25 Nov 2019, 14:58
ގާއިދީންގެ ތެރެއިން ޕެރޯލްގެ ފުރުސަތަށް އެދޭ ފަރާތްތަކުގެ ތެރެއިން ގިނަ ފަރާތްތަކަށް ޕެރޯލް ނުދެވެނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވާތީ ކަމަށް ޕެރޯލް ބޯޑުން ބުނެފި އެވެ.
ޤައުމީ ސަލާމަތާ ބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޕެރޯލް ބޯޑުގެ ޕޮލިސް ޗެއާޕާސަން އިސްމާއިލް ނަވީން ވިދާޅުވީ، ގިނަ ފަރާތްތަކަށް ޖަލު ތެރެއިން މަސްތުވާތަކެތި ލިބެމުންދާ ކަމަށާއި ޕެރޯލް ބޯޑަށް ގެނެސް ޔޫރިން ޗެކް ކުރާއިރު، ދެބައިކޮށްފައި އެއްބައި މީހުން މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ޕޮޒިޓިވްވާ ކަމަށެވެ.
"ޖަލުގައި ތިބޭތީ ޕޮޒިޓިވް ވަނީތޯ ނޫނީ ވަކި ގޮޅިއެއްގައި ތިބޭތީ ޕޮޒިޓިވް ވަނީތޯ ވެސް ސުވާލުކުރިން. އެތާ (ޖަލު) އެތެރޭގައި ތިބޭތީ ޕޮޒިޓިވް ވަނީ ކަމަށް ގިނަ މީހުން ބުނަމުން މިދަނީ." ނަވީން ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ޕެރޯލް ބޯޑުގެ ޗެއާޕާސަން ފައުޒިއްޔާ އަލީ ވިދާޅުވީ އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި ވެސް އެސެސްމަންޓް ހެދި ޤައިދީންގެ ތެރެއިން ތިންބައިކުޅަ އެއްބައި މީހުން މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
ފައުޒިއްޔާ ވިދާޅުވީ ޕެރޯލްއަށް އެދޭ ޤައިދީންގެ ތެރެއިން ގިނަ މީހުންނަކީ ރީހެބިލިޓޭޓް ކޮށްފައި ތިބޭ ބައެއް ނޫން ކަމަށާއި ރީހެބިލޭޝަން ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިޔަ ނަމަވެސް އެ ޕްރޮގްރާމުތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ޤައިދީންނަށް ލިބިފައިވާ ނުވާ ކަމަށެވެ.
"މީގައި ބައިވެރިވުމުގެ ފުރުސަތު ވެސް މި އޮންނަނީ ލިމިޓެޑް ބަޔަކަށް. ހުރިހާ މީހުންނަކަށް ނޫން މި ފުރުސަތު މި އޮންނަނީ. އެހެންވެ ރީހެބިލިޓޭޓް ވެގެންނެއް ވެސް ނޫން އެމީހުން މި ތިބެނީ. ރީހެބިލިޓޭޓް ނުވަންޏާ، މުޖުތަމައަށް ނުރައްކަލެއް އޮންނަންނާ ނެރެދެވޭނެ ގޮތެއް އަޅުގަނޑުމެންނަކަށް ނޯންނާނެ." ފައުޒިއްޔާ ވިދާޅުވި އެވެ.
ޕެރޯލްއަށް ހުށަހަޅާ ގައިދީން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވުމުގެ އިތުރުން އެމީހުންނަށް ޖަލުން ސިއްހީ މައްސަލަތައް ދިމާވާކަން ވެސް ޕެރޯލް ބޯޑުގެ މެމްބަރުން ފާހަގަކުރެއްވި އެވެ. އަދި އާންމުކޮށް ފެންނަނީ ގައިންގަޔަށް އަރާ ހަމުގެ ބަލިތައް ކަމަށް ވެސް މެމްބަރުން ވިދާޅުވި އެވެ.
ޕެރޯލް ބޯޑުން ބުނީ މި އަހަރުގެ މިހާތަނަށް ޕެރޯލްގެ ފުރުސަތަށް އެދި 407 މީހުން އެޕްލިކޭޝަން ފޯމު ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރެއިން ކޭސް ރެޑީވެފައި ވަނީ 80 މީހުންގެ ކަމަށެވެ.
ކުރީގެ ޕެރޯލް ބޯޑާ އެކު މި އަހަރުގެ މިހާތަނަށް ޕެރޯލް ބޯޑުން 115 މީހުންނާ އިންޓަވިއުކޮށް، 39 މީހަކަށް ޕެރޯލް ފުރުސަތު ދޭން ނިންމާފައިވާ ކަމަށް ވެސް ޕެރޯލް ބޯޑުން ބުނެ އެވެ.
އެޕްލިކޭޝަން ހުށަހެޅި މީހުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޢާފު ދެއްވައިގެން 43 މީހުންގެ ޕެރޯލް ފޯމު ކެންސަލްކުރި އިރު، 93 ފޯމަކާ ގުޅޭ ގޮތުން އެކި އިދާރާތަކުން ހޯދަން ޖެހޭ މައުލޫމާތު ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި 40 މައްސަލަ އެ ބޯޑަށް ހުށަހަޅަން ވަނީ ތައްޔާރުވެފަ އެވެ.