25 Nov 2019, 11:55
ރާއްޖޭގެ އެއްވެސް އެއާޕޯޓެއްގެ ހިންގުން ބޭރުގެ ފަރާތަކަށް ދިނުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުން މަޖިިލީހުގެ މިއަދު ޖަލްސާގައި މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫން ސުވާލު ކުރެއްވީ މާފަރުގައި ތަރައްގީ ކުރި އެއާޕޯޓް ހިންގުން އެތަން ޑިވަލޮޕްކުރި ބޭރުގެ ކުންފުންޏާ ހަވާލު ނުކުރި ސަބަބާ ގުޅޭ ގޮތުން އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ މާފަރު އެއާޕޯޓްގެ ހިންގުން ބޭރުގެ ފަރާތަކާ ހަވާލު ނުކުރަން ނިންމީ ކުރީގެ ތަޖުރިބާއަށް ބަލާއިރު އެއީ ރައްޔިތުންގެ ވިސްނުމުގައި ރަނގަޅު ކަމަކަށް ނުވާތީ ކަމަށެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ހިންގުން ޖީއެމްއާރާ ހަވާލުކުރި މައްސަލައަށް އިޝާރާތް ކުރައްވާ އިސްލަމް ވިދާޅުވީ، "ބޭރު ބަޔަކު ރާއްޖޭގެ އެއާޕޯޓަކާ ކައިރިވެއްޖެ ނަމަ ބިރު ގަންނަ ބަޔަކު" ދިވެހިންގެ ތެރޭގައި އެބަތިބި ކަމަށެވެ. އެހެންވީމާ، އެއީ ކުރަންވާ ވަރުގެ ކަމެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ވެސް ވިދާޅުވީ އެވެ.
"އަޅުގަނޑުމެންގެ ނިންމުމަކަށްވީ ބޭރުގެ ބަޔަކަށް ރާއްޖޭގެ އެއްވެސް އެއާޕޯޓެއް ހިންގުމަށް، އޮޕަރޭޓް ކުރުން ހަވާލުކުރުން އެއީ ސަރުކާރުން ބޭނުންވާ ކަމެއް ނޫނޭ. އެހެންވީމާ އެ ސިޔާސަތު އަދި ތަންފީޒުކުރަމުން މިދަނީ. އެސިޔާސަތަކީ ގައުމުގެ ހާލަތު ބަދަލުވީމާ ބަދަލުވާ އެއްޗެއް. މިއަދުގެ ހާލަތުގައި މިއަދު ހިންގެން އޮތް ސިޔާސަތަކީ އެއީ،" މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.
މާފަރު އެއާޕޯޓް އަކީ، ޔުނައިޑެޑް އެރެބް އެމެރިރޭޓަސް (ޔޫއޭއީ) ގެ އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެކެވެ. އެތަން އޮޕަރޭޓް ކުރަން ހަވާލުކޮށްފައި ވަނީ އައިލޭންޑް އޭވިއޭޝަނާ އެވެ.
އެ އެއާޕޯޓަކީ އިންޓަނޭޝަނަލް އެއާޕޯޓަކަށްވާއިރު، އަންނަ މަހުގެ އެކެއްގައި އެތަން އޮޕަރޭޓް ކުރަން ފަށަން ވަނީ ނިންމައިފަ އެވެ.