23 Nov 2011, 16:29
ސީޝެލްސްއާ ދެކޮޅަށް ދެ ވަނަ މެޗުގައި މާދަމާ ރޭ ނުކުންނައިރު، ޓީމުގެ ފުރަތަމަ 11 އަށް ބަދަލުތަކެއް ގެންނާނެ ކަމަށް ދިވެހި ޤާއުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އިސްތަވާން އުރުބާނީ ބުނެފި އެވެ.
އަންނަ މަހުގެ ދެ ވަނަ ދުވަހު އިންޑިއާގެ ދިއްލީގައި ފަށާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ރޭ ސީޝެލްސްގެ ގައުމީ ޓީމާ ދެކޮޅަށް ކުޅެ 3-0 ލަނޑުން ރާއްޖެ މޮޅުވި މެޗަށް ފަހު، ޤައުމީ ކޯޗް އުރުބާނީ ބުނީ، މެޗުން މޮޅުވުމުން ހިތް ހަމަ ޖެހޭ ކަމަށާއި މެޗްގެ ތެރެއިން ހީނުކުރާ ކަހަލަ ކުދި ކުދި މިސް ޕާސްތަކެއް ދިވެހި ކުޅުންތެރިންނަށް ހެދުނު ކަމަށެވެ. އަދި ރޭގެ މެޗުގައި ފުރަތަމަ 11 އަށް ކުޅެން ނުކުތް ކުޅުންތެރިން މާދަމާރޭ މެޗުގެ ފުރަތަމަ އެގާރާއިން ނުފެނުނު ކަމުގައި ވިޔަސް، މާދަމާ ރޭގެ ފުރަތަމަ 11 އަށް ބަދަލުތަކެއް އަންނާނެ ކަމަށެވެ.
"ސީޝެލްސް އަތުން ފުރަތަމަ ފަހަރަށް މޮޅުވީމަ ވަރަށް ހިތް ހަމަޖެހޭ. ރަނގަޅު ކުރަން ޖެހޭ ކަންތައްތައް ޓީމުގައި އެބަހުރި. އެކަންކަން ދެ ވަނަ މެޗުގައި ތަކުރާރު ނުކުރެވޭތޯ މަސައްކަތް ކުރާނަން. އިދިކޮޅު ސީޝެލްސް ޓީމުގެ ކުޅުން ގޯހެއް ނޫން. އެމީހުން ވަރަށް ރަނގަޅު ކުޅުމެއް ދެއްކި. ދެ ވަނަ މެޗުގައި ވެސް ނުކުންނާނީ މޮޅެއް ހޯދަން. މީކޮންމެހެން މޮޅުވާން އަދި ގިނަ ލަނޑު ތަކެއް ސީޝެލްސް ކޮޅަށް ޖަހަން ކުޅޭ މެޗެއް ނޫން." ގައުމީ ކޯޗު އުރުބާނީ ބުންޏެވެ.
އުރުބާނީ ބުނީ، މެޗުގައި ލަނޑު ޖަހާނެ ފުރުޞަތުތަކެއް ރާއްޖެއަށް ލިބުނު ކަމަށާއި އެ ފުރުޞަތުތަކުގެ ބޭނުން ހިފެން އޮތީ އަދިވެސް މަސައްކަތުގެ ރޭޓް ރަނގަޅު ކޮށްގެން ކަމަށެވެ. އަދި ރޭގެ މެޗުގައި އަހުމަދު ތޯރިގް (ޓޮމް)ގެ ދެ ލަނޑާ މެދު ހިތް ހަމަޖެހޭއިރު، ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ޖެހި ލަނޑާ މެދު ހިތް ހަމަޖެހޭ ކަމަށް އުރުބާނީ ބުންޏެވެ.