ސުޕީރިއާ ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރަމުންގެންދާ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލުމަށް ޖޭއެސްސީގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް ގާނޫނީ ވަކީލުންތަކެއް ހައިކޯޓުގައި އެދިއްޖެ އެވެ.

ސުޕީރިއާ ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމަށް ޖޭއެސްސީން ކުރަމުންގެންދާ މަސައްކަތްތައް ހުއްޓުވައިދިނުމަށް ހައިކޯޓަށް ދުސްތޫރީ މައްސަލަ ހުށަހަޅާފައި ވަނީ ޅ. ހިންނަވަރު، ލަކީ އަބްދުލް ހަމީދު އަބްދުލް ކަރީމާއި، ގާނޫނީ ވަކީލު މ. ޕްލޮރެސް ހަސަން ފިޔާޒް އަދި ކުރީގެ ބަންޑާ ރަނައިބު ހުސްނުއްސުއޫދު އެވެ.

އެ ބޭފުޅުން ހައިކޯޓަށް ވައްދާފައިވާ މައްސަލައިގައި ބުނަނީ ޖުލައި،2011،6 އާއި އޮގަސްޓް 2011،14ގައި ޖޭއެސްސީން ކޮށްފައިވާ އިއުލާނަށް އިޖާބަދީ ސުޕީރިއާ ކޯޓުތަކުގެ ފަނޑިޔާރުކަމަށް ކުރިމަތިލާފައިވާ މީހުން ޝޯޓުލިސްޓް ކޮށްފައި ވަނީ ގާނޫނު އަސާސީ އާއި ފަނޑިޔާރުންގެ ގާނޫނާއި ޚިލާފު ގަވާއިދެއްގެ ދަށުން ކަމަށެވެ. އެހެންކަމުން އެ މައްސަލައާ މެދު ހައިކޯޓުން ފައިސަލާކުރަނިވި ހުކުމެއް ކުރުމުގެ ކުރިން ސުޕީރިއާ ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކުރުމަށް ޖޭއެސްސީން ކުރަމުން ގެންދާ މަސައްކަތްތައް ހުއްޓާލުމަށް ޖޭއެސްސީގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދޭ ކަމަށެވެ.

ހައިކޯޓުގެ ފަނޑިޔާރު ވިދާޅުވީ ވަގުތީ އަމުރާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމަވާނެ ކަމަށެވެ.