25 Nov 2019, 15:54
ވަޒީފާނެތް ފަރާތްތަކުގެ ތެރެއިން ވަޒިފާ ހޯދަން މަސައްކަތްކޮށް ވަޒީފާ ނުލިބޭ ފަރާތްތަކަށް ދޭ އެލެވަންސް ވަޒީފާ ލިބުމުން އަނބުރާ ހޯދާ ގޮތަށް ޕޭ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ހިޔާލު ހުށަހަޅައިފި އެވެ.
ވަޒީފާ ހޯދަން ބޭނުންވާ ފަރާތްތަކަށް އިނާޔަތް ދިނުމަކީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ފުއްދުމަށް ޓަކައި ބޭނުންވާ ގާނޫނު ހެދުމުގެ މައްސަކަތް މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން މިހާރު އަންނަނީ ކުރަމުންނެެވެ.
އެބިލު މިހާރު ޑްރާފްޓް ކުރުމުގެ މައްސަކަތް ކުރަމުންދާ އިރު މިއަދު އެ ކޮމިޓީން ވަނީ އެކަމާ ގުޅޭ ގޮތުން ކަމާ ބެހޭ ފަރާތްތަކާ ބައްދަލު ކުރައްވައިފަ އެވެ.
އެ ބައްދަލުވުމުގައި ޕޭ ކޮމިޝަންގެ ފަރާތުން އެ ބިލުގައި ހިމަނަން ބޭނުންވާ ހިޔާލުތައް ހުށަހެޅި އެވެ. ޕޭ ކޮމިޝަންގެ މެމްބަރު އަފާފް އިބްރާހިމް ދީދީ ވިދާޅުވީ، ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރުމަށް ހަރުދަނާ އުސޫލެއްގެ މަތީ އެކަން ފަށަން ޖެހޭ ކަމަށެވެ. އަދި ދައުލަތައް މާލީ ބުރަ ނުއުފުލޭ ގޮތަށް ކަންތައްތަކެއް ކުރެވިދާނެ ކަމަށް އަފާފް ވިދާޅުވި އެވެ.
އެގޮތުން ވަކި މުއްދަތަކަށް އެލަވަންސް ދިނުމާއި، ސިއްހީ ހަލަތު ހުރި ގޮތުން ވަޒީފާ އަދާނުކުރެވޭ ފަރާތްތަކާއި ސަރުކާރުގެ އެހެން އިޖްތިމާއީ އިންޝުއަރެންސް ލިބޭ ފަރާތްތައް އެ އެލަވަންސް އިން އިސްތިސްނާ ކުރުމަށް އަފާފް ހިޔާލު ހުށަހެޅި އެވެ. އޭގެ އިތުރުން ވަޒީފާ ލިބުމުން، ލިބުނު އެލަވަންސްގެ ވަކި ޕަސަންޓެއް އަނބުރާ ދެއްކުމަށް ކަނޑައަޅައި، އެ ފައިސާ ވަކި މުއްދަތެއްގެ ތެރޭ ދައުލަތަށް ދައްކާ ގޮތަށް ބިލުގައި ހިމެނުމަށް ވެސް އަފާފް އެދިވަޑައިގެންނެވި އެވެ.
"ތިން މަސް ނުވަތަ ހަ މަހަށް ވެސް އެލެވެންސް ދެވިދާނެ....މިި އެލަވަންސް ލިބޭ ފަރާތްތައް ވަޒީފާ ލިބުމުން އެ ފަރާތްތަކަށް ދެވިފައިވާ އެލަވަންސްގެ ޖުމްލަ އަދަދުގެ ވަކި ޕަސަންޓެއް އަނބުރާ ދެއްކޭނެ ގޮތަށް ހެދިދާނެ ކަން. މިގޮތުން ސަރުކާރުގެ މާލީ ހާލަތު ބުރަ ކުޑަ ކުރެވޭނެ،" އަފާފް ވިދާޅުވި އެވެ.

ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން: ޕޭ ކޮމިޝަނުން ވަނީ ބިލުގައި ހިމަނަން ބޭނުންވާ ގިނަ ކަންކަން ހުށަހަޅާފައި --- ސަން ފޮޓޯ
އަފާފް ވިދާޅުވީ، ބޭރުގެ އެހެން ގައުމުތަކުގައި ވެސް އެފަދަ އެލެވެންސެއް ދިނުމަށް ފަހު، ވަޒީފާ ލިބުމުން ވަކި ޕަސަންޓެއް މަހުން މަހަށް ބަހާލެވިގެން ދައުލަތުން ނަގާ ކަމަށެވެ. ވަކި ޕަސަންޓެއް ނަގާ ގޮތަށް އަފާފް ވިދާޅުވި ނަމަވެސް އެއީ ކިހާ އަދެދެއް ކަމެއް އަފާފް ވިދާޅެއް ނުވެ އެވެ.
އަފާފް ވަނީ އިތުރު ބައެއް ކަންތައްތަކެއް ވެސް ކޮމިޓީއަށް ހުށަހަޅުއްވައިފަ އެވެ. އެގޮތުން އިނާޔަތް ކަނޑައަޅާ އިރު އެ އިނާޔަތަކީ މިނިމަން ވޭޖަށްވުރެ ކުޑަ އެލެވަންސަކަށް ކަނޑައެޅުމާއި އެލަވަން ދޭ އުމުރަކީ 18 އަހަރާއި 65 އަހަރާ ދެމެދު ކަނޑައެޅުން ހިމެނެ އެވެ. ނުވަތަ ސިވިލް ސާވިސް މުވައްޒަފުންގެ އަސާސީ މުސާރައިގެ އެވްރޭޖުން ވަކި ޕަސަންޓެއް ވެސް ކަނޑައެޅިދާނެ ކަމަށް އަފާފް ވިދާޅުވި އެވެ.
އަފާފް ހުށަހެޅި އެހިނިހެން މުހިންމު ކަންކަން:
ވަޒީފާއަކީ ކޮބައިކަން ރަނގަޅަށް މާނަކުރުނުން.
- އެލަވަންސް ދެވޭނީ ކޮން ޝަރުތަކެއް ހަމަވާފަރާތްތަކެއްކަން ބަޔާން ކުރުން.
- ވަޒީފާ ހޯދާ ފަރާތްތަކުގެ އެސެސްމަންޓް ޓޫލްއެއް އެކުލަވާލުން.
- ވަޒީފާ ހޯދާ މީހުންގެ ތައުލީމާއި ތަޖުރިބާ އަދި ހުނަރުތައް އެފަރާތްތަކަށް ހޯދައިދޭ ވަޒީފާގެ ރިކުއާމަންޓް ދިމާވާން ޖެހޭނެކަން
- އާންމު ފަރާތްތަކުން އިނާޔަތަށް އެދޭނެ މަރުހަލާއާއި އުސޫލު ކަނޑައެޅުން
- ވަޒީފާ ނެތް ފަރާތްތަކާއި ވަޒީފާ ހޯދުމަށް މަސައްކަތް ކުރާ ފަރާތްތަކުގެ މައުލޫމަތު ބަލައްހައްޓާނެ އުސޫލު ކަނޑައެޅުން
- އެލެވެންސް ދޭނެ ގޮތް، ހިސާބުކުރާނެ ގޮތުގެ ތަފްސީލު ހިމެނުން.
- ގާނޫނު ތަންފީޒުކުރުން މޮނީޓާ ކުރެވޭނެ ނިޒާމެއް އެކުލަވާލުން
- ގާނޫނު ތަންފީޒު ކުރުމުގެ ޒިންމާ ހަވާލު ކުރެވޭނެ އިދާރާއެއް ކަނޑައެޅުން
- މިކަމަށް ވަކި އިދާރާއެއް ކަނޑައެޅުން
- ވަޒީފާ ހޯދުމަށް ބޭނުންވާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުން
- ވަޒީފާ ހޯދާ ފަރާތްތަކަށް އިތުރު ހުނަރު ދަސްކޮށްދިނުން
- ވަޒީފާ ހޯދިމަށް ބޭނުންވާ މީހުންނާއި ވަޒީފާގެ ބާޒާރުގައި ހުރި ވަޒީފާތަކާ ލިންކް ކުރެވޭނެ ނިޒާމެއް ކަނޑައެޅުން
ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިސްމާއިލް އަލީ މަނިކު ވިދާޅުވީ، ޕޭ ކޮމީޝަންގެ އެ ހުށަހެޅުންތަކަކީ، އެ މިނިސްޓްރީން ވެސް ތާއީދު ކުރާ ކަންކަން ކަމަށެވެ. ނަމަވެސް އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި އެލަވަންސް ދިނުމަށް ހިމެނިފައިވާ ނުވާ ކަން އޭނާ ފާހަގަ ކުރެއްވި އެވެ. އަދި މިހާރު އެކަން ކުރަން ޖެހޭ ނަމަ ދެން ޖެހޭނީ ސަޕްލިމަންޓަރީ ބަޖެޓުގައި އެކަން ކުރަން ކަމަަށާއި ނުވަތަ އެކަން ކުރަން ހިމެނޭނީ 2021 ވަނަ އަހަރުގެ ޖަޖެޓުގައި ކަމަށް އޭނާ ވިދާޅުވި އެވެ.