23 Nov 2011, 16:35
ޓްރިޕޮލީ (ނޮވެމްބަރު 23) : ލީބިޔާގެ ވަގުތީ ސަރުކާރުގެ ކެބިނެޓްގެ ބޮޑުވަޒީރު ކަމަށް އިޚްތިޔާރު ކުރެވިފައިވާ ޑރ. ޢަބްދުއްރަޙީމް އަލްކީބް އިޢްލާން ކުރައްވައިފި އެވެ. މިއީ ގައްޒާފީގެ ޖަމާހިރިއްޔާ ނިޒާމުގެ ވެރިކަން ވެއްޓި ހަނގުރާމަވެރިންގެ އަތްދަށުން އޭނާ އަވަހާރަކޮށްލުމަށް ފަހު ލީބިޔާގައި އެކުލަވާލި އެންމެފުރަތަމަ ވަގުތީ ސަރުކާރެވެ.
ވަގުތީ ސަރުކާރުގެ ބޮޑުވަޒީރު ކަމަށް އިޚްތިޔާރު ކުރެވިފައިވާ ޑރ. ޢަބްދުއްރަޙީމް އަލްކީބްއަކީ އިލެކްޓްރިކަލް އިންޖިނޭރިންގެ ދާއިރާ އިން އެމެރިކާގައި ޕީއެޗްޑީ ޙާސިލްކުރެއްވުމަށް ފަހު އެމެރިކާގެ ބައެއް ޔުނިވަރސިޓީތަކުގައި ޕްރޮފެސަރެއްގެ ގޮތުން މަސައްކަތްކުރައްވާފައިވާ ޢިލްމީ ބޭފުޅެކެވެ.
ލިބިޔާގެ ވަގުތީ ސަރުކާރު ދެމިއޮންނާނީ 2012 ވަނަ އަހަރުގެ ޖޫން މަހު ލީބިޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބާ ހަމައަށެވެ. ލީބިޔާގައި އޮންނާނީ ރިޔާސީ ނިޒާމެއްކަން ނޫނީ ބަރުލަ މާނީ ނިޒާމެއްކަން އަދި ކަނޑައަޅާފައެއްނުވެ އެވެ. ނަމަވެސް 2012 ވަނަ އަހަރުގެ ޖޫން މަސް ނިމުމުގެ ކުރިން މިނިވަން އިންތިޚާބެއް ބާއްވައިގެން ދިމުޤްރާތީ ސަރުކާރެއް އެކުލަވާލުމަށް ލީބިޔާގައި މިހާރު ވެރިކަންކުރާ އިންތިޤާލީ މަޖިލީހުން ވަނީ ނިންމާފަ އެވެ.
ޑރ. ޢަބްދުއްރަޙީމް އަލްކީބް އިޢްލާންކުރެއްވި ލީބިޔާގެ ވަގުތީ ސަރުކާރުގެ ބޮޑުވަޒީރާއި ކެބިނެޓް މެންބަރުން ހުވާކުރައްވަން ހަމަޖެހިފައި ވަނީ އިންތިޤާލީ މަޖިލީހުގެ ރައީސްގެ ކުރިފުޅުމަތީގަ އެވެ. ވަގުތީ ސަރުކާރުގެ އޮނިގަނޑުގައި ބޮޑުވަޒީރަކާއި ބޮޑުވަޒީރުގެ ދެ ނައިބުންނާއި 24 ވަޒީރަކު ހިމެނެ އެވެ. ވަގުތީ ސަރުކާރުގެ ދިފާޢީ ވަޒީރަކީ ހަނގުރާމަވެރިންގެ ކޮމާންޑަރެއް ކަމަށްވާ އުސާމާ އަލްޖުވީލީއެވެ. ޚާރިޖީ ވަޒީރަކީ ޢާޝޫރު ބިން ޚަޔާލްއެވެ. ދާޚިލީ ވަޒީރަކީ ފަވްޒީ ޢަބްދުލްޢާލީ އެވެ.
ލީބިޔާގެ ވަގުތީ ސަރުކާރުގެ ގިނަ ވަޒީރުންނަކީ މަތީތަޢްލީމް ޙާސިލްކުރައްވައިގެން ތިއްބެވި ޓެކްނޮކްރޭޓުންނެވެ. ވަގުތީ ސަރުކާރުގެ 24 ވަޒީރުންގެ ތެރޭގައި ހިމެނެނީ އެންމެ އަންހެން ބޭފުޅެކެވެ. އެއީ ސޯޝަލްއެފެއާޒް މިނިސްޓަރު މަބްރޫކާ އައްޝަރީފެވެ. ވަގުތީ ސަރުކާރުގެ ކެބިނެޓްގެ ނަންތައް އިޢްލާންކުރުމާ އެކު ލީބިޔާގެ އިތުރުމަތީގެ ބޮޑު ސިޓީ ކަމަށްވާ ބެންޣާޒީއާއި އަޖްދާބިޔާގައި ޢާންމުންގެ އެތަށްބަޔަކު ވަނީ ވަޒީރުން އެކުލަވާލާފައިވާ ގޮތާމެދު ހިތްހަމަނުޖެހުން ފާޅުކޮށް މުޒާހަރާކޮށްފަ އެވެ. ގައްޒާފީގެ ވެރިކަން ވައްޓާލުމުގައި އިސްދައުރެއް އަދާކުރި ލީބިޔާގެ އިސްލާމީ ޚިޔާލުގެ ހަނގުރާމަވެރިންގެ ނުފޫޒު ގަދަ ކޮމާންޑަރެއް ކަމަށްވާ ޢަބްދުލްޙަކީމް ބިލްޙާޖް ކެބިނެޓްގައި ހިމަނާފައިނުވާތީ ވަގުތީ ސަރުކާރުގެ ބާރާމެދުވަނީ ސުވާލު އުފެދިފަ އެވެ.
އިސްލާމީ ޚިޔާލުގެ ޒުވާން ކޮމާންޑަރެއް ކަމަށްވާ ޢަބްދުލްޙަކީމް ބިލްޙާޖްއަށް ދިފާޢީ ވަޒީރުކަން ލިބޭނެ ކަމަށް ކުރިން ހީކުރެވިފައިވީ ނަމަވެސް އޭނާކެބިނެޓްގައި ނުހިމެނުމުންލީބިޔާގައި ނުފޫޒުގަދަ އިސްލާމީ ޚިޔާލުގެ ހަނގުރާމަވެރިންގެ އެއްބާރުލުން ވަގުތީ ސަރުކާރަށް ނުލިބިދާނެކަމުގެ ބިރު ހީވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. (އަލްޖަޒީރާ)