ކަބީރު ސިންހްގެ ކާމިޔާބަށްފަހު ބޮލީވުޑްގެ ކުޅަދާނަ ތަރި ޝާހިދު ކަޕޫރުގެ "ޖާޒީ"ގެ ޝޫޓިން އަންނަ މަހު ފެށުމަށް ނިންމައިފިއެވެ.

ފިލްމުގެ ޝޫޓިން އަންނަ މަހުގެ ދެވަނަ ދުވަހު ޗަންޑީގަރްގައި ފަށާއިރު ޝާހިދު އަންނަނީ މި ފިލްމަށް ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. ފިލްމުގެ ފުރަތަމަ ޝެޑިއުލްގެ ޝޫޓިން ނިންމާލާނީ އަންނަ މަހު 30 ގައި ކަމަށް ހަބަރުތައް ބުނެއެވެ. އެއަށްފަހު ފަސް ވަރަކަށް ދުވަހުގެ ބްރޭކެއް ނެގުމަށްފަހު ފިލްމުގެ ޝޫޓިންތައް އަލުން ނަގަން ފަށާނެއެވެ.

ޝާހިދު ކަޕޫރު ލީޑު ރޯލުން ފެނިގެންދާ އެ ފިލްމުގެ އަންހެން ލީޑުން ފެނިގެންދާނީ މުރްނާލް ތާކޫރް އެވެ. ފިލްމު ޑައިރެކްޓްކުރާނީ އަސްލު ފިލްމު ޑައިރެކްޓްކުރި ގޯތަމްއެވެ.

ޖާޒީ އަކީ ކްރިކެޓް ކުޅުންތެރިއެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އެ ފިލްމުގެ ތެލުގޫ ވާޝަނަށް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ. ފިލްމު އަޅުވާނީ އަންނަ އަހަރުގެ އޯގަސްޓް މަހުގެ 28 ވަނަ ދުވަހު އެވެ.

ޝާހިދު އެ ފިލްމު ކުޅެން އެއްބަސްވީ ހަ މިލިއަން ޑޮލަރަށް ކަމަށް ބޭރުގެ ޚަބަރުތައް ބުނެ އެވެ.