24 Nov 2019, 12:49
ލަވައެއް އަޑުއަހާލަން ވި ނަމަވެސް ނުވަތަ ފިލްމެއް އަދި ސީރީޒް އެއް ބަލަން ވެސް އެންމެ ފުރަތަމަ އަހަރެމެންނަށް ގިނަ ފަހަރަށް ހުޅުވާލެވޭނީ ހޮލީވުޑްގެ އުފެއްދުމެކެވެ. ނަމަވެސް ދިވެހި ޒުވާނުންގެ މެދުގައި އެ ޓްރެންޑު އަންނަނީ މަޑުމަޑުން ބަދަލުވަމުންނެވެ. ދިވެހީންގެ ޝައުގުވެރިކަން ހޮލީވުޑުން މަޑުމަޑުން ދެކުނު އޭޝީއާގެ އުފެއްދުންތަކަށް ވަނީ އެނބުރެން ފަށާފަ އެވެ.
ދެކުނު އޭޝިއާގެ އެންމެ ބޮޑު އެއް އިންޑަސްޓްރީއަށް ވާނީ ދެކުނު ކޮރެއާގެ ޕޮޕް އިންޑަސްޓްރީއެވެ. އާންމުންނަށް އެނގޭގޮތުގަައި "ކޭޕޮޕް" އެވެ.

މިވަގުތު ކޭޕޮޕްގެ އެންމެ މަގުބޫލު ބޭންޑް ބީޓީއެސް --- ފޮޓޯ : ބިލްބޯޑް
ކޭ ޕޮޕް އާއި ކޭ ޑްރާމާ ގިނަ ބަޔަކަށް ކަމުދޭ!
ބަވަނަ ވެފައިވާ ދުނިޔޭގައި އެކި ގައުމުތަކުގެ ކޮންޓެންޓުތައް ހޯދާލަން އެހާވެސް ފަސޭހައެވެ. އެގޮތުން ކޮރެއަން ޕޮޕް އިންޑަސްޓްރީގެ އުފެއްދުންތަކަށް އަންނަނީ މުޅި ދުނިޔޭގައިވެސް ބޮޑު މަގުބޫލުކަމެއް ލިބެމުންނެވެ. ކޭޕޮޕްގެ ބާރުގަދަވެ ބިލްބޯޑުތައް ކަހަލަށް ބޮޑެތި ޗާޓުތަކުގެ މައްޗަށް އަރައި އެމެރިކާގެ ބޮޑެތި އެވޯޑުތައްވެސް ވަނީ ހޯދަން ފަށާފައެވެ.
ދިވެހީންވެސް ވަނީ ކޭޕޮޕްގެ ފޯރީގައި ޖެހިފައެވެ. ކޭޕޮޕްގެ ބޭންޑުތަކުގެ މަގުބޫލުކަން އިތުރުވަމުން އަންނައިރު އެއަށް ލޯބިކުރާ ދިވެހީންވެސް ދަނީ އިތުރުވަމުންނެވެ.
ދިވެހީންގެ މެދުގައި ކޭޕޮޕް އަކީ އާ އެއްޗެއް ނޫނެވެ. ދިވެހީންނަށް ކޭޕޮޕް އާއި ކޮރެއަން ޑްރާމާތައް ކަމުދާތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ.
ކޭޕޮޕް އާ ގުޅޭގޮތުން ދިވެހީން ވަނީ ދެބަޔަކަށް ބެހިފައެވެ. އެއީ ކޭޕޮޕްގެ މިއުޒިކް އާއި ސީރީޒްތަކަށް ލޯބިކުރާ މީހުންނާއި އެ އިންޑަސްޓްރީ ދެކެ ފޫހިވާ މީހުންނެވެ. ނަމަވެސް އެ އިންޑަސްޓްރީ ދެކެ ފޫހިވާ މީހުންގެ އަދަދު މަދުވެ ކޭޕޮޕް އާ ދިމާލަށް ދާ ދިވެހީންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.
ބައެއް ޒުވާނުން ބުނާގޮތުގައި ކޭޕޮޕް ކަމުދަނީ އެމީހުންގެ ވަރަށް ބުރަ މަސައްކަތް ލަވަތަކުން ފެނިގެންދާތީއެވެ. ވަރަށް "ކެޗީ" މިއުޒިކް އާއި މޮޅު ނެށުންތައް ލަވައިގައި ހިމެނުމަކީ ސަބަބެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

މަގުބޫލު އެނިމޭ އެއް ކަމަށްވާ "އެޓޭކް އޮން ޓައިޓަންސް" -- ފޮޓޯ : ބްލޫމްބާގް
އެނިމޭ ބަލާ މީހުން އަންނަނީ އިންތިހާއަށް ގިނަވަމުން!
އެނިމޭޝަން ސީރީޒް ނުވަތަ އެނިމޭއަށް އެނިމޭގެ ނަން ލިބިފައިވަނީ ޖަޕާނުންނެވެ. އެނިމޭ އަކީ އެނިމޭޝަން އަށް ޖަޕާނުން ދީފައިވާ ނަމެވެ.
އެނިމޭއަކީވެސް ދިވެހިންނަށް އާ އެއްޗަކަށް ނުވާނެއެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި އެނިމޭ ބަލަނީ ހަމައެކަނީ އުމުރުން ހަގު ފިރިހެން ކުދީންނެވެ. ނަމަވެސް ސޯޝަލް މީޑިއާއަށް ބަލައިފި ނަމަ މިހާރު އެއީ ތެދެއް ނޫންކަން އެނގޭނެއެވެ.
ތަފާތު އެނިމޭ ސީރީޒްތައް ބަލާ ޒުވާނުން އިތުރުވަމުން އަންނައިރު އޭގެތެރޭގައި ދެ ޖީންސުގެ ޒުވާނުންވެސް ހިމެނެއެވެ.
"ނަރޫޓޯ" އާއި "ވަން ޕީސް" އަދި "ފެއަރީ ޓެއިލް" އަކީ އެތައް އަހަރެއް ވަންދެއް ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އެނިމޭތަކެވެ. ނަމަވެސް "ވަން ޕަންޗް މޭން" އާއި "އެޓޭކް އޮން ޓައިޓަން" ފަދަ މިހާރުވެސް ދައްކާ ސީރީޒްތަކަށް ދަނީ ލޯބި އިތުރުވަމުންނެވެ. ހަމަ ދެ ޖިންސުގެ ޒުވާނުންވެސް އެ ޝޯތައް ފޫހިކަމެއް ނެތި ބަލަމުން ދެއެވެ.

ޗައިނާއިން މި އަހަރު ނެރުނު ސައިންސް ފިކްޝަން ފިލްމު ވެންޑަރިން އާތުގެ މަންޒަރެއް --- ފޮޓޯ : ނެޓްފްލިކްސް
ޗައިނާ އާއި ޓައިވަނީސް ފިލްމުތައް ސަޅި
ޗައިނާ އާއި ޓައިވާނުން ނެރޭ ފިލްމުތަކުގެ މަގުބޫލުކަން އިތުރުވެފައިވާ ކަމުގެ ހެއްކަކީ ހޮލީވުޑްގެ ފިލްމުތަކުގެ އާމްދަނީއާ އެ ފިލްމުތައްވެސް އެއް ހަމަ ކޮށްފައިވުމެވެ.
ބޮޑެތި ބަޖެޓުގެ ޗައިނީސް ފިލްމުތަކަށް ލިބޭ އާމްދަނީވެސް އެހާ ބޮޑެވެ. އަދި ނެޓްފްލިކްސް ފަދަ ސްޓްރީމިން ސާވިސްތަކުން ޗައިނާގެ ކޮންޓެންޓްތައް ލިބެން ހުރުމަކީ އެފަދަ އުފެއްދުންތަކަށް ޝައުގުވެރިކަން އުފެދުން އިތުރުވެފައިވާ ސަބަބެކެވެ.
ޗައިނާއިން މި ފަހަކަށް އައިސް ގެނެސްދޭ އުފެއްދުންތައް ވަރަށް ތަފާތެވެ. ސައިންސް ފިކްޝަން އިން ފެށިގެން ފެންޓެސީ އަށް ޗައިނާގެ އުފެއްދުންތައް ގޮސްފައިވާއިރު އެ އުފެއްދުންތަކުގައި ވަރުގަދަ ކޮމެޑީ ހުރުމަކީ އެހެން ގައުމުގެ އުފެއްދުންތަކާ ޗައިނާގެ އުފެއްދުންތައް ތަފާތުވާ އެއް ސަބަބެވެ.
ޗައިނާއިން ފަހުން ނެރެފައިވާ "ދަ ވެންޑަރިން އާތު" އާއި "ކްރޭޒީ އޭލިއަން" ފަދަ ފިލްމުތަކަކީ ޗައިނާ ފިލްމު އިންޑަސްޓްރީއަށް އޮތް މަގުބޫލުކަން އިތުރުކޮށްފައިވާ އުފެއްދުންތަކެވެ.