގެ މުވައްޒަފުންނާއި ގުޅިގެން އެކީގައި މިނިސްޓްރީ އަށް ސަރުކާރުން ކަނޑައަޅުއްވަވާފައިވާ އިހުތިސާސް ތަންފީޒުކުރުމަށާއި އަދި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކޮށް ދެއްވުމަށް ތެދުވެރިކަމާއި ނަޒާހަތްތެރިކަމާއިއެކު މަސައްކަތް ކޮށްދެއްވުމަށްވެސް ކޮމިޝަނުގެ ރައީސް އިލްތިމާސް ކުރެއްވިއެވެ.
އިސްލާމިކް މިނިސްޓްރީ އަށް އާ ޕީއެސްއަކު އައްޔަނު ކޮށްފައިމިވަނީ މީގެ ކުރިން އެ މަގާމުގައި ހުންނެވި މުސްއަބު އަބްދުﷲ އެމަގާމުން ވަކިކުރުމަށްފަަހުއެވެ. މުސްއަބު މަގާމުން ވަކިކޮށްފައިވަނީ މި އަހަރުގެ މެއި މަހުން ފެށިގެން ސަސްޕެންޝަނުގައި ހުރެ، އަދި ފަސް ފަހަރެއްގެ މަތިން ސަސްޕެންޝަން އިތުރުކުރުމަށްފަހުއެވެ.
މުސްއަބު ވަޒީފާއިން ވަކިކުރީ އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވިކަން ސާބިތުވެގެންނެވެ.