25 Nov 2019, 13:53
ތެހެރާން (ނޮވެމްބަރު 25) : އީރާނުގައި ތެލުގެ އަގު ބޮޑުކުރުމާ ގުޅިގެން މުޒާހަރާކޮށް ހަމަނުޖެހުން އުފެއްދި މީހުންނަކީ ދުޝްމަނުންގެ މަސްލަހަތަށްޓަކައި ގައުމު ހަލާކު ކުރަން މަސައްކަތްކުރި "ކުލީ ސިފައިން" ގެ ބައެއް ކަމަށް ސިފަކޮށް އެމީހުންނާމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް އީރާނުގެ އިންގިލާބީ ލަޝްކަރުތަކުން އެގައުމުގެ ޝަރުއީ ދާއިރާއަށް ގޮވާލައިފި އެވެ.
މުޒާހަރާތައް ހުއްޓުވައި ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށްފަހު ނެރުނު ބަޔާނެއްގައި އިންގިލާބީ ލަޝްކަރުތަކުގެ ކޮމާންޑަރުގެ ނައިބު ރެއަލް އެޑްމިރަލް އަލީ ފަދާވީ އީރާނުގެ ޝަރުއީ ދާއިރާއަށް ގޮވާލެއްވީ ހަމަނުޖެހުން އުފެއްދުމުގެ މުގުލުގައި ތިބި މީހުންނަށް ގާނޫނު ތަންދޭ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށެވެ. މުޒާހަރާތައް ރޭވުމުގައާއި މުޒަހަރާތައް ބޭނުންކޮށްގެން ހަމަނުޖެހުން އުފައްދައި ތަންތަނުގައި ހުޅުޖެހުމުގައި އިސްކޮށް އުޅުނު 180 ލީޑަރުން ހައްޔަރުކޮށްފައިވާއިރު އެމީހުން މަސައްކަތްކުރީ އެމެރިކާއާއި ވާތުފިޔައިގެ ފިކުރުގެ އީރާނުގެ ބާޣީ ޖަމާއަތެއްކަމަށްވާ މުޖާހިދީ ޚަލްގުގެ އެޖެންޓުންގެ ގޮތުގައި ކަމަށް އެމީހުން އެއްބަސްވެފައިވާކަމަށް ީއެޑްމިރަލް އަލީ ފަދާވީ ވިދާޅުވި އެވެ.
މި 180 މީހުންގެ އިތުުރުން އެމީހުންގެ އިރުޝާދުގެ ދަށުން އެކްޓިވިސްޓުންގެ ގޮތުގައި ހަރަކާތްތެރިވި 1000 އެއްހާ މީހުންވެސް ހައްޔަރުކޮށްފައިވާ ކަމަށްވެސް އީރާނުގެ އަމަނާބެހޭ ފަރާތްތަކުން ބުނެފައިވެ އެވެ. މިއާއެކު މުޒާހަހާރަތައް ނިމުމަކަށް ގެނެވިފައިވާކަން ރައީސް ހަސަން ރޫޙާނީ ވަނީ އިއްލާން ކުރައްވާފަ އެވެ.
މި 1180 މީހުން ހައްޔަރުކޮށް ހަމަނުޖެހުން މައިތިރިކުރުމަށް ހިންގި އަމަނާބެހޭ ޚާއްސަ އޮޕަރޭޝަން ހިންގާފައިވަނީ އީރާނުގެ އެންމެ ބާރުގަދަ ލަޝްކަރު ކަމަށްވާ އިންގިލާބީ ލަޝްކަރުތަކުގައި ހިމެނޭ އެލީޓް ބާރުތަކުންނެވެ. އީރާނުގައި ހަމަނުޖެހުންތައް އުފެދުނީ ޕެޓްރޯލްގެ އަގު 50 އިންސައްތައަށް ބޮޑުކުރުމާ ގުޅިގެންނެވެ. މި ނޮވެމްބަރު މަހުގެ ކުރީކޮޅު ފެށި މުޒާހަރާތަކުގައި މަދުވެގެން 100 މީހުން މަރުވެފައިވާނެކަމަށް އެމްނެސްޓީ އިންޓަނޭޝަނަލުން ބުނެފައިވާއިރު އީރާން ސަރުކާރުން ބުނެފައިވަނީ މުޒާހަރާތަކުގައި މަރުވީ 6 މީހުން ކަމުގައެވެ.
އީރާނުގެ ޖާސޫސީ ފަރާތްތަކުންވެސް ވަނީ ހަމަނުޖެހުން އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ އީރާނުގެ ދުޝްމަނުންކަމަށްވާ އެމެރިކާއާއި އެނޫންވެސް ބައެއް ފަރާތްތަކާ ގުޅުން އޮތް ބައެއް ކަމުގައެވެ. މިކަމަށް އިޝާރާތް ކުރައްވައި އީރާނުގެ ނައިބު ރައިސް އިސްޙާގް ޖަހަންގީރީ އިއްޔެވަނީ އީރާންގައި ހިންގި ހަމަނުޖެހުންތަކަށް އެހީތެރިވިކަން ނޫނީ އަމަލީގޮތުން އެކަމަށްވާގިވެރިކަން އަވަށްޓެރި ގައުމެއްގެ މައްޗަށް ސާބިތުވެއްޖެނަމަ އެކަމުގެ ނަތީޖާއާ އެގައުމަކުން ކުރިމަތިލާންޖެހޭނެކަމުގެ އިންޒާރު ދެއްވާފަ އެވެ.
