25 Nov 2019, 17:10
އުތުރު ޕްރޮވިންސްގެ ފެރީގެ ހިދުމަތް ދިނުމަށް ހަވާލުކުރި އެއްބަސްވުން ބާތިލް ކުރުމުން ބަދަލުގެ ގޮތުގައި ދައުލަތުން ދީބާޖާ އަށް ދޭން ޖެހޭ ފައިސާގެ ތެރެއިން 174 މިލިއަން ރުފިޔާ ދޫކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން، އިބްރާހިމް ހޫދު މިއަދު "ސަން"އަށް ވިދާޅުވީ، ދީބާޖާއަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދޫކުރުމުގެ ހުއްދަ ދޭން ރައީސް ނިންމެވީ ސެޓުލްމަންޓް ކޮމިޓީއިން އެގޮތަށް ލަފާދީފައިވާތީ ކަމަށެވެ.
ކޯޓުން ހުކުމްކޮށްފައި ވަނީ 348 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދޭށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ހަވާލުކުރި ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭން ޖެހޭ ފައިސާ ތިން ދުވަހުގެ ތެރޭ ދޫކުރުމަށް ސިވިލްކޯޓުން ހުކުމް ކުރީ މިމަހުގެ 13 ވަނަ ދުވަހުއެވެ.
ނަމަވެސް ދައުލަތާ، ދީބާޖާ އާ ދައުލަތާ އެކު ކުރެވުނު ސެޓްލްމެންޓް މަޝްވަރާތަކަށްފަހު އެ ކުންފުނިން އެދުނީ 174 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ހޯދުމަށެވެ.
ހޫދު ވިދާޅުވީ ދީބާޖާ އިން އެދުނު ގޮތަށް 174 މިލިއަން ރުފިޔާ އެކުންފުންޏަށް ދޫކުރަން ސެޓްލްމެންޓު ކޮމެޓީ އިން ލަފާދިން ނަމަވެސް އެ ފައިސާ އަދި އެކުންފުންޏަށް ދޫކޮށްފައި ނުވާ ކަމަށެވެ.
"ކޮމެޓީ އިން ރައީސް އަށް ލަފާދޭނެ އެ ފައިސާ ދޫކުރާނީ ކިހިނެއްތޯ. އިންސްޓޯލްމެންޓަށް ނޫނީ ގަނޑުކޮށްތޯ،" ހޫދު ވިދާޅުވިއެވެ.
ގަވާއިދާ ހިލާފަށް އެގްރިމަންޓްތައް ބާތިލުކުރުމުގެ މައްސަލަތަކުގައި ކުންފުނިތަކަށް ދޭން ޖެހޭ ބަދަލު 6.8 ބިލިއަނެއްހާ ރުފިޔާއަށް އަރާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.
ސަރުކާރުން މިހާތަނަށް ބަދަލުގެ ގޮތުގައި ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ އެކި ފަރާތްތަކަށް ދީފައިވެ އެވެ.