25 Nov 2019, 19:46
ރާއްޖޭގެ ފަތުރުވެރިކަން ތަޖުރިބާ ކުރުމަށް ބެލްޖިއަމްގެ ޓީމެއް ރާއްޖެ އަތުވެއްޖެއެވެ.
ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް މިއަހަރު އެމްއެމްޕީއާރުސީ އިން ކުރިއަށްގެންދާ ފެމިލިއަރައިޒޭޝަން ދަތުރުތަކުގެ 18 ވަނަ ދަތުރުގައި ރާއްޖެ އައިސްފައިވަނީ ބެލްޖިއަމްގެ މަޝްހޫރު ޕަބްލިކޭޝަންތައް ކަމަށްވާ، ދަ ލިބްރޭ، މޭރީ ކްލެއާ ބެލްޖިއަމް، ޓުގެދާ މެގަޒިން، ހެޓް ނިއުސްބްލާޓް އަދި ސައިކޮލަޖީސް މެގަޒިންގެ ނޫސްވެރިންނެވެ.
އެ ދަތުރުގެ ބައިވެރިން ރާއްޖޭގެ ތިން ރިސޯޓެއްގައި ރާއްޖޭގެ ފަތުރުވެރިކަން ތަޖުރިބާ ކުރާނެކަމަށް އެމްއެމްޕީއާރުސީ އިން ބުންޏެވެ. އެގޮތުން ޕެރަޑައިސް އައިލެންޑް ރިސޯޓު، ނިކަ އައިލެންޑް ރިސޯޓު އަދި މީރު އައިލެންޑް ރިސޯޓުގައި މި ދަތުރުގެ ބައިވެރިން މަޑުކުރާނެއެވެ.
އެ ރިސޯޓުތަކުން ދަތުރުގެ ބައިވެރިންނަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށާއި މީގެ އިތުރުން ރިސޯތުތަކާ ކައިރި ރަށްރަށަށް ދަތުރުގެ ބައިވެރިން ޒިޔާރަތް ކުރާނެ ކަމަށްވެސް އެމްއެމްޕީއާރުސީ އިން ބުންޏެވެ.
ބެލްޖިއަމް އިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެގޮތުން މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރު އެ ގައުމުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 20 ޕަސެންޓު ވަނީ އިތުރުވެފައެވެ.