މިއުޒިކް އިންޑަސްޓްރީގެ ފަރާތްތަކަށް ދޭ އެންމެ ބޮޑު އެއް އެވޯޑު ކަމަށްވާ އެމެރިކަން މިއުޒިކް އެވޯޑްސް (އޭއެމްއޭ)ގެ އެންމެ ބޮޑެތި ކާމިޔާބީއެއް މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓަށް ލިބުނު އިރު ގިނަ އެވޯޑުތަކެއް ކޭޕޮޕް ބޭންޑު ބީޓީއެސް އަށް ލިބިއްޖެ އެވެ.

ޓޭލާ ސްވިފްޓާއި ބީޓީއެސް އަށް ވަނީ އެކި ދާއިރާތަކުން ތަފާތު ބޮޑެތި އެވޯޑުތަކެއް ލިބިފައެވެ. އެހެންނަމަވެސް ދާދި ދެންމެއަކު ނިމިގެންދިޔަ އެވޯޑަކީ ހަމަގައިމުވެސް ޓޭލާ ސްވިފްޓަށް އޮތް ހަފްލާއެއް ކަމަށް ވަނީ އެނގިގެން ގޮސްފައެވެ.

ޓޭލާ ވަނީ މިއަހަރުގެ އޭއެމްއޭގައި ފަސް އެވޯޑަކަށް ނޯމިނޭޓް ވެފައެވެ. އެ ހުރިހާ އެވޯޑެއްވެސް އޭނާ ވަނީ ކާމިޔާބުކޮށްފައެވެ. ޓޭލާ ކާމިޔާބުކޮށްފައިވާ އެވޯޑުތަކުގެ ތެރޭގައި އާޓިސްޓް އޮފް ދަ އިޔާ އާއި އެންމެ މޮޅު ޕޮޕް ރޮކް އާޓިސްޓް އާއި އެންމެ މޮޅު އެޑަލްޓް ކޮންޓެމްޕްރަރީ އާޓިސްޓް ހިމެނެއެވެ.

ޓޭލާ އަށް އެ ހަފްލާގައި ލިބުނު އެވޯޑާއެކު ޕޮޕް ލެޖެންޑުކަމަށްވާ މައިކަލް ޖެކްސަން ގާއިމުކޮށްފައިވާ ރެކޯޑު އޭނާ ވަނީ މުގުރާލާފައެވެ.

ޓޭލާ ސްވިފްޓް ވަނީ އޭނާގެ ލަވަތަކުގެ މެޑްލީއެއް ޕާފޯމްކޮށްފައި --- ފޮޓޯ : ސީއެންއެން

ޓޭލާ އަރައި މައިކަލް ޖެކްސަންގެ ރެކޯޑު މުގުރާލައިފި!

މިހާތަނަށް އޭއެމްއޭގައި 24 އެވޯޑާއެކު އެންމެ ގިނަ އެވޯޑުތަކެއް ލިބިފައިވަނީ މައިކަލް އަށެވެ. ނަމަވެސް އެވޯޑު ނިމިގެން ދިޔައިރު ޓޭލާ ސްވިފްޓަށް އޭއެމްއޭގައި ލިބުނު އެވޯޑުތަކުގެ އަދަދު ވަނީ 25 އަށް އަރާފައެވެ. އެއާއެކު އޭއެމްއޭގެ ތާރީހުގައި އެންމެ ގިނަ އެވޯޑުތަކެއް ލިބިފައިވާ ފަންނާނަކަށް ޓޭލާ ވަނީ ވެފައެވެ.

ބީޓީއެސް އެމެރިކަން މިއުޒިކް އެވޯޑްސްގެ ރެޑްކާޕެޓުގައި --- ފޮޓޯ : ސީއެންއެން

ބީޓީއެސް އަށްވެސް ގިނަ ކާމިޔާބީތަކެއް!

އޭއެމްއޭގެ ނޯމިނޭޝަންތައް އާންމުކުރުމާއެކު ބީޓީއެސްގެ ފޭނުން ރުޅިގަދަވިއެވެ. އެއީ އެއްވެސް ޝަރަފުވެރި އެވޯޑަކަށް ބީޓީއެސް ނޯމިނޭޓު ވެފައި ނުވުމުންނެވެ.

އޭއެމްއޭގެ ނޯމިނޭޝަންތަކަކީ އެމެރިކާގެ ޗާޓުތަކުގައި މޮޅެތި ވަނަތައް ހޯދައި ބޮޑެތި އާމްދަނީ ހޯދާފައިވާ ލަވަތައް ހިމެނޭ އެވޯޑެކެވެ. އަދި އޭގެއިތުރުން އެންމެ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަމެއް އުފެދޭ ލަވަތައްވެސް އެ އެވޯޑުގައި ހިމެނޭނެއެވެ. ނަމަވެސް މިއަހަރުގެ އެންމެ ބޮޑު މަގުބޫލުކަމެއް އެމެރިކާގައި ހޯދާފައިވާ ފަންނާނުންގެ ތެރޭގައި ބީޓީއެސް ހިމެނޭއިރު އެވޯޑުގެ ޝަރަފުވެރި އެވޯޑަކަށް ނޯމިނޭޓު ވެފައި ނުވުމުން ފޭނުން ރުޅިގަދަވީއެވެ.

އޭއެމްއޭގައި ބީޓީއެސް ވަނީ ތިން އެވޯޑެއް ކާމިޔާބުކޮށްފައެވެ. އެއީ ޓުއާ އޮފް ދަ އިޔާ އާއި އެންމެ މޮޅު ސޯޝަލް އާޓިސްޓް އަދި އެންމެ މޮޅު ޕޮޕް ރޮކް ގްރޫޕްގެ އެވޯޑެވެ.

ބިލީ އައިލިޝް އޭއެމްއޭ ހަފްލާގެ ތެރޭގައި --- ފޮޓޯ : ސީއެންއެން

ނިއު އާޓިސްޓް ބިލީ އައިލިޝް އަށް!

މިއަހަރުގެ ނިއު އާޓިސްޓުގެ އެވޯޑު ކާމިޔާބުކޮށްފައިވަނީ އޯލްޓަނޭޓިވް ޕޮޕް ލަވަކިޔުންތެރިޔާ ބިލީ އައިލިޝް އަށެވެ.

ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ބިލީ އާއެކު އެ އެވޯޑަށް އިތުރު ހަތަރު ފަންނާނެއް ވަނީ ނޯމިނޭޓް ވެފައެވެ.

ނިއު އާޓިސްޓްގެ އެވޯޑަށް މިއަހަރު ނޯމިނޭޓް ވެފައިވަނީ ލޫކް ކޯމްސް އާއި ލިލް ނަސް އެކްސް އާއި ލިޒޯގެ އިތުރުން އެލާ މެއި އެވެ.