24 Nov 2019, 15:56
ކުޅުދުއްފުށްޓަށް ބޭނުންވާ ކަންތައްތަކާއި އެ ރަށު ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ނާއިބު ރައީސް ފައިސަލް ނަސީމް އެ ރަށުގެ ކައުންސިލާ މަޝްވާރަ ކުރައްވައިފި އެވެ.
ނައިބު ރައީސް ފައިސަލް ކުޅުދުއްފުއްޓަށް ވަޑައިގެންނެވީ ހދ.ގެ ބައެއް ރަށްތަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިންނެވެ.
ކައުންސިލާ އެކު ނައިބު ރައީސް ބޭއްވެވި ބައްދަލުވުމުގައި އެ ރަށުގެ ކުނި މެނޭޖު ކުރުމުގެ މައްސަލައާއި މީހުން ތަމްރީނުކޮށް އެކި ދާއިރާތަކުން މީހުން ބިނާ ކުރުމުގައި އެހީތެރިކަން ބޭނުންވާ ކަމަށް ކައުންސިލުން ވަނީ ފާހަގަކޮށްފަ އެވެ.
ހަމައެއާ އެކު ކައުންސިލް އިދާރާގެ ޖާގައިގެން ދަތިތަކަން ހުރިކަން ފާހަގަކޮށް، އެކަމުގެ ސަބަބުން ބައެއް މަސައްކަތްތައް ކުރުމުގައި ދަތިތަކެއް ހުރި ކަން ކައުންސިލަރުން ވަނީ ފާހަގަ ކުރައްވައިފަ އެވެ.
އެ ބައްދަލުވުމުގައި ނާއިބު ރައީސް ފައިސަލް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުން ކައުންސިލްތަކަށް ކަނޑައަޅާފައިވާ ބަޖެޓު ލިބުމުން ކުޅުދުއްފުށީ ކައުންސިލުން ފާހަގަކުރި ގިނަ މައްސަލަތަކަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.
މީގެ އިތުރުން ކައުންސިލުން ކަންކަން ކުރުމުގައި ރައްޔިތުންނާ މަޝްވަރާ ކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ނައިބު ރައީސް ފާހަގަ ކުރެއްވެވި އެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފުރުސަތު ތަނަވަސްކޮށްދިނުމަށް ވެސް ތަނަވަސްކޮށް ދިނުމަށް ވެސް ކައުންސިލަރުންގެ ފަރާތުން ނައިބު ރައީސް އެދިވަޑައިގެންނެވި އެވެ.
ނާއިބު ރައީސް ކުޅުދުއްފުއްޓަށް ކުރެއްވި ޒިޔާރަތުގައި އެ ރަށުގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަށް ވަޑައިގެން އެތަނުގެ މަސައްކަތް ބައްލަވާލެއްވި އެވެ.
މީގެ އިތުރުން ކުޅުއްދުށީ ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި މިއަހަރުގެ ހިތާނީ ކޭމްޕް ވެސް ރަސްމީކޮށް އިފްތިތާހުކޮށްދެއްވި އެވެ.