25 Nov 2019, 10:43
އުމުރުން 13 އަހަރުގެ ކުއްޖަކު ބަލިވެ އިން މައްސަލައާ އަދި ށ. މާއުނގޫދޫއަށް ބަޔަކު އަރައި އެރަށުގެ ފާރުތަކުގައި ޓެރަރިސްޓު ޖަމާއަތެއް ކަމުގައިވާ އައިސިސްގެ ލޯގޯ ޖެހި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
މަޖިލީހަށް މި މައްސަލަ ހުށަހަޅާފައި ވަނީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް އެވެ.
މެމްބަރު ޝަހީމް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައި ވަނީ މީހުން މަރާ އެހެނިހެން ޖަރީމާތައް ހިންގާ ސެލް އެއް ކަމަށް ބެލެވޭ ބަޔަކު މާއުނގޫދޫއަށް އަރާ އެރަށް ފަތަހަކުރި ކަމުގެ އަމަލުތައް ހިންގާ އަދި އެރަށުގެ އެތަން މިތަނުގައި އައިސިސްގެ ނިޝާނާއި ލޯގޯ ރަށުގެ އެކި ސަރަހައްދުތަކުގައި ހަރުކޮށް ރަށުގެ ރައްޔިތުންނަށް ވަނީ ބިރުވެރިކަން ފަތުރާފައިވާ ކަމަށެވެ.
މީގެ އިތުރުން ކުޑަކުދިންނަކީ ސިއްހީ ގޮތުންނާއި ނަފްސާނީގޮތުން ބޮޑެތި މީހުންނާ އެއް މިންވަރަށް ހެދިބޮޑުވެފައިވާ ބަޔަކަށް ނުވާތީ އާއި އެކުދިންނަކީ އާއިލާގެ ފަރާތުންނާއި ޖަމާއަތުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ހާއްސަ ރައްކާތެރިކަން ލިބިދޭންޖެހޭ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވީ ނަމަވެސް، ކުޑަކުދިންގެ ނާޖާއިޒް މަންފާ ނަގާ، އެކުދިންނާ ޖިންސީގޮތުން ގުޅުން އުފައްދާ ނުރައްކަލުގެ ތެރެއަށް ކުޑަކުދިން ހުށަހެޅުމުގެ އަމަލުތައް ފެތުރިފައިވާ ކަމަށެވެ.
މިގޮތުން 13 އަހަރުގެ ކުޑަކުއްޖަކާ މެދު މިފަދައިން ޖިންސީ ގޮތުން ގުޅުން އުފައްދާ އެކަމުގެ މައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ލިބުނުތާ އަހަރެއް ވުމާ ގާތްވެފައިވާއިރު މިކަމުގައި ޝިކާރައަކަށްވި ކުއްޖާ މިހާރުވެސް ދިރިއުޅެމުން ދަނީ މި ނުރައްކަލަށް އެކުއްޖާ ހުށަހެޅުނު ފަރާތްތަކާ އެކުގައިކަން މެމްބަރު ވަނީ ފާހަގަކުރައްވައިފަ އެވެ.
މިކަމުގައި ޝާމިލްވި ފަރާތްތަކާ މެދު މިހާތަނަށް ވެސް އެއްވެސް ފިޔަވަޅެއް އެޅިފައި ނުވާކަން ވެސް މެމްބަރު ފާހަގަކުރެއްވި އެވެ.
"ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކޮށް މިފަދަ ނުރައްކާތެރި ކަންކަމުގައި ޝާމިލްވާ އަދި އިހުމާލުވާ ހުރިހާ ފަރާތްތަކާ މެދު މި ހިނދުން މި ހިނދަށް ފިޔަވަޅު އަޅަން ގޮވާލަމެވެ." ކުއްލި މައްސަލައިގައި ވެއެވެ.
މެމްބަރު ވިދާޅުވީ ރާއްޖެ ހަނގުރާމައިގެ ތުންފަތް މައްޗަށް ފުރޮޅިފައިވާ ކަމުގެ ބިރު ހީވެފައިވާ ކަމަށާއި މިކަމާ މެދު ސަރުކާރުން އަވަސް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.
ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަނެ، މައްސަލައިގެ ބަހުސް މިހާރު ވަނީ ފެށިފައެވެ. މައްސަލަ ބަލައިގަތީ 41 މެމްބަރުންގެ ވޯޓުންނެވެ.