އެވޯޑުތަކުގެ ރެޑް ކާޕެޓަކީ ފަންނާނުންގެ އަގުބޮޑު ހެދުންތަކާއި މޮޅެތި ކަންތައް ދައްކާލާ އެއްތަނެވެ. ރެޑް ކާޕެޓުން ފެނިގެންދާ ކަންތައްތަކަކީ ގިނަ ފަހަރަށް އެވޯޑު ނިމުމުންވެސް ގިނަ ދުވަސް ވަންދެއް ވާހަކަ ދައްކާނެ ކަންތައްތަކެވެ. އިއްޔެ ބޭއްވި އެމެރިކަން މިއުޒިކް އެވޯޑްސް (އޭއެމްއޭ)ގެ ރެޑު ކާޕެޓުން ގޮސް މުޅި ޝޯގެ ސަމާލުކަން އަތުލާފައިވަނީ ލަވަކިޔުންތެރިޔާ ލިޒޯގެ އަތް ދަބަހެވެ.

މުޅި ސޯޝަލް މީޑިއާގައި ދައްކަނީ އެވާހަކައެވެ. އެއީ މަޝްހޫރު ޕޮޕް އަދި އާރުއެންބީ ލަވަކިޔުންތެރިޔާ ލިޒޯ އެވޯޑު ހަފްލާގެ ރެޑް ކާޕެޓަށް ގެންދިޔަ ކުޑަ އަތް ދަބަހުގެ ވާހަކައެވެ.

ލިޒޯ ގެންދިޔަ އަތް ދަބަސް ކުޑަ ކަމުން އޭގައި ހިފަހައްޓަން ޖެހެނީ ދެ އިނގިލިންނެވެ.

ލިޒޯ ބުނިގޮތުގައި އެ އަތް ދަބަސް ގެންދިޔުމުގެ ފަހަތުގައި ހާއްސަ ސަބަބެއް އެބައޮތެވެ. އޭނާ ބުނިގޮތުގައި އެ ދަބަހުގައި ރައްކާކުރެވޭނީ "ކަންކަމުގައި އޭނާ އަޅާލާ ވަރު" ކަމަށެވެ. އެގޮތަށް އޭނާ އިޝާރާތްކޮށްފައިވަނީ މީހުން ދައްކާ ވާހަކަތަކުގައި އޭޅާ އަޅާލާ ވަރަށެވެ.
އެ އަތް ދަބަކީ ވެލެންޓީނޯއިން ލިޒޯއަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ކަސްޓަމް އަތްދަބަހެކެވެ.

ލިޒޯ ވަނީ މިއަހަރު އޭއެމްއޭ އެވޯޑުގެ ތިން އެވޯޑަކަށް ނޯމިނޭޓް ވެފައެވެ. އޭގެތެރޭގައި މި އަހަރުގެ އާ އާޓިސްޓުގެ އެވޯޑު ހިމެނެއެވެ. އެ އެވޯޑު ލިބިފައިވަނީ މަޝްހޫރު އޯލްޓަނޭޓިވް ޕޮޕް ލަވަކިޔުންތެރިޔާ ބިލީ އައިލިޝް އަށެވެ.