ށ. އއަށް ބަޔަކު އަރައި އެރަށުގެ ފާރުތަކުގައި ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ދިދަ ފާރުތަކުގައި ކުރެހި މައްސަލަ ތަހުގީގު ކުރަން، ފުލުހުންގެ ޓީމެއް އެ ރަށަށް ހިނގައްޖެ އެވެ.

މާއުނގޫދޫ ކައުންސިލްގެ ރައީސް އާދަމް ސަލީމް މިއަދު "ސަން"އަށް ވިދާޅުވީ، އެ މައްސަލަ ތަހުގީގު ކުރުމަށް އެ އަތޮޅު ފުނަދޫ ޕޮލިސް ސްޓޭޝަންގައި ތިބޭ ފުލުހުންގެ ޓީމެއް އެ ރަށަށް އައީ މިއަދު ހެނދުނު ކަމަށެވެ. އެ ޓީމުން ހަރަކާތްތެރިވަމުން އަންނަ އިރު، މީހަކު ހައްޔަރުކުރުން ފަދަ ކަމެއް ހިނގިކަން އެނގިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން މިއަދު ބުނީ، އައިސްގެ ލޯގޯޔާ އެގޮތަށް ޝަހާދަތް ލިޔެފައިވާ ލޯގޯއެއް މާއުނގޫދޫގެ ފާރުތަކުގައި ކުރެހި މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްގެން އެކަން ބަލަމުން އަންނަ ކަމަށެވެ. އަދި އައިއެސްގެ ދިދަ ޖެހި ދޯންޏަކުން އެ ރަށަށް އަރައި ކަންތައްތަކެއް ހިންގި ކަމުގެ މައުލޫމާތެއް ނެތް ކަމަށް ވެސް ފުލުހުން ބުންޏެވެ.

މާއުނގޫދޫ ކައުންސިލުން ރޭ ބުނެފައިވާ ގޮތުގައި، ސްޕްރޭ ބޭނުންކޮށްގެން އެ ރަށުގެ އެކި ފާރުތަކުގައި އައިއެސްގެ ދިދަ ކުރެހީ އެ ރަށަށް އައި މަސްވެރިކަން ކުރާ ދޯންޏެއްގައި ތިބި ބަޔަކު ރަށަށް އަރަ އެވެ.

ރައީސް އާދަމް ސަލީމް ވިދާޅުވީ، ރަށުން ބޭރު ދެ ދޯންޏެއް އިއްޔެ އެ ރަށަށް އައި އިރު، އެކަން ކޮށްފައި ވަނީ އެތަނުން ކޮންމެވެސް އެއް ދޯންޏަކުން އައި ބައެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި ވިދާޅުވީ އެ މީހުން އެކަން ކުރުމަށް ބޭނުންވާ ސްޕްރޭ ފަދަ ސާމާނު ގަނެފައި ވަނީ ރަށުގެ ފިހާރައަކުން ކަމަށެވެ.

ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ހަނގުރާމަވެރި ޖަމާއަތްތަކަށް ތާއީދު ކުރުމާއި އެފަދަ ޖަމާއަތްތަކަށް ވާގިދޭ ފަދަ ވާހަކަ ދެއްކުމާއި، އަދި އެފަދަ ޖަމާއަތެއް ޖަމްޒުކޮށްދޭ ދިދައެއް ލޯގޯއެއް އަދި ޓީޝާޓެއް ބޭނުން ކުރުމަކީވެސް ކުށެކެވެ.

ރައީސް އާންމު ކުރެއްވި ދީނީ ހައްދުފަހަނަ އެޅި ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުގައި އައިއެސް ހިމެނެ އެވެ.