19:00


ރ. ހުޅުދުއްފާރުގައި ލޯންޗެއްގެ ޕަމްޕު ޖައްސައިގެން ދިޔަ ހިއްކަނިކޮށް ލޯންޗްގެ ވަތުތެރޭ ރޯވެ މީހަކު ފިހިއްޖެ އެވެ. 


ފުލުހުންގެ މީޑިއާ އޮފިޝަލކު ވިދާޅުވީ މިއަދު މެންދުރު އެ ހާދިސާ ހިނގަން މެދުވެރިވީ އުނގޫފާރުން ފުރައިގެން ހުޅުދުއްފާރަށް ވަން ގަޑީގައި ލޯންޗުގެ ވަތުތެރޭ ޕެޓްރޯލާއި ފެނާ އެކުވެފައި ހުރުމުން ޕަމްޕު ޖައްސައިގެން ފެން ހިއްކަން އުޅެނިކޮށް ނަރެއް ޝޯޓުވެގެން ކަމަށެވެ. އަދި އެ ހާދިސާ ހިނގިއިރު ލޯންޗްގައި ތިބީ ލޯންޗްގެ ވެރިފަރާތާއި އިތުރު މީހެއް ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ. އެ ހާދިސާގައި ރޯވެފައި ވަނީ އެވަގުތު ލޯންޗުގައި ހުރި އެރަށު މޫންލައިޓްގޭ އުމުރުން 30 އަހަރުގެ މުހައްދު ވަސީމްގެ ގައިގައި ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.


އޮފިޝަލު ވިދާޅުވީ އެހާދިސާ ހިނގުމާއެކު އޭނާ ވަގުތުން މޫދަށް ފުންމާލި ކަމަށެވެ. އަދި ލޯންޗްގެ ކެޕްޓަން ވަތުގެ މަތި އެޅުމުން އަލިފާންގަނޑު ކޮންޓްރޯލްވެފައިވާ ކަމަށާއި އެ ހާދިސާގައި އެއްވެސް ގެއްލުމެއް ލޯންޗަށް ވެފައިނުވާ ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.


އެ ހާދިސާއާ ގުޅިގެން އަލިފާން ރޯވި މީހާގެ ހަށިގަނޑުގެ 20 ޕަސެންޓް ފިހިފައިވާ ކަމަށް އޭނާއަށް މިހާރު ފަރުވާ ދެމުން އަންނަ އެއަތޮޅު އުނގޫފާރު ހޮސްޕިޓަލާ ހަވާލާދީ ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.