25 Nov 2019, 08:28
ދެކުނު ކޮރެއާގެ ކޭޕޮޕް ލަވަކިޔުންތެރިޔާ އަދި އެކްޓްރެސް ގޫ ހާރާ މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ކޮރެއާގެ ވެރި ރަށް ސޯލްގެ ގަންގްނަމް ފުލުހުން ބުނެފައިވާގޮތުގައި އޭނާ މަރުވެފައި އޮއްވާ ފެނުނީ ކޮރެއާގެ ލޯކަލް ގަޑީން އިއްޔެ 18:00 ހާއިރުގައެވެ.
އޭނާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގެއިން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ އޭނާ މަރުވި ސަބަބެއް ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށެވެ.
ގޫ އިއްޔެ މަރުވެފައި އޮއްވާ ފެނުނު އިރު، އިންޑަސްޓްރީ އާ ދުރަށް ޗުއްޓީއެއް ނެގުމަށްފަހު އެނބުރި އައިސްފައިވަނީ މިދިޔަ ހަފްތާގައެވެ. ގޫ ވަނީ މިދިޔަ ހަފްތާގައި އޭނާގެ "ކަމްބެކް" ޕަފޯމަންސް އެއް ދީފައެވެ.
މިއަހަރުގެ މެއި މަހުގައި ގޫ ވަނީ އަމިއްލަ އަށް މަރުވުމަށް މަސައްކަތް ކޮށްފައެވެ. އެކަމާ ގުޅިގެން އޭނާ ހޮސްޕިޓަލުގައި އެޑްމިޓުވެސް ކޮށްފައިވެއެވެ.
ގޫ ވަނީ އެ ހާދިސާއާ ގުޅިގެން އޭނާގެ ފޭނުންގެ ގާތުގައި މައާފަށް އެދިފަ އެވެ.