ބޮލީވުޑްގެ ފިލްމުތަކުގައި މަސައްކަތް ކުރާ ސައުންޑް ޓެކްނީޝަން ނިމީޝް ޕިލަންކަރު މަރުވެއްޖެއެވެ.

އުމުރުން 29 އަހަރުގެ ނިމީޝް މަރުވީ ސިކުނޑިއަށް ސްޓްރޯކެއް ޖެހިގެންނެވެ. އޭނާގެ ސިކުނޑިއަށް ސްޓްރޯކެއް ޖެހުނީ ބްލަޑް ޕްރެޝަރު މަތިވުމުން ކަމަށް ޖާނަލިސްޓް އަދި ފިލްމު އުފައްދާ ޚާލިދު މުހައްމަދުކުރި ޓްވީޓުގައި ބުނެފައިވެއެވެ.

ނިމީޝް ވަނީ ދާދިފަހުން ނެރުނު ފިލްމު "ހައުސްފުލް 4"ގައި ވެސް މަސައްކަތްކޮށްފައެވެ.

އޭނާ މަރުވުމާ ގުޅިގެން ގިނަ ބަޔަކު ހިތާމަފާޅުކުރަމުންދާއިރު ބަތަލު އަކްޝޭ ކުމާރު ބުނީ މި ދަނޑިވަޅަކީ ބޮލީވުޑަށް ވަރަށް އުނދަގޫ ދަނޑިވަޅެއް ކަމަށެވެ. އޭނާ މަރުވުމާ ގުޅިގެން ހިތާމަފާޅުކުރާ ހާލު އަކްޝޭ ބުނީ މުޅި ސައުންޑް ސެކްޝަންވެސް އޭނާ ނެތުމުން ފަޅުވެ އަޑިއަޅާލާނެކަމަށެވެ.

ނިމީޝް ވަނީ މަރްޖާވާން އަދި ޖަލޭބީ ފަދަ ފިލްމުތަކުގައި މަސައްކަތްކޮށްފައެވެ.