އިންޑިއާގެ ކާމިޔާބު ޓީވީ އެކްޓްރަސް ކްރިސްޓަލް ޑި ސޫޒާ ބޮލީވުޑަށް މިސްރާބު ޖަހައިފިއެވެ.

އޭނާ ބޮލީވުޑްގެ ފިލްމަކުން ފެންނަން އުޅޭކަމަށް ޚަބަރުތައް ބުނަންފެށިއިރު އޭނާ އަށް ފުރުސަތު ލިބުނީ އަމީތާބް ބައްޗަން އާއެކު ފިލްމެއް ކުޅުމުގެ ފުރުސަތެވެ.

ސްޓާޕްލަސް އިން ގެނެސްދިން ހިންދީ ޑްރާމާ ސިލްސިލާ "އޭކް ހަޒާރޯ މޭ މޭރޭ ބެހެނާ ހޭ" މަޝްހޫރު ބަތަލާ ފެނިގެންދާ ފިލްމަކީ ޗެހެރޭ އެވެ. އެ ފިލްމުގައި އިމްރާން ހާޝިމީވެސް ހަރަކާތްތެރިވާނެއެވެ.

މި ފިލްމު ކުޅުމަށް އެންމެ ފުރަތަމަ ހަމަޖެއްސީ ކްރިތީ ކަރްބަންދާ އެވެ. ނަމަވެސް އޭނާ ވަނީ ސަބަބެއް ހާމަކުރުމެއްނެތި ފިލްމު ދޫކޮށްލާފައެވެ. ކްރިސްޓަލް އެ ފިލްމު ކުޅުމަށް މިހާރު ވަނީ އެއްބަސްވެފައެވެ. އެކަން ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި ކަށަވަރުވެސް ކޮށްދީފައެވެ.

ރޫމީ ޖެފްރީ ޑައިރެކްޓްކުރާ އެ ފިލްމު ގެނެސްދޭނީ އަންނަ އަހަރު އޭޕްރިލް މަހުގެ 24 ވަނަ ދުވަހުއެވެ.