25 Nov 2019, 18:41
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ހަރަކާތްތަކުގައި ރާއްޖޭގެ ބައިވެރިވުން އިތުރުކުރުމަށް މަޝްވަރާ ކޮށްފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ އޯއައިސީގެ ރަންޔޫބިލް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު ޝާހިދު މިހާރު ސައުދީ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޔޫސުފް ބިން އަޙްމަދު އަލް އުތައިމީންއާ އެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައެވެ.
މިއަދު ބޭއްވެވި ބައްދަލުވުމުގައި ޑރ. އުތައިމީން ވަނީ ރާއްޖެއިން ޖިއްދާގައި ކޮންސިއުލޭޓެއް ހުޅުވަން ނިންމާފައިވާތީ އެކަމަށް މަރުޙަބާ ވިދާޅުވެފައެވެ.
މިނިސްޓަރ ޝާހިދު މިއަދު ވަނީ އޯއައިސީގެ ވިމެން ޑިވެލޮޕްމަންޓް އޯގަނައިޒޭޝަންގެ ސްޓެޓިއުޓްގައި ސޮއިކުރައްވާފައެވެ. އޯއައިސީ ވިމެން ޑިވެލޮޕްމަންޓް އޯގަނައިޒޭޝަން އަކީ އޯއައިސީގެ މެންބަރު ގައުމުތަކުގައި އަންހެނުން ބާރުވެރިކޮށް، އެކި ކަންކަމުގައި އަންހެނުންގެ ރޯލު އިތުރަށް ފުޅާކުރުމަށް އޯއައިސީގެ ދަށުން ހިންގާ ޖަމްއިއްޔާއެކެވެ.
އެ ޖަމްއިއްޔާގެ އުސޫލުތަކާއި މަގުސަދުތަކަށް ރިއާޔަތްކޮށް ޖަމިއްޔާގެ މެމްބަރު ގައުމަކަށް ރާއްޖެވުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހު ރުހުން ދީފައެވެ.
އޯއައިސީއަކީ ދިވެހިރާއްޖެއިން އެންމެ ހަރަކާތްތެރިކޮށް ބައިވެރިވާ ބައިނަލްއަގުވާމީ އެއް ޖަމިއްޔާއެވެ. މިއަހަރުގެ މާޗް މަހު ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އަބޫދާބީގައި ބޭއްވި އޯއައިސީ ކައުންސިލް އޮފް މިނިސްޓަސްގެ 46 ވަނަ ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ބައިވެރިވެވަޑައިގެންފައިވާއިރު، މައްކާގައި މިއަހަރުގެ މެއި މަހު ބޭއްވި 14 ވަނަ އިސްލާމިކް ސަމިޓްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ބައިވެރިވެވަޑައިގަތެވެ.
އދ ފިޔަވައި އެންމެ ބޮޑު ބައިނަލްއަގުވާމީ ޖަމްއިއްޔާއަކީ އޯއައިސީ އެވެ. 57 މެމްބަރު ގައުމުގެ މައްޗަށް އެކުލެވޭ މިޖަމްއިއްޔާއަކީ އިސްލާމީ ދުނިޔޭގެ އަޑު އުފުލައިދޭ ޖަމާއަތެކެވެ.
ޖަމްއިއްޔާގެ މައިގަނޑު މަގުސަދަކ އިސްލާމީ ގައުމުތަކުން ބޭނުންވާ ކަންކަން ޕްރޮމޯޓްކުރުމާއި، ސުލްހަމަސަލަސްކަން ގާއިމް ކުރުމެވެ
ރާއްޖެއިން އޯއައިސީގެ މެމްބަރަކަށް ވީ 1976 ވަނަ އަހަރު ރައީސް އިބްރާހިމް ނާސިރު ގެ ވެރިކަމުގައެވެ.