25 Nov 2019, 21:58
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ދީނީ މައުލޫމާތު ދިނުމަށް ޕްރޮގްރާމެއް ފަށަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ، ފިޔަވަތި އަދި ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންނަށް ދީނީ ނަސޭހަތް ދިނުމާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް އެތަނުގެ އިސްފަރާތްތަކާއި މިއަދު ބައްދަލުކުރައްވި ކަމަށެވެ.
އެ ބައްދަލުވުމުމުގައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ދީނީ އަދި އަހުލާގީ މައުލޫމާތު އުނގަންނައިދިނުމުގެ ޕްރޮގްރާމް އަންނަ ހަފްތާގެ ތެރޭގައި ފެށުމަށް ނިންމާފައިވާ ކަަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި 111 ކުދިން ތިބެއެވެ. އެއީ މުޅިންވެސް އުމުރުން 12 އަހަރުން ދަށުގެ ކުދިންނެވެ. އަދި ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި މިވަގުތު 47 ކުދިން ތިބެއެވެ. އެ ތަނުގައި ތިބެނީ އުމުރުން 12 އަހަރުން މަތީގެ ކުދިންނެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން އެ ކުދިން ދިރިއުޅޭ އިމާރާތްތަކުގެ ފުރާޅު މަތީގައި އުޅުމާއި އަދި އެހެން ހާދިސާއެއްގައި އެ ތަނުގައި ދިރިއުޅެމުންދިޔަ ކުއްޖަކު ގެއްލުނެވެ. ނަމަވެސް ފަހުން ފުލުހުން ވަނީ އެ ކުޑަކުއްޖާ އަލުން ހޯދައި ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
ދާދި ފަހުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރާއްޖޭގައި އުޅޭ ހަރުކަށި ފިކުރުގެ ބަޔަކު ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުޑަކުދިންތަކެއް ސީރިއާއަށް ގެންދިއުމަށްވެސް މަސައްކަތް ކުރި ކަމަށެވެ.