25 Nov 2019, 12:53
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފައްދަވާފައިވާ ސިޔާސީ ޕާޓީ (އެމްއާރުއެމް) އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީކޮށްދީފި އެވެ.
އެމްއާރްއެމް ރަޖިސްޓްރީކޮށްދޭން އެލެކްޝަންސް ކޮޮމިޝަނުން ނިންމީ މި މަހުގެ 20 ވަނަ ދުވަހު އެވެ. އަދި މިއަދު އެ ކޮމިޝަނުން ވަނީ އެމްއާރްއެމް ރަޖިސްޓްރީކޮށްދިން ކަމުގެ ލިޔުން އެ ޕާޓީއާ ހަވާލުކޮށްފަ އެވެ.
އެޕާޓީ އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ މިމަހުގެ ހަތް ވަނަ ދުވަހުގެ ރޭ ވަނީ ބާއްވައިފަ އެވެ. އެ ޖަލްސާގައި ޕާޓީގެ އިންތިގާލީ ރައީސަކަށް ރައީސް މައުމޫނު އިންތިހާބު ކޮށްފައިވާއިރު ޕާޓީގެ ލޯގޯއާއި ކުލަ، އަސާސީ ގަވާއިދު އަދި ވަގުތީ އެގްޒެކެޓިވް ކައުންސިލް ވެސް ވަނީ ހޮވައިފަ އެވެ.
އިންތިގާލީ ރައީސްކަމަށް ކުރިމަތިލެއްވީ ރައީސް މައުމޫން އެކަންޏެވެ. އިންތިގާލީ ރައީސް ކަމަށް މައުމޫން ހޮވިވަޑައިގަތީ، ޖަލްސާއަށް ހާޒިރުވެތިބި މެމްބަރުންގެ މެދުގައި ނެގި ފެންނަ ނުފެންނަ ވޯޓަކުންނެވެ. ޕާޓީގެ ލޯގޯއެއްގެ ގޮތުގައި ހޮވާފައި ވަނީ ރަންކުލަ އާއި ފެހިކުލަ ހިމެނޭ ލޯގޯއެކެވެ.
ޕާޓީގެ ވަގުތީ ހިންގާ ކޮމިޓީއަށް އިންތިހާބު ކޮށްފައި ވަނީ 10 އަންހެން މެމްބަރުންނާއި 10 ފިރިހެން މެމްބަރުންނާ އެކު ޖުމްލަ 20 މެމްބަރުންނެވެ. އޭގެ އިތުރުން އިންތިގާލީ ރައީސް އައްޔަން ކުރާ ހަތަރު މެމްބަރުންނާއި އަންހެނުންގެ ކައުންސިލުން ދެ މެމްބަރުންނާއި ޒުވާނުންގެ ކައުންސިލުން 12 މެމްބަރުން ވެސް ވަގުތީ އެގްޒެކެޓިވް ކައުންސިލްގައި ހިމެނިވަޑައިގަންނަވަ އެވެ. ޖުމްލަ 32 މެމްބަރަކު އެ ކައުންސިލްގައި ހިމެނެވެ.
އެމްއާރްއެމް އުފެއްދުމުގެ ހުއްދަ އެންމެ ފުރަތަމަ އިލެކްޝަންސް ކޮމީޝަނުން ދިނީ، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަންއަށެވެ. އެކަމަކު ޕާޓީ އުފައްދަން ހަމަ ކުރަން ޖެހޭ ސޮއި ބޭނުންވާ މުއްދަތުގައި ހަމައެއް ނުވި އެވެ. ދެވަނަ ފަހަރަށް އެ ޕާޓީ އުފެއްދުމުގެ ހުއްދަ ދިނީ ރައީސް މައުމޫންގެ ދަރިކަނބަލުން އަދި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނަށެވެ.