އިންޑިއާގެ ދިއްލީގައި އަންނަ މަހު ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވަމުންދާ ދިވެހިރާއްޖެ އާއި ދެކޮޅަށް ކުޅެ 3-0 ލަނޑުން ޝީޝެލްސް ބަލިވި މެޗުގެ ނަތީޖާ ތަކުރާރު ނުވޭތޯ ދެވަނަ މެޗުގައި މަސައްކަތް ކުރާނެ ކަމަށް އެޓީމުގެ ކޯޗު ރަލްފް ޖޯން ލުއިސް ބުނެފި އެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ޝީޝެލްސް ގައުމީ ޓީމާއި ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމު ކުޅުނު މެޗުގައި ރާއްޖެއިން ކާމިޔާބު ކުރި ދެލަނޑު ފުރަތަމަ ހާފު ގައި އަހްމަދު ތޯރިގް (ޓޮމް) ކާމިޔާބު ކޮށްދިން އިރު، ފަހު ހާފުގައި ކާމިޔާބު ކުރި ލަނޑު ޖަހައިދިނީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އެވެ.

މިމެޗުގައި ޝީޝެލްސް އަށް ލިބުނު ނާކާޔާބީ އާއި ބެހޭ ގޮތުން އެޓީމުގެ ކޯޗް ރަލްފް މެޗަށް ފަހު ބޭއްވި ނޫސް ކޮންފަރެއްސެއްގައި ބުނީ، މާދަމާރޭ ކުޅޭ މެޗުގައި ރޭގެ ކުޅުމުގައި ހެދުނު ކުށްތައް ރަނގަޅު ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އިންޑިއަން އޯޝަން އައިލެންޑްސް ގޭމްސްގައި އޮތް ރާއްޖޭގެ ގައުމީ ޓީމުގެ ޑިފެންސް ލައިނަށް ވުރެ މިހާރުގެ ޑިފެންސް ލައިން ވަރުގަދަ ކަމަށްވެސް ޝީޝެލްސްގެ ކޯޗު ބުންނެވެ.

"ޓީމުގެ ކުޅުމާ މެދު ހިތްހަމަ އެއް ނުޖެހޭ. ޓީމުން ކުށްތަކެއް ހެދި. އަންނަ މެޗުގައި މިކުށްތައް ތަކުރާރު ނުވޭތޯ މަސައްކަތް ކުރާނަން. ދެވަނަ މެޗުގައި މި ނަތީޖާއަކީ ނެރުން އެއީ އަހަރެން އުންމީދުކުރާ ކަމެއް ނޫން. އިންޑިއަން އޯޝަން އައިލެންޑް ގޭމެސްގައި އޮތް ރާއްޖޭގެ ޑިފެންސް ލައިނަށް މިހާރުގެ ޑިފެންސް މާ ރަގަޅު." ޝީޝެލްސްގެ ކޯޗް ރަލްފް ބުންޏެވެ.
ހުސްވި އޮގަސްޓް މަހު ބޭއްވި އަށް ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެ ވަނީ ސީޝެލްސްއަތުން 5-1 ލަނޑުން ބަލިވެފަ އެވެ. ރާއްޖެ އާއި ޝީޝެލްސް ބައްދަލުކުރާ ދެވަނަ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާރޭ 9:00 ގައި ގަލޮޅު ދަނޑުގަ އެވެ.