25 Nov 2019, 09:52
އިސްލާމްދީނުގެ އުސޫލުތައް ކިލަނބުކޮށް، ދީން އައްޑަނައަކަށް ހަދައިގެން ކުޑަކުދިންނާ މެދު އަނިޔާވެރި އަމަލުތައް ހިންގާ ފަރާތްތަކާ ގާނޫނު އަރާ ހަމަކުރާނެ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ.
ޝިދާތާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފަތުރަން ސަރުކާރުން ޖާގަ ނުދޭނެ ކަމަށެވެ.
"ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފެތުރުމަކަށް އަޅުގަނޑުމެން ޖާގައެއް ނުދޭނަން، އިސްލާމް ދީނުގެ ރިވެތި މަތިވެރި އުސޫލުތައް ކިލަނބުކޮށް ދީން އައްޑަނައަކަށް ހަދައިގެން ކުޑަކުދިންނާ މެދު އަނިޔާވެރި އަމަލުތައް ހިންގާ ފަރާތްތަކާ ގާނޫނު އަރާ ހަމަކުރާނެ،" ޝިދާގެ ޓުވީޓުގައިވެ އެވެ.
ޝިދާތާ މިހެން ވިދާޅުވެ ޓުވީޓެއް ކުރައްވާފައި މިވަނީ ކޯޓުން ބޭރުގައި "ކައިވެނިކޮށް" 13 އަހަރުގެ ކުއްޖަކު ބަލިވެ އިން މައްސަލައާ ގުޅިގެން ޝިދާތާގެ ބަހެއް ނުލިބޭތީ އާންމުން ވަރަށް ބޮޑަށް ހިތްހަމަނުޖެހި ޝިދާތާ މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލަމުންދާ ދަނޑިވަޅެއްގަ އެވެ.
މި މައްސަލާގައި ގެންޑާ މިނިސްޓްރީ އާއި ފުލުހުން ގުޅިގެން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެއް އާއިލާއެއްގެ ކުދިންތަކަކަށް ލިބެންވާ ތައުލީމާއި ސިއްހީ ހައްގުތަކުން އެ މީހުން މަހުރޫމްކޮށްފައިވާ ކަމުގެ މައުލޫމާތު ޖޫން، 6، 2018ގައި ފުލުހުންގެ އިންޓެލިޖެންސަށް ލިބިގެން އެ މައްސަލަ ބަލަން ފެށި ކަމަށެވެ. އަދި އެ މައްސަލަ ބެލި އިރު، މި މައްސަލާގައި ހިމެނޭ އާއިލާ އަކީ، ދީނުގެ ނަމުގައި ހަރުކަށި ވިސްނުން ގެންގުޅޭ އާއިލާއެއްކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ނަމަވެސް އެ މައްސަލާގައި ހިމެނޭ ކުއްޖާ ކައިވެނީގެ ނަމުގައި އެއްވެސް ފަރާތަކާ ގުޅިފައިވާ ކަމުގެ މައުލޫމާތު މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ.
އެހެން ނަމަވެސް، "ސަން"އަށް އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި ލަނޑާ ނަގާ ދޯންޏެއްގައި ހަރުކަށި ފިކުރުގެ ބައެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ޒަހަމްކޮށްލި މީހާ، ކޯޓުން ބޭރުގައި ކައިވެނި ކޮށްގެން އުޅެނީ، 13 އަހަރުގެ އަންހެން ކުއްޖަކާ އެވެ. އަދި އެ ކުއްޖާ ބަލިވެ އިނދެ އުނގޫފާރު ހޮސްޕިޓަލަށް ދިޔުމުން ޖެންޑާގެ ބެލުމުގެ ދަށަށް އެ ކުއްޖާ ގެންދިޔަ އެވެ. އަދި މި މަސް ތެރޭގައި އެ ކުއްޖާ ވިހޭ އިރު، ޖެންޑާއިން އެ ކުއްޖާ ހުރީ އޭނާގެ މަންމަގެ ބެލުމުގެ ދަށަށް ދޫކޮށްފައިކަން ވެސް އެނގިފައިވެ އެވެ.