25 Nov 2019, 11:36
ވޮޝިންޓަން (ނޮވެމްބަރު 25): އެމެރިކާގެ ބިލިއަނަރު އަދި ނިއު ޔޯކްގެ ކުރީގެ މޭޔަރު މައިކެލް ބްލޫމްބާގް އެގައުމުގައި އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާން ކުރައްވައިފި އެވެ.
އެމެރިކާގެ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓުކަމަށް ވާދަ ކުރައްވަން ނިންމެވިކަން އިއުލާން ކުރައްވަމުން ބްލޫމްބާގް ވަނީ އޭނާ އެ ރޭހުގައި ބައިވެރިވަނީ "ރައީސް ޑޮނަލްޑް ޓްރަމްޕް ބަލިކޮށް، އެމެރިކާ އާރާސްތު ކުރަން" ކަމަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑު ރައީސް ކަމަށް ވާދަ ކުރަނީ ޑޮނަލްޑް ޓްރަމްޕް ބަލި ކުރުމަށާއި އެމެރިކާ އާރާސްތު ކުރުމަށް. ރައީސް ޓްރަމްޕްގެ ޒިންމާދާރުކަން ކުޑަ އަމަލުތަކަށް އިތުރު ހަތަރު އަހަރެއް ނުދެވޭނެ. އޭނާއަށް އިތުރު ދައުރެއް ލިބިއްޖެ ނަމަ، އޭގެ ސަބަބުން ގައުމަށް ލިބޭ ގެއްލުމުން ދުވަހަކުވެސް އަރައިނުގަނެވިދާނެ،" ބްލޫމްބާގުގެ ބަޔާނުގައިވެ އެވެ.
ބްލޫމްބާގްގެ މިލްކިއްޔާތު 54.4 ބިލިއަން ޑޮލަރަށް އަރާ އިރު އޭނާ އަކީ ދުނިޔޭގެ ނުވަ ވަނަ އަށް އެންމެ މުއްސަނދި މީހާ އެވެ. އަދި އޭނާގެ ކެމްޕެއިންގައި ޓީވީ އިޝްތިހާރުތަކަށް 30 މިލިއަން ޑޮލަރު ހާއްސަކޮށްފައިވެ އެވެ. އެއީ އެމެރިކާގެ ރިޔާސީ އިންތިހާބުގެ ޕްރައިމަރީއެއްގައި އިޝްތިހާރުތަކަށް އެއް ކެންޑިޑޭޓަކު އެހާވަރަށް ހަރަދު ކުރާ ފުރަތަމަ ފަހަރެވެ.
ބްލޫމްބާގް ވަނީ ނިއު ޔޯކުގެ މޭޔަރުކަން 2001އިން 2013އަށް، ތިން ދައުރަށް ކުރައްވާފަ އެވެ.
ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީގައި އެންމެ މަގުބޫލު ބޭފުޅުންނަކީ ކުރީގެ ނައިބު ރައީސް ޖޯ ބައިޑެން އާއި ވާމަންޓުގެ ސެނެޓަރު ބާނީ ސޭންޑާސް އާއި މެސެޗޫސެޓްސްގެ ސެނެޓަރު އެލިޒަބެތު ވޮރެން އެވެ. އޭގެ ތެރެއިން ސޭންޑާސް އާއި ވޮރެންއަކީ ބިލިއަނަރުންގެ އަތުން ޓެކްސް ނަގާ މިންވަރު އިތުރު ކުރުމަށް ތާއިދު ކުރާ ބޭފުޅުންނެވެ.
އެމެރިކާގެ ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީގައި ރައީސް ޓްރަމްޕާ ވާދަ ކުރައްވަނީ މެސެޗޫސެޓްސްގެ ކުރީގެ ގަވަރުނަރު ބިލް ވެލްޑް އާއި އިލިނޯއިގެ ކުރީގެ ހައުސް ރެޕްރެޒެންޓޭޓިވް ޖޯ ވޯލްޝް އާއި ސައުތް ކެރޮލައިނާގެ ކުރީގެ ގަވަރުނަރު މާކް ސެންފޯޑް އެވެ. ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި އެޕްރައިމަރީ ކާމިޔާބު ކުރައްވާނީ ޓްރަމްޕް އެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބު ބާއްވާނީ އަންނަ އަހަރުގެ ނޮވެމްބަރު ތިނެއްގަ އެވެ.