އެންސިސް ފިޝަރީޒްއިން ހުޅުމާލޭގައި ހުޅުވުމަށް ތައްޔާރުވަމުންދާ ދަޅު މަސް ބަންދުކުރާ ފެކްޓަރީގެ ވަޒީފާތަކަށް މީހުން ނެގުމަށް އިއްޔެ ހުޅުމާލޭގައި ކުރިއަށް ގެންދިޔަ އޯޕަންޑޭއަށް ހޫނު ތަރުހީބެއް ލިބެއްޖެ އެވެ.

އެންސިސް ފިޝަރީޒްއިން ބުނީ އިއްޔެ ކުރިއަށްއަށް ދިޔަ އޯޕަން ޑޭގައި 700 އެއްހާ މީހުން ޒިޔާރަތްކުރި ކަމަށާއި އަދި 400 އެއްހާ މީހުން ވަޒީފާތަކަށް ކުރިމަތިލި ކަަމަށެވެ.

އެ އޯޕަން ޑޭއަށް ޒިޔާރަތްކުރި ފަރާތްތަކަށް މަސް ފެކްޓްރީ ދައްކާލުމުގެ އިތުރުން އެތަނުގައި ހުރި ވަޒީފާތަކުގެ މައުލޫމާތުވެސް ދީފައިވާ ކަަމަށް އެ ކުންފުނިން ބުންޏެވެ.

އިއްޔެ ބޭއްވި އެންސިސްގެ އޯޕަން ޑޭ ހަރަކާތުގެ ތެރެއިން---- ފޮޓޯ: އެންސިސް

އިއްޔެ ހަވީރު ހަޔަކުން އަށަކަަށް ކުރިއަށް ގެންދިޔަ އިވެންޓްގައި ޖާދުލާއި ރޮބޯ މޭންގެ ހަރަކާތްތަކާއެކު ކުޑަކުދިންގެ ހަވީރެއް ވަނީ ބާއްވައިފައެވެ.

އޭގެ އިތުރުން ކުޑަކުދިންނަށް ހާއްސަކޮށް ގިފްޓް ޕެކަކާއި މެޓާ އަދި ޕޮޕްކޯންފަދަ ތަކެތި ވަނީ ބަހައިފައެވެ.

އޭގެ އިތުރުން އެފެއާއަށް ޒިޔާރަތްކުރި ފަރާތްތަކަށް ރޭ ވަނީ ފަރިއްކޮޅެއްވެސް އަރުވައިފައެވެ.

އިއްޔެ ބޭއްވި އެންސިސްގެ އޯޕަން ޑޭ ހަރަކާތުގެ ތެރެއިން---- ފޮޓޯ: އެންސިސް

އެ ފެއާއަށް ޒިޔާރަތްކުރި ފަރާތްތަކުގެ މެދުގައި ލަކީ ޑްރޯއެއްވެސް ރޭ ވަނީ ނަގައިފައެވެ. އެގޮތުން އެއްވަނައަށް އަށް ފަރާތަކަށް މާލެ- ކޮލަމްބޯ ދެކޮޅު ޓިކެޓް، ދެވަނައަށް ފެލެސިޓީ ސަފާރީގައި އާއިލާއަކަށް ރޭގަނޑުގެ ކެއުމެއް އަދި ތިންވަނައަށް އެންޒީ ސްޕެޝަލް ގިފްޓް ޕެކެއްވަނީ ދީފައެވެ.