މުޒާހަރާތަކާ ކުރިމަތިލުމުގައި އީރާނުން ގެންގުޅުނީ ދޫދިނުމުގެ ބަދަލުގައި މުޒާހަރާތައް ހުއްޓުވުމުގެ ސިޔާސަތެކެވެ. މުޒާހަރާތަކަށް ދޫނުދީ އެކަން ވަގުތުން ހުއްޓުވުމުގެ ހަރުކަށި ސިޔާސަތެއް އީރާނުން ގެންގުޅުނީ އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ބޭނުންކޮށްގެން އީރާނުގައި ހަމަނުޖެހުން އުފައްދައިގެން ސިޔާސީ މަގްސަދުތައް ޙާސިލް ކުރުމުގެ ހަތިޔާރަކަށް އެމެރިކާއިން މުޒާހަރާތައް ހަދާފާނެ ކަމުގެ ބިރު އީރާނުގެ މަސްއޫލުވެރިން އިޙްސާސް ކުރައްވާތީ ކަމަށް އޮބްޒާވަރުން ވިދާޅުވެއެވެ. އެހެންކަމުން މުޒަހަރާތައް ހުއްޓުވުމުގައި ލިބުނު ކާމިޔާބީއަކީ "ބޮޑު ހަނގުރާމައެއް" ފަހަތަ ކުރެވުންފަދަ ކަމެއްގެ ގޮތުގައި އީރާނުގެ މަސްއޫލުވެރިންވަނީ ސިފަކުރައްވާފަ އެވެ.
ޕެޓްރޯލްގެ އަގު ބޮޑުކުރުމާ ގުޅިގެން އީރާނުގައި ފެށި މުޒާހަރާތައް ދެތިން ދުވަހުގެ ތެރޭގައިވަނީ އެގައުމުގެ ބޮޑު ބައަކަށް ފެތުރިގެން ގޮސްފައެވެ. މިގޮތުން ތިން ދުވަހުގެ ތެރޭގައި 100 އަށްވުރެ ސިޓީއަށް މުޒާހަރަތައް ފެތުރިގެންދިޔައެވެ. މުޒާހަރާތަކުގެ ބައިވެރިންވަނީ އީރާނުގެ ބޭންކްތަކާއި އާންމުންގެ ފިހާރަތަކަށާ ޕެޓްރޯލް ސްޓޭޝަންތަކާއި ސަރުކާރުގެ އިމާރާތްތަކުގައި ހުޅުޖަހައި އެތަށް އިމާރާތެއް އަންދާލާފައެވެ. އަދި ފަހުން މުޒާޙަރާތައްވަނީ ސިޔާސީ މުޒާހަރާތަކަށް ބަދަލުވެ އީރާނުގެ އިސްވެރިންގެ އިސްތިއުފާއަށް ގޮވާލާ ހިސާބަށްވެސް ކަންތައް ގެންގޮސްފައެވެ.
އީރާނަކީ އެގައުމުގެ ވެރިކަމުގެ ނިޒާމު ބަދަލުކުރަން އެމެރިކާއާއި އިސްރާއީލުން ބޭނުންވާ ގައުމެކެވެ. މިކަމަށް ތާއިދުކުރާކަން ސައޫދީ މަސްއޫލުވެރިންވެސްވަނީ ނުސީދާ ގޮތެއްގައި އެތަށް ފަހަރަކު ވިދަޅުވެފައެވެ. އެހެންކަމުން އީރާނުގައި މުޒާހަރާތައް ފެތުރިގެން ދިޔުންވެގެން ދިޔައީ އެގައުމުގެ ސަރުކާރަށް ވަރަށް ޙައްސާސް މައްސަލައަކަށެވެ.
އީރާނާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އެޅުމުގައި އެމެރިކާގެ ބޭނުމަކީ އެގައުމުގެ ރައްޔިތުން ސަރުކާރާ ދެކޮޅަށްނެރެ ހަމަނުހެޖެހުން އުފައްދައިގެން އެމެރިކާގެ ޝަރުތުތައް ގަބޫލުކުރުމަށް އީރާނުގެ މަސްއޫލުވެރިންނަށް މަޖްބޫރުކުރުންކަން އެމެރިކާގެ މަސްއޫލުވެރިން ކުރިން ދެއްވާފައިވާ ބަޔާންތަކުން އެނގެއެވެ. އެހެންކަމުން އެމެރިކާ އޮތީ އިރާގާއި ލުބްނާން އަދި ބޮލީވިޔާގޮތަށް އީރާނުގައިވެސް މުޒާހަރާތައް ފެށިދާނެކަމުގެ އުންމީދުގައެވެ.
މުޒާހަރަތައް ފެށުމާއެކު އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯއާއި ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެކަމަށް ހިއްވަރު ދެއްވާފައެވެ. ނަމަވެސް ބަރުގެ ބޭނުންކޮށްގެން މުޒާހަރާތައް ހުޓުވައި މުޒާހަރާތައް ނާކާމިޔާބުކޮށްލައި އޭގެ އިސް ލީޑަރުން ހައްޔަރު ކުރުމުން ޕޮމްޕެއޯ ވަނީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާއި އީރާނުގެ މުޒާހަރާތަކާ ގުޅުންނެތްކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. (ނޫސްއެޖެންސީތައް)