އަންހެން ކުއްޖެއްގެ ބަނޑުން އަނެއްކާ ވެސް ބުރުގާ ޕިނެއް އައިޖީއެމްއެޗް ހޮސްޕިޓަލްއިން ނަގައިފި އެވެ.

އައިޖީއެމްއެޗް އިން ބުނީ އެ ޕިން މިއަދު އެ ހޮސްޕިޓަލްގެ ސާޖަރީ ޑިޕާޓްމަންޓް އިން ނެގީ 19 އަހަރުގެ އަންހެން ކުއްޖެއްގެ ބަނޑުން ކަމަށެވެ.

އެ ޕިން ނެގީ ޔޫޖީއައި އެންޑެސްކޮޕީ ބޭނުންކޮށްގެން ކަަމަށް އައިޖީއެމްއެޗްއިން ބުންޏެވެ.

"އެފަދަ ތަކެތި އަނގަޔަށް ލައިގެން އުޅެނިކޮށް ދިމާވާ ހާދިސާއަކުން އެއެތި ބަނޑަށް ގޮސް އެންޑެސްކޮޕީ އިން ނުނެގިއްޖެ ނަމަ ބޮޑު ސާޖަރީއަކަށް ވެސް ދާން ޖެހިދާނެ،" އައިޖީއެމްއެޗްގެ ޓުވީޓޫގައިވެ އެވެ.

އެހެންކަމުން އެފަދަ ކަންތައްތަކުގައި ސަމާލުވުމަށް އައިޖީއެމްއެޗް އިން ވަނީ އިލްތިމާށްކޮށްފަ އެވެ.

މިމަހުގެ 10 ވަނަ ދުވަހު ވެސް އައިޖީއެމްއެޗުން ދިވެހި އަންހެން ކުއްޖެއްގެ ޕުއްޕާމެއިން ބުރުގާއަށް ޖަހާ ޕިނެއް ވަނީ ނަގައިފަ އެވެ.

އައިޖީއެމްއެޗް އިން ބުނީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އެފަދަ 15 ހާދިސާއެއް ރިޕޯޓް ކޮށްފައިވާއިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި އެންމެ ބޮޑަށް ހިމެނެނީ އުމުރުން 13 އަހަރާއި 30 އަހަރާ ދެމެދުގެ އަންހެނުން ކަމަށް ވެސް އައިޖީއެމްއެޗު އިން ވަނީ ބުނެފަ އެވެ.