ގއ. މާމެންދޫގައި 704 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތް 4.3 މިލިއަން ރުފިޔާ އަށް އަމޭން މޯލްޑިވްސްއާ ހަވާލުކޮށްފި އެވެ.

ހައުސިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން މިނިސްޓަރުގެ ނައިބު ޝިފާޒު އަލީ އެވެ. އަދި އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުރުޝިދާ އަލި މަނިކެވެ.

ވުލޫކުރާ ބަޔަކާއި 12.5 މީޓަރުގެ މުންނާރެއް ހިމެނޭ ގޮތަށް އިމާރާތް ކުރާ އެ މިސްކިތް ނިންމަން އެއްބަސްވެފައިވާ މުއްދަތަކީ 300 ދުވަސް ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ. އަދި އެ މިސްކިތް ޑިޒައިންކޮށްފައި ވަނީ އިރުގެ އަލި ވީހާ ވެސް ބޮޑަށް ލިބޭ ގޮތަށް ހަކަތަ ބޭނުންވާ މިންވަރު މަދުކުރެވޭނެ ގޮތަކަށް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އަމޭން މޯލްޑިވްސް ޕްރައިވެޓްލިމިޓެޑަކީ ރައްޔިތުންގެ މަޖިލީހުގެ ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު އިބުރާހިމް މުއްތޮލިބުގެ ކުންފުންޏެވެ. ބ. ކިހާދޫގައި މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތް ވެސް އިއްޔެ ވަނީ އެ ކުންފުންޏާ ހަވާލުކޮށްފަ އެވެ.