25 Nov 2019, 09:34
އުމުރުން އެންމެ ހަ އަހަރުގައި ޤުރްއާން ހިތުދަސްކުރި ޔޫސުފް ބިން މާޒިން އާ، އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ބައްދަލުކުރައްވައި، ޔޫސުފްއަށް ހިތްވަރު ދެއްވައިފިއެވެ.
އިއްޔެ އިސްލާމިކް މިނިސްޓްރީގައި ކުރިއަށް ދިޔަ ބައްދަލުވުމުގައި މިނިސްޓަރު ވަނީ ޔޫސުފްގެ އިތުރުން ޔޫސުފްގެ މައިންބަފައިންނަށް ވެސް ވަރަށް ބޮޑަށް ހިތްވަރުދެއްވާ މަރުހަބާ ދަންނަވައިފައެވެ.
އަދި މިކަމުގެ އަގުވަޒަންކުރުމުގެ ގޮތުން މިނިސްޓަރު ވަނީ ޔޫސުފަށް ހަދިޔާއެއް ވެސް ދެއްވައިފައެވެ.
މީގެ އިތުރުން ހާފިޒުންގެ ލިސްޓުގައި ޔޫސުފް ހިމެނުމަށްޓަކައި ކީރިތި ގުރުއާނާބެހޭ މަރުކަޒުގެ ކޮމިޓީއަށް ކިޔައިދޭގޮތަށްވެސް ވަނީ ހަމަޖައްސައިފައެވެ.
މިނިސްޓަރު ވިދާޅުވީ ވަރަށް އަވަހަށް އެކޮމިޓީއަށް ޔޫސުފް ހިފްޒު ކޮށްފައިހުރި މިންވަރު ބެލުމަށްޓަކައި ކިޔައިދޭނެ ކަމަށެވެ.
މިއީ ރާއްޖޭގައި އުމުރުން ހަ އަހަރުގެ ކުއްޖަކު ގުރުއާން އެއްކޮށް ހިތުދަސްކޮށްފައިވާ ފުރަތަމަ ފަހަރެވެ.