25 Nov 2019, 16:00
ރާއްޖެއިން އަތުލައިގަންނަ މަސްބޯޓުތަކުން މެލޭރިއާ ފަތުރާ މަދިރި އައުމުގެ ބިރު އެބަ އޮތް ކަމަށް ކުރީގެ ހެލްތު މިނިސްޓަރު އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ދެކުނު އޭޝިއާގެ އަށް ކަނޑައަޅުއްވާފައި ހުންނަވާ އެޑްވައިޒަރު ޑރ. އަހްމަދު ޖަމްޝީދު ވިދާޅުވެއްޖެ އެވެ.
މިދިޔަ ހުކުރު ދުވަހު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ލަންކާގެ ހަތް މަސްބޯޓު ވަނީ އަތުލައިގެންފަ އެވެ. އަދި އޭގެ ކުރިން އިންޑިއާގެ ދެ ބޯޓް ވަނީ އަތުލައިފަ އެވެ. ނަމަވެސް އެ ދެ ބޯޓް ވަނީ ދޫކޮށްލައިފަ އެވެ.
ލަންކާގެ ހަތް މަސްބޯޓުން ވެސް ދިޔައީ، ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރަމުންނެވެ. އޭގެ ތެރެއިން ދެ ބޯޓުން، ގެންދިޔައީ ދާ އަޅައިގެން މަސްވެރިކަން ކުރަމުން ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.
އެމްއެންޑީއެފް އިން ބުނީ އެ ބޯޓްތައް ހިފެހެއްޓީ، މާލޭގެ އިރުން 175 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ.
އެ ހާދިސާއަށް އިޝާރާތްކުރައްވައި ޖަމްޝީދު ވިދާޅުވީ އެފަދަ އުޅަނދުތަކުން މެލޭރިއާ ފަތުރާ މަދިރިއާއި އެނޫން ވެސް ސޫފާސޫފި ރާއްޖެއަށް އެތެރެވުމުގެ ފުުރޞަތު ބޮޑު ކަމަށެވެ.
"ސިލޯނުގައި އަލަށް ފެތުރެމުންދާ އެނޯފިލިސް މަދިރީގެ ބާވަތަކީ މިގޮތަށް އިންޑިއާގެ މަސްބޯޓުތަކަކުން ތަޢާރަފްވި މަދިރިއެއް ކަމަށް ލަފާކުރެވޭ،" ޖަމްޝީދުގެ ބަޔާނުގައިވެ އެވެ.
ޖަމްޝީދު އެފަދައިން ވިދާޅުވިއިރު މެލޭރިއާއަކީ ރާއްޖެ އިން ނައްތާވެސްލައިފައިވާ ބައްޔެކެވެ.