26 Nov 2019, 15:38
ކުޑަކުދިން ރޭޕްކޮށް އަނިޔާވެރިވެރިވާ މީހުންނަށް ހައްގު އަދަބު ލިބެން ޖެހޭ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.
ދުންޔާ އެފަދައިން ވިދާޅުވި އިރު ދާދި ފަހުން ރ. މަޑުއްވަރީގައި ހަރުކަށި ފިކުރުގެ ފިރިހެނަކު 13 އަހަރުގެ އަންހެން ކުއްޖަކާ "ކައިވެނި"ކޮށް، އެ ކުއްޖާ ބަލިވެއިނދެ ވިހޭ މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.
ދުންޔާ ވިދާޅުވީ އޭނާ 2000ގެ ކުރީކޮޅު އދ.ގައި އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރެއްވި އިރު މުޖުތަމައު އެހާ ހޭލުންތެރި ނޫން ކަމަށެވެ. އެހެން ނަމަވެސް ޒަމާން ބަދަލުވެ މިހާރު އެފަދަ މައްސަލަތަކުގައި އަންހެނުން އެމީހުންގެ ހައްގުގަައި ވަކާލާތުކޮށް ގާނޫނީ ގޮތުން ކައުންސިލިންގެ އެހީ ހޯދަމުންދާތަން ފެންނަމުންދާ ކަމަށެވެ.
ދުންޔާ ވިދާޅުވީ މަޑުއްވަރީގައި އަންހެން ކުއްޖާއަށް ލިބުނު އަނިޔާއާ ދޭތެރޭ ހިތާމަ ކުރާ ކަމަށެވެ. އަދި އެކަން ހިނގި އިރު ގާނޫނުތައް ވެސް އެބަހުރި ކަމަށާއި އަދި ގާނޫނު ނަގަހައްޓަން ފުލުހުންގެ މުވައްސަސާވެސް އޮތް ކަަމަށެވެ.
"އެކަމަކު ވެސް މުޖުތަމައުން އަދާކުރަން ޖެހޭ ދައުރު އަދާނުރެވިފައި މިއޮތީ. އަޅުގަނޑަކީ ވެސް ކުޑަކުއްޖެއްގެ މަންމައަކަށް ވެފައި އެހާ ހަގު ކުއްޖަކު ބަލިވެއިނދެ އެހާބޮޑު ޒިންމާއެއް އަދާކުރެވިދާނެ ކަމަށް ގަބޫލެއް ނުކުރެވޭ. އެކަމުގައި އަންހެންކުއްޖާގެ މައިންބަފައިން ވެސް ޒިންމާވާ ނަމަ އެކަން ބަލަން ޖެހޭ،" ދުންޔާ ވިދާޅުވި އެވެ.
ދުންޔާ ވިދާޅުވީ އެފަދަ ހާދިސާއެއް ހިނގައިދިޔަ އިރު އެފަދަ އަދި ކިތަންމެ ކުއްޖަކު ތިބުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެހެންކަމުން ކުޑަކުދިންނާމެދު އެފަދަ އަމަލުތައް ހިންގާ މީހުންނަށް ހައްގު އަދަބު ލިބެން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ރާއްޖޭގެ އެއްވެސް ރަށެއްގައި އުމުރު ހަމަނުވާ ކުޑަކުދިންނާ 'ކައިވެނީ'ގެ ނަމުގައި ގުޅުން ހިންގާތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާރ ކޮމެޓީން މިހާރު ވަނީ ނިންމައިފި އެވެ.
ޖެންޑާ މިނިސްޓްރީ ބުނީ އެ އަންހެން ކުއްޖާ ނިސްބަތް ވަނީ، ދީނީ ގޮތުން ހަރުކަށި ފިކުރު ގެންގުޅޭ އާއިލާއަކަށް އެކަމުގެ ސަބަބުން އެ އަންހެން ކުއްޖާ ތައުލީމު ލިބުމުގެ ހައްގުން މަހުރޫމްކޮށް، އެކަށީގެންވާ ސިއްހީ ފަރުވާ ނުދޭ ކަމަށެވެ.
ޖެންޑާ އިން ބުނީ އެ ކުއްޖާގެ މައްސަލައެއް މުއައްސަސާތަކުގެ ސަމާލުކަމަށް އައީ، ޖޫން 6، 2018 ގަ އެވެ. އެއަށް ފަހު އެ މައްސަލަ "ވަރަށް ގާތުން ބަލަމުން" އަންނަތާ މިހާރު އަހަރެއްވެފައިވާކަން ބަޔާނުގައި ބުންޏެވެ. ނަމަވެސް އެހާ ކައިރިން މައްސަލަ ބަލަމުން ދަނިކޮށް، ކޯޓުން ބޭރުގައި "ކައިވެންޏެއް" ކޮށް އެންމެ ފަހުން އެ ކުއްޖާ ބަލިވެއިނދެ ވިހެއީ އެވެ.
އެ ކުއްޖާ ކުރިން ތިން ކައިވެންޏެއް ވެސް ވަނީ ކޮށްފަ އެވެ. އެ މައްސަލާގައި ޖެންޑާއިން އަދާކުރަން ޖެހޭ ފުރިހަމަ ދައުރު އަދާނުކުރާ ކަަމަށް ބުނެ ގިނަ ބަޔަކު ދަނީ އެ މިނިސްޓްރީއަށް ފާޑު ވެސް ކިޔަމުންނެވެ.
އަންހެން ކުއްޖާގެ މައްސަލައާއި ށ. މާއުނގޫދޫއަށް ބަޔަކު އަރައި އެރަށުގެ ފާރުތަކުގައި ޓެރަރިސްޓު ޖަމާއަތެއް ކަމުގައިވާ އައިސިސްގެ ލޯގޯ ޖެހި މައްސަލައާ ގުޅިގެން އަވަސް ފިޔަވަޅު އަޅަން ގޮވާލައި އިއްޔެ ވަނީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ.