25 Nov 2019, 15:44
ތޫނު އެއްޗަކުން ހަމަލާދީ ރަހުމްކުޑަ ގޮތަކަށް މަރާލި ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރު ޔާމީން ރަޝީދު މަރުގެ މައްސަލާގައި ހުކުމް އިއްވުން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހަށް ތާވަލުކޮށްފި އެވެ.
ޔާމީން ރަޝީދު މާރާލީ 2017 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 23 ވަނަ ދުވަހުގެ ރޭ ދަންވަރު އެވެ. އެ މައްސަލާގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ. އިރާސްމިކުގެ، އަހުމަދު ޒިހާން އިސްމާއީލާއި، ގދ. ގައްދޫ ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި، މ. ކުދެހިގެ ހަސަން ޝިފާޒާއި، މ. ތާއިފް އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށް ވަނީ ކޮށްފަ އެވެ.
ޔާމީންގެ މަރުގެ މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު މީގެ ކުރިން މައްސަލަ ތާވަލުކުރެއްވީ އޮކްޓޯބަރު 10 ވަނަ ދުވަހު ހުކުމް އިއްވުމަށެވެ. އެކަމަކު، އެކި ސަބަބުތަކާ ހުރެ މައްސަލަ ތާވަލާ އެއްގޮތަށް ކުރިއަށް ގެންދެވިފައި ނުވެ އެވެ.
މިއަދު މެންދުރު އޮތް އެ މައްސަލައިގެ އަޑުއެހުމުގައި ގާޒީ އަލީ ރަޝީދު ވަނީ ދެން މައްސަލަ ކުރިއަށް ގެންދަވާނެ ގޮތުގެ ތާވަލެއް ވަކީލުންގެ މަޝްވަރާއާ އެކު އެކުލަވައިލާފަ އެވެ. އެގޮތުން، ޑިސެމްބަރު މަހާއި ޖެނުއަރީ މަހުގެ ކުރީ ކޮޅު ދިފާއުގެ ޝަފަވީ ހެކި ނަގަން ތާވަލު ކުރެއްވި އެވެ. ދައުވާ ކުރާ މީހުންގެ ތެރެއިން އިސްމާއިލް ހައިޝަމް ރަޝީދު އަށް ހެއްކެއް ހުށަހަޅާފައިވެ އެވެ. އަދި އިސްމާއިލް ރަޝީދުގެ ފަރާތުން 11 ހެއްކެއް ހުށަހެޅި އިރު ޒިހާންގެ ފަރާތުން ހަ ހެއްކެއް ހުށަހަޅާފައިވެ އެވެ.
ޝަވަހީ ހެކި ނަގައި ނިމުމަށް ފަހު ޖެނުއަރީ ހަތް ވަނަ ދުވަހު ކިތާބީ ހެކިތަކާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް އަޑުއެހުމެއް ބޭއްވުމަށް ގާޒީ ނިންމެވި އެވެ. އަދި ޖެނުއަރީ 15ގައި ހުލާސާ ބަޔާން އިއްވުމަށް ފަހު އެ މަހުގެ 30 ވަނަ ދުވަހު ހުކުމް އިއްވަން އޭނާ ތާވަލު ކުރެއްވި އެވެ.
ޔާމީން ރަޝީދުއަށް ހަމަލާދިން ގޭ ސިޑިކައިރީގައި އެކުމުގައި ހަރަކާތްތެރިވިކަމަށް ބެލެވޭ މީހަކު ދޮރުން ވަންނަނީ ---
މިއަދުގެ އަޑުއެހުމަކީ ދައުލަތުން ހުށަހަޅާފައިވާ ދެ ސީން އޮފް ކްރައިމް ރިޕޯޓު ތައްޔާރު ކުރި ފުލުހުންގެ ސީން އޮފް ކްރަައިމް އޮފިސަރުންގެ ރިޕޯޓު ނަގައިފަ އެވެ. އޭގެ ތެރެއިން ޒިޔާދުއާ ދެކޮޅަށް ހުށަހެޅި ރިޕޯޓު ތައްޔާރު ކުރި މީހާއާ ދިފާއުން އެއްވެސް ސުވާލެއް ކުރަން ބޭނުން ނުވާތީ އެ ހެކިބަސް ޝަރީއަތުގައި ނުނަގައި ކުރިއަށް ގެންދިޔައަސް މައްސަލައެއް ނެތް ކަމަށް ދިފާއީ ވަކީލު ވިދާޅުވި އެވެ. ދައުލަތުގު ވެސް އިއުތިރާޒެއް ނެތުމުން ގާޒީ ނިންމެވީ އޭނާގެ ހެކިބަސް ނުނެގުމަށެވެ.
ހެކިބަސް ނަގާފައި ވަނީ އިސްމާއިލް ރަޝީދު ދިރިއުޅުނު މ. ތޯއިފް ބަލާ ފާސް ކުރި ސީން އޮފް ކްރައިމް އޮފިސަރު މުހައްމަދު އަރީފުގެ އެވެ. އޭނާ ބުނި ގޮތުގައި އެ ގޭގައި ހުންނަ ދެ ކޮޓަރީގެ ތެރެއިން ކޮޓަރިއެއްގެ އަލަމާރިން ސިފައިން ލައި އުޅޭ ފަދަ އާމީ ގަމީހަކާއި ފަޓުލޫނެއް ފެނުނު ކަމަށެވެ. އަދި ކަބަޑެއްގެ ވައްގަނޑަަކުން ތޮތްޕެއް ވެސް ފެނިފައިވާ ކަމަށެވެ. އޭގެ އިތުރުން ފޯނަކާއި ލެޕްޓޮޕެއް ވެސް ކޮޓަރިން ފެނުނު ކަމަށް ބުންޏެވެ.
މިއަދު ދައުލަތުގެ ވަކީލު ވިދާޅުވީ، ދައުލަތުގެ ފަރާތުން ހުށަހެޅި ސިއްރު ތިން ހެކިވެރިންނަށް އިންޒާރު ކުރިމަތިވާތީ ހެކިބަސް ދޭން އިއުތިރާޒުކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ މީހުންނާ ނުލައި މައްސަލަ ކުރިއަށް ގެންދަން ދައުލަތުން އެދުނެވެ.
ފުލުހުންގެ ތަހުގީގުން ދެއްކާފައިވާ ގޮތުގައި ޔާމީން މަރާލާފައި ވަނީ ދީނީ ގޮތުން ހުރި ދެބަސްވުންތަކެއްގެ ސަބަބުންނެވެ. އޭނާގެ އެކުވެރިޔާ އަހުމަދު ރިލްވާނާއި ޑރ. އަފްރާޝީމް އަލީ ވެސް މަރާލީ އެފަދަ ސަބަބުތަކާ ހެދިކަން މަރު ކޮމިޝަނުން ތައްޔާރު ކުރި ރިޕޯޓުތަކުން ވަނީ އެނގިފަ އެވެ.
މަރު ކޮމިޝަނުން ޔާމީންގެ މަރާ ގުޅޭ ގޮތުން ހެދި ރިޕޯޓު މިހާރު ވަނީ ނިމިފަ އެވެ. އެކަމަކު، އެ ރިޕޯޓު ރައީސަށް ފޮނުވާފައި ނުވަނީ އަދި އެ މައްސަަލައިގެ ޝަރީއަތް ނިމިފައި ނުވާތީ އެވެ.