އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރު ކަމުގެ މަގާމަށ އެ ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީގު އައްުޔަނު ކުރައްވައިފިއެވެ.

އީސީގެ މެންބަރު ކަމަށް ފުއާދު އައްޔަނު ކުރައްވައި މަގާމުގެ ލިޔުން ހަވާލު ކުރުމަށް މިއަދު ރައީސް އޮފީހުގައި ވަނީ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. ފުއާދަށް މަގާމުގެ ހުވާ ލައިދެއްވީ ސުޕްރީމު ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ.

އިލެކްޝަންސްގެ މެންބަރު ކަަމަށް ފުއާދު އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިމަހުގެ 13 ވަނަ ދުވަހު އެވެ. އެއީ އެ ކޮމިޝަނުގެ މެމްބަރު ކަމުގައި ހުންނެވި އަމްޖަދު މުސްތަފާގެ ދައުރު މިއަދުގެ ނިޔަލަށް ހަމަވާތީ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމަށް ފުއާދު އައްޔަނު ކުރަން ފެންނަ ކަމަށް 70 މެމްބަރުން ވަނީ ވޯޓު ދީފަ އެވެ.

ފުއާދު ވަނީ 2008 އިން 2009 އަސް އީސީގެ މެންބަރެއްގެ މަގާމު އަދާކުރައްވައި 2014 ގެ ނިޔަލަށް އެ ކޮމިޝަނުގެ ރައީސްކަން ކުރައްވައިފައެވެ. އޭނާ އެ ކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނަވަނިކޮށް ސުޕްރީމް ކޯޓުން ސުމޯޓޯ ހިންގުމަށް ފަހު ވަނީ މަގާމުން ވަކިކޮށްފައެވެ.

އޭގެ ފަހުން ސިޔާސީގޮތުން އެމްޑީޕީއަށް ތާއީދުކޮށް ސޯޝިއަލް މީޑިއާގައި އަދި ސްރީލަންކާގައި ހުންނަވާ އެމްޑީޕީގެ ރައީސްއާއެކު ގިނަ މަސައްކަތްތަކެއް ކުރި އެވެ. އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މައްޗަންގޮޅި ދެކުނު ދާއިރާއަށް އަމިލަގޮތުން ވާދަކުރެއްވި އެވެ.