24 Nov 2019, 19:08
ކޯޓުން ބޭރުގައި ކައިވެނިކޮށް ބަލިވެއިން 13 އަހަރުގެ އަންހެން ކުއްޖާ އެއްވެސް މީހަކާ ކައިވެނީގެ ނަމުގައި ގުޅުނުކަން ތަހުގީގަށް މިހާތަނަށް އެނގިފައި ނުވާކަމަށް ޖެންޑާ މިނިސްޓްރީ އާއި ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުންނާއި ޖެންޑާ މިނިސްޓްރީއިން މިރޭ ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެއް އާއިލާއެއްގެ ކުދިންތަކަކަށް ލިބެންވާ ތައުލީމާއި ސިއްހީ ހައްގުތަކުން އެ މީހުން މަހުރޫމްކޮށްފައިވާ ކަމުގެ މައުލޫމާތު ޖޫން، 6، 2018 ގައި ފުލުހުންގެ އިންޓެލިޖެންސަށް ލިބިގެން އެ މައްސަލަ ބަލަން ފެށި ކަމަށެވެ. އަދި އެ މައްސަލަ ބެލިއިރު، މި މައްސަލައިގައި ހިމެނޭ އާއިލާ އަކީ، ދީނުގެ ނަމުގައި ހަރުކަށި ވިސްނުން ގެންގުޅޭ އާއިލާއެއްކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
"މި މައްސަލައާ ގުޅިގެން މިހާތަނަށް ތަހުގީގަށް ހޯދިފައިވާ މައުލޫމާތުގެ މައްޗަށް ބަލާއިރު، ކައިވެނީގެ ނަމުގައި އެއްވެސް ފަރާތަކާ މި މައްސަލައިގައި ހިމެނޭ ކުއްޖާ ގުޅިފައިވާކަން އެނގޭކަށް ނެތެވެ،" ބަޔާނުގައިވެ އެވެ.
އެހެން ނަމަވެސް، "ސަން"އަށް އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި ލަނޑާ ނަގާ ދޯންޏެއްގައި ހަރުކަށި ފިކުރުގެ ބައެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ޒަހަމްކޮށްލި މީހާ، ކޯޓުން ބޭރުގައި ކައިވެނި ކޮށްގެން އުޅެނީ، 13 އަހަރުގެ އަންހެން ކުއްޖަކާ އެވެ. އަދި އެ ކުއްޖާ ބަލިވެ އިނދެ އުނގޫފާރު ހޮސްޕިޓަލަށް ދިޔުމުން ޖެންޑާގެ ބެލުމުގެ ދަށަށް އެ ކުއްޖާ ގެންދިޔަ އެވެ. އަދި މި މަސް ތެރޭގައި އެ ކުއްޖާ ވިހޭއިރު، ޖެންޑާއިން އެ ކުއްޖާ ހުރީ އޭނާގެ މަންމަގެ ބެލުމުގެ ދަށަށް ދޫކޮށްފައިކަން ވެސް އެނގިފައިވެ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނީ، ހަރުކަށި ފިކުރުގެ ސަބަބުން އެ އާއިލާގެ ކުދިންނަށް ބޭނުންވާ ތައުލީމާއި ސިއްހީ ރައްކާތެރިކަން ލިބިދީފައި ނުވާކަން ފާހަގަވެފައިވާ ކަމަށެވެ. އަދި އެ ކަންކަން ހައްލުކޮށް، އެ ކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ކުރަން ޖެހޭ މަސައްކަތް ސަރުކާރުގެ މުއައްސަސާތަކުން ކުރަމުން ދާކަމަށް ވެސް ބަޔާނުގައި ބުންޏެވެ. އަދި އިތުރަށް ބުނީ، ހަރުކަށި ފިކުރުގެ ސަބަބުން ކުޑަކުދިންގެ ހައްގުތައް ގެއްލޭ މައްސަލަތައް ވަރަށް ސީރިއަސްކޮށް މި ސަރުކާރުން ބަލައި ފިޔަވަޅު އަޅާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދޭ ކަމަށެވެ.
"އިސްލާމް ދީނުގެ ނަމުގައި ހައްދު ފަހަނަ އަޅާ ދިޔުމާއި އެކަމުގެ ސަބަބުން ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބި، ކުޑަކުދިން ކުށުގެ ޝިކާރައަކަށް ވެގެން ދިޔުމަކީ ސަރުކާރުން އަޅާނުލާ ދޫކޮށްލާނެ މައްސަލައެއް ނޫނެވެ،" ބަޔާނުގައިވެ އެވެ.
ކުޑަކުދިންނާ ގުޅޭ ހައްސާސީ މައްސަލަތައް ރިޕޯޓްކޮށް އާންމުކުރުމުގެ ހުރިހާ ފަރާތްތަކުން ވެސް ޒިންމާދާރުވުމަށް ވެސް ފުލުހުންނާއި ޖެންޑާއިން ވަނީ އެ ބަޔާނުގައި އިލްތިމާސްކޮށްފަ އެވެ.