25 Nov 2019, 12:58
އެންމެންގެ ސަމާލުކަން ހުއްޓިފައި މި ވަނީ ދޯންޏެއްގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގެ ތެރޭގައި ޒުވާނަކަށް ހަމަލާދީ އޭނާ މަރުވާން ކަނޑަށް އެއްލާލި ހާދިސާއިން ކުރިފެޅި އެހެން ސީރިއަސް މައްސަލައަކަށެވެ. އެ ކޭހުގެ ތެރެއިން ހާމަވީ ކަމަކީ، އެ ފިރިހެން މީހާ ކޯޓުން ބޭރުގައި 13 އަހަރުގެ އަންހެން ކުއްޖަކާ "ކައިވެނި" ކޮށް، އެ ކުއްޖާ ބަލިވެ އިނދެ ވިހޭ ކަމެވެ.
އެކަން ފަޅާއެރުމާ އެކު، ފުލުހުންނާއި ޖެންޑާ މިނިސްޓްރީއާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މައްސަލައިގައި މިހާތަނަށް ކުރި ތަހުގީގުން، އެކުއްޖާ ކައިވެނީގެ ނަމުގައި މީހަކާ ގުޅިފައިވާކަން އެނގިފައި ނުވާ ކަމަށެވެ.
އެކަމަކު އެ ކުއްޖާ ނިސްބަތްވަނީ، ދީނީ ގޮތުން ހަރުކަށި ފިކުރު ގެންގުޅޭ އާއިލާއަކަށް ކަމަށް ވެސް ޖެންޑާ އާއި ފުލުހުންގެ ބަޔާނުން ތިލަކުރި އެވެ. އަދި އެކަމުގެ ސަބަބުން އެ އަންހެން ކުއްޖާ ތައުލީމު ލިބުމުގެ ހައްގުން މަހުރޫމްކޮށް، އެކަށީގެންވާ ސިއްހީ ފަރުވާ ނުދޭ ކަމަށް ވެސް ވަނީ ފާހަގަކޮށްފަ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނި ގޮތުން އެ ކުއްޖާގެ މައްސަލައެއް މުއައްސަސާތަކުގެ ސަމާލުކަމަށް އައީ، ޖޫން 6، 2018ގަ އެވެ. އެއަށް ފަހު އެ މައްސަލަ "ވަރަށް ގާތުން ބަލަމުން" އަންނަތާ މިހާރު އަހަރެއްވެފައިވާކަން ބަޔާނުގައި ބުންޏެވެ.
ނަމަވެސް އެހާ ގާތުން މައްސަލަ ބަލަމުން ދަނިކޮށް، ކޯޓުން ބޭރުގައި "ކައިވެންޏެއް" ކޮށް އެންމެ ފަހުން އެ ކުއްޖާ ބަލިވެއިނދެ ވިހެއީ އެވެ. އެ ހިސާބަށް ކަންކަން ގޯސްވެފައިވާ އިރު، އެކަމާ ގުޅޭ އިތުރު ސީރިއަސް ކަންކަން އެ މައްސަލައިގެ ތެރެއިން މިވަނީ ކުރި ފަޅައިފަ އެވެ.
"ކައިވެނިތައް" ކުރުވީ އާއިލާއިން!
އިތުބާރު ހުރި ގޮތަކަށް "ސަން" އަށް އެނގިފައިވާ ގޮތުގައި މިއީ ކޯޓުން ބޭރުން އެކުއްޖާ މީހަކާ ދެވި ފުރަތަމަ ފަހަރެއް ނޫނެވެ. ލަނޑާ ދޯނީގައި ޒަހަމްކޮށްލި 26 އަހަރުގެ ރ.މަޑުއްވަރީ، ހައްމާދު އާ އެކުއްޖާ "ކައިވެނި" ކުރުވުގެ ކުރިން، ދެ ފަހަރެއްގެ މަތިން، ދެމީހުންނާ އެކުއްޖާ ވަނީ "ކައިވެނި" ކުރުވައިފަ އެވެ.
ފުލުހުންނާ ޖެންޑާ މިނިސްޓްރީއަށް އެކުއްޖާ "ކައިވެނީ"ގެ ގޮތުން މީހަކާ ގުޅިފައިވާ ކަމުގެ މައުލޫމާތު ލިބިފައި ނެތް ނަމަވެސް، ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ވެސް މިއީ އެކުއްޖާ މީހަކާ ދެވި ފުރަތަމަ ފަހަރު ނޫންކަމުގެ މައުލޫމާތު ލިބިފައިވެ އެވެ.
"ބައެއް ސޯސްތަކުން އަޅުގަނޑުމެންނަށް އެބަ މައުލޫމާތު ލިބޭ، މިއީ އެކުއްޖާގެ ފުރަތަމަ ކައިވެނި ނޫންކަމަށް. ޝަރުއީ ނިޒާމުން ބޭރުން ކައިވެންޏެއްގެ ނަމުގައި މީހަކު އޭނާއާ ގުޅުމެއް ހިންގާ ފުރަތަމަ ފަހަރު ނޫންކަން،" މިއަދު ބޭއްވި މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަޓް ރައިސްޓް ކޮމިޓީގައި، އެ ކޮމިޓީގެ މުގައްރިރު، މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ވިދާޅުވި އެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި މި ތިން "ކައިވެންޏަކީ" ވެސް އާއިލާގެ ރުހުމުގައި، އާއިލާއިން ހުށަހަޅައިގެން ކޮށްފައިވާ ތިން ކައިވެންޏެވެ. އަދި ފުރަތަމަ ދެ "ކައިވެނި" ރޫޅާލީ އެކުއްޖާ ބޭނުންވެގެންކަން ވަނީ އެނގިފަ އެވެ.
އެކުއްޖާ އެންމެ ފުރަތަމަ މީހަކާ "ކައިވެނި" ކުރީވެސް މިދިޔަ އަހަރު އެވެ. އެކަމަކު، ހައްމާދުއާ މިދިޔަ އަހަރު "ކައިވެނި" ކުރިއިރު އޭނާއަށް 12 އަހަރެވެ. ހައްމާދުގެ ދަރިއަކަށް ބަލިވެއިނދެ މިދިޔަ ހަފްތާ އެ ކުއްޖާ ވިހޭއިރު އުމުރަކީ އެންމެ 13 އަހަރެވެ.
ކަމާބެހޭ އިދާރާތަކަށް ކުރެވުނު ކަމެއް ނެތް!
"ސަން"އަށް އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި އެކުއްޖާގެ ބައްޕައަކީ 2007 ވަނަ އަހަރު އއ. ހިމަންދޫގައި ވަކިން ޖަމާއަތް ހަދައިގެން ނަމާދު ކުރަމުންދިޔަ ބަޔަކާއި ސަލާމަތީ ބާރުތަކާއި ދެމެދު ހިނގި ހަމަނުޖެހުމުގެ ތެރޭގައި ހައްޔަރުކޮށް 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ މީހެކެވެ. އޭނާ އަކީ އެ ހަރަކާތުގައި އިސްކޮށް އުޅުނު މީހެއްކަން އެނގިފައިވެ އެވެ.
އެ މައްސަލައިގައި އޭނާ މިނިވަންވީ މިދިޔަ އަހަރު އެވެ. ނަމަވެސް އިތުރު މައްސަލައެއްގައި އޭނާ މިހާރުވެސް އަންނަނީ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. އަދިވެސް އޭނާ ހުރީ އެ ފިކުރުގަ އެވެ.
އަންހެން ކުއްޖާ ބަލިވެއިނދެ، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދިއުމުން، ޖެންޑާއިން އެ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔަކަމުގެ މައުލޫމާތު ލިބިފައިވެ އެވެ. ނަމަވެސް ޖެންޑާއިން އެކުއްޖާ ހަވާލުކޮށްފައި ވަނީ އެކުއްޖާގެ މަންމައާ އެވެ. ޖެންޑާއިން އެޅިކަމަށް އެބުނާ ފިޔަވަޅަކީ މިއީ އެވެ.
އާއިލާ އަކީ ހަރުކަށި ފިކުރުގެ އާއިލާއެއްކަން އެނގި ހުރެ ވެސް، ކަމާބެހޭ ފަރާތްތަކުން އެކުއްޖާ އަނެއްކާވެސް ހަވާލުކުރީ އާއިލާއާ އެވެ. ކައިވެނިތައް ކުރުވީވެސް އާއިލާއިންނެވެ. ކުޑަ އަންހެން ކުއްޖާ ބަލިވެ އިނދެ، މިހާރު ވިހާފައި ވާއިރު ވެސް ކަމާބެހޭ ފަރާތްތަކުން މައްސަލަ ބެލުން ފިޔަވާ އިތުރު ކަމެއް ކުރެވުނު ހެއްޔެވެ؟ މިކަމާ ގުޅިގެން އެއްވެސް ފިޔަވަޅެއް އަދި އަޅާފައިވާކަމަކަށް ނުފެނެ އެވެ.
މިމައްސަލައިގައި މިއަދު ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހެޅި އެވެ. މައްސަލައަށް ބަހުސްކުރެއްވި ގިނަ މެމްބަރުން ވަނީ ހަރުކަށި ފިކުރު ހުއްޓުވުމުގައި ކަމާބެހޭ އިދާރާތައް ފެއިލްވެފައިވާކަމަށް ވިދާޅުވެފަ އެވެ. އަދި މިކަމުގައި ޝާމިލްވި މީހުންނާއި އިހުމާލުވި މީހުންނަށް ވެސް ފިޔަވަޅު އަޅަން ވަނީ ގޮވާލައިފަ އެވެ.
ރާއްޖޭގެ އަމަންއަމާންކަން ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ މުއައްސަސާގެ ފަރާތުން މިފަދަ މައްސަލަތައް އެއްވެސް ކަމަކަށް ނުހަދާ އަޅާނުލާ ތިބިކަމަށް ވެސް މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ތުހުމަތު ކުރައްވައިފަ އެވެ.
"ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކުގެ ބޭރުން، އަމިއްލައަށް ފެންނަ ގޮތަކަށް ބަޔަކު އަމަލު ކުރަމުން އަންނަ އިރު ފުލުހުންގެ މުއައްސަސާ އާއި ފުލުހުންގެ މުއައްސަސާއާ ހަވާލުވެހުންނެވި ވެރިޔާ މި ހުންނެވީ ނިދާފަތޯ،" ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު ވިދާޅުވިއެވެ.
މިއީ ކައިވެންޏެއް ނޫން، މިއީ ރޭޕް!
ރާއްޖޭގެ ގާނޫނުތައް ބުނާގޮތުން 18 އަހަރުން ދަށުގެ ކުޑަކުދިންނާ ކައިވެނި ކުރުމަކީ ކުށެކެވެ. އުމުރުން 16 އަހަރުވުމަށްފަހު، އާއިލާ އާއި ކުއްޖާގެ އިއުތިރާޒެއް ނެތި ކައިވެނި ކުރެވިދާނެ ކަމަށް ކުރިން ގާނޫނުން އޮތީ ޖާގަ ދީފަ އެވެ. ނަމަވެސް އެ އުމުރުގައި ވެސް ކައިވެނި ކުރެވޭނީ ޖެންޑާ މިނިސްޓްރީން އެސެސްމަންޓެއް ހަދައި، ސުޕްރީމް ކޯޓުގެ ހާއްސަ ހުއްދައެއް ހޯދައިގެންނެވެ. އެ ނޫން ހުރިހާ ހާލަތެއްގައި އެއީ ކުށެކެވެ.
ނަމަވެސް މިދިޔަ ހަފްތާގައި ރައީސް ތަސްދީގުކުރެއްވި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ގުޅޭ ގާނޫނުގައި، ކައިވެނި ކުރެވޭނެ އުމުރު ވަނީ 18 އަހަރަށް މަތިކޮށްފަ އެވެ. އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، 18 އަހަރު ނުވަނީސް ކައިވެނިކޮށް ނުދެވޭނެ ކަމަށް އެ ގާނޫނުގައިވެ އެވެ. އަދި އެ އުމުރު ނުފުރެނީސް ކައިވެންޏެއް ކުރުމަކީ ވެސް ކުށެކެވެ.
އެހެންކަމުން، ގާނޫނީ ބޭފުޅުން ވިދާޅުވަނީ 13 އަހަރުގެ ކުއްޖާއާ ކައިވެނި ކުރި ކަމަށް ބުނި ނަމަވެސް އެއީ ޣައިރު ގާނޫނީ ކަމެއް ކަމަށެވެ. އަދި އެއީ ރޭޕް ކުރުން ކަމަށް ބެލެވިދާނެ ކަމަށް އެބޭފުޅުން ވިދާޅުވެ އެވެ. އަދި އެކަމަށް އޮންނަ އަދަބު އެފަދަ މީހުންނަށް ދެވިދާނެ ކަމަށް ވެސް ގާނޫނީ ބޭފުޅުން ދެކެ އެވެ.