އަމިއްލަ މެންބަރުންގެ ގޮތުގައި ޕީޕީއެމްގެ މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ފުރުސަތު ދިނުމަކީ ގާނޫނު އަސާސީއާ ހިލާފަށް ކުރައްވާކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަލީ ވަހީދު ވާހަކަ ދެއްކެވުމަށް އެދި ވަޑައިގެންފައި ވަނިކޮށް، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި މާލިއްޔަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގެ ވަގުތު ހަމަވުމުން ނިޒާމީ މައްސަލަ ނަންގަވައިގެން އަލީ ވަހީދު ވިދާޅުވީ ސިޔާސީ ޕާޓީތަކުގައި އުޅުމުގެ ފުރުސަތު ހުރިހާ ދިވެހި ރައްޔިތުންނަށް ގާނޫނު އަސާސީން ހުޅުވާލާފައިވާ ކަމަށެވެ. އެހެންކަމުން އިލެކްޝަން ކޮމިޝަންގައި ވަކި ޕާޓީއަކަށް ދަފްތަރު ވެފައިވާ މެންބަރުންނަށް މިނިވަން މެންބަރުންގެ ވަގުތުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ދިނުމަކީ ސީދާ ގާނޫނު އަސާސީއާ ހިލާފަށް މަޖިލީހުން ކުރާ ކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެހެން ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންގެ ވަގުތު ގެއްލިގެންދާ ކަމަށާއި މަޖިލީހުގެ ގަވާއިދު ބަދަލުކޮށްގެން ނަމަވެސް ކަންތައްތައް ކުރަން ޖެހޭނީ ގާނޫނު އަސާސީއާ އެއްގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވަކި ޕާޓީއަކަށް ދަފަތްރުވެފައި ތިބޭ މީހުން މިނިވަނުންގެ ވަގުތުގައި ވާހަކަ ދެއްކުމަކީ ސީދާ ގާނޫނު އަސާސީއާ ހިލާފަށް މަޖިލީހުން ކުރަމުންދާ ކަމެއް. މަޖިލީހުގެ ގަވާއިދު ބަދަލު ކޮށްގެން ވިޔަސް ގާނޫނު އަސާސީގައި އޮންނަ ގޮތަށް ކަންތައްތައް ކުރަން ޖެހޭނީ. ގާނޫނު އަސާސީގައި ސިޔާސީ ޕާޓީތަކުގައި އުޅުމުގެ މިނިވަންކަން ދީފައި، އިލެކްޝަން ކޮމިޝަންގައި ސަފްތަރެއް އޮވެފައި، މިތާ (ރައްޔިތުންގެ މަޖިލިސް)ގައި މިނިވަނެއްގެ ވަގުތުގައި ވަކި ޕާޓީއަކަށް ނިސްބަތްވާ މެންބަރުންނަށް ފުރުސަތު ދެވިގެންނުވާނެ،" އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދުގެ ނިޒާމީ މައްސަލައަށް ޖަވާބު ދެއްވަމުން އެވަގުތު ރިޔާސަތުގައި އިންނެވި ވެލިދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދު ވިދާޅުވީ، މިއަދުގެ ޖަލްސާ ކުރިއަށް ގެންދަނީ އެހެންނާ ވެސް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދާ އުސޫލުން ކަމަށެވެ. އަދި އެ މައްސަލައާ މެދު ވިސްނާލަން ޖެހޭ ކަމަށާއި، އެކަމާބެހޭ ގޮތުން އިތުރުކަމެއް ކުރަން ޖެހޭ ކަމަށްވާ ނަމަ ފަހުން އަލީ ވަހީދަށް ދަންނަވާނެ ކަމަށް ވެސް އަލީ މުހައްމަދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ޕާޓީއެއްގެ ގޮތުގައި ޕީޕީއެމްގެ މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުގައި ތަމްސީލު ކުރުމަށް ވަނީ ހުރަސްތަކެއް ކުރިމަތި ވެފަ އެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގައި ޕާޓީ ތަމްސީލްކުރެވޭނީ އެ ޕާޓީއެއްގެ ނަމުގައި އާންމު އިންތިހާބުގައި ވާދަކޮށްގެންނެވެ. އެހެންކަމުން މަޖިލީހުގައި ސިޔާސީ ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރި ވުމުގެ ފުރުސަތު ހޯދުމަށް މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމަށް ހުށަހަޅާފައިވާ ކަމަށް މީގެ ކުރިން ޕީޕީއެމް އިން ވަނީ ބުނެފަ އެވެ